ވިޔަފާރިތަކުން ބޭނުން ނަމަ މާސްކު އަޅަން މަޖުބޫރު ކުރެވޭނެ

ވިޔަފާރިތަކާއި އަމިއްލަ މީހުން ބޭނުން ނަމަ މާސްކު އެޅުމަކީ މަޖުބޫރު ކަމަކަށް ހެދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭން) ވިދާޅުވެއްޖެއެވެ.
“ދެން”އަށް މަޢުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ކޮލިޓީ އެޝުއެރެންސް ތަސްލީމާ އުސްމާން ވިދާޅުވީ ވިޔަފާރިތަކާއި އަމިއްލަ މީހުން ބޭނުން ނަމަ މާސްކު އަޅަން މަޖުބޫރު ކުރެވިދާނެ ކަމަށާއި އެ ތަންތަނުގައި ކޮވިޑުން ރައްކާތެރިވުމަށް އަމިއްލަ ގައިޑްލައިނެއް ގެންގުޅެވޭނެ ކަމަށެވެ.
ކޮވިޑް-19ގެ އާލަމީ ވަބާއިން ރައްކާތެރިވުމަށް ޓަކައި، އާންމުން ދިރިއުޅޭ ރަށްރަށުގައި ބޭރު ތެރޭގައި އުޅޭއިރު މާސްކު އަޅައިގެން އުޅުން މަޖުބޫރު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައި ވަނީ އިއްޔެއެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އެޅުން މަޖުބޫރުވުން އުވައިލައި ކޮވިޑް-19އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެން ވާކަމެއްގެ ގޮތުގައި ހަމަޖެއްސި ނަމަވެސް ޞިއްޙި ޚިދުމަތް ދޭ ތަންތަނުގައްޔާއި ކޮވިޑަށް ފައްސިވާ ރޭޓް % 20އަށް ވުރެ މަތި ނުވަތަ ބަލިފެތުރޭ ކަމަށް ކަނޑައަޅައިފައިވާ ރަށްރަށުގައި މާސްކު އަޅަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.