އެމްޑީޕީން މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވައިލައިގެން އިންތިޚާބުތަކުން ކާމިޔާބު ހޯދަން: ރައީސް ޔާމީން

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ވެހި ރައްޔިތުންނަށް އޮޅުވައިލައިގެން އިންތިހާބުތަކުން ކާމިޔާބު ހޯދަން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޅ. ކުރެންދޫ ކައުންސިލު ރައީސް ކަމަށް ވާދަކުރާ ޕީޕީއެމްގެ ކެނޑިޑޭޓް އިސްމާއިލް މަދީހަށް ތާއީދު ހޯދުމަށް އެ ރަށަށް ވަޑައިގެން، ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންނަށް އޮޅުވައިލައިގެން އިންތިހާބުތަކުން ކާމިޔާބު ހޯދުމަށް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، އެމްޑީޕީއަށް ދެ ފަހަރު މަތިން ވެރިކަން ލިބުމުން ވެސް ރައްޔިތުންނާއި ޤައުމަށް ފައިދާ ވާނެ އެއްވެސް ކަމެއް އެ ޕާޓީން ކޮށްދީފައި އޮތްތޯ ނުވަތަ ވެރިކަމަށް އައުމަށް ޓަކައި ވީ ވައުދެއް ފުއްދައިދީފައިވޭތޯ ސުވާލު ކުރައްވައިފައެވެ.
"އުސޫލެއް ގަބޫލުކުރާ ބައެއް ނޫން އެމްޑީޕީއަކީ. ލައްކަ ގިނަ ވާހަކަ، ލައްކަ ގިނަ ރަނގަޅު ވާހަކަ ރައްޔިތުންނަށް ވިއްކައިގެން ވެރިކަމަށް އަންނަނީ. ވެރިކަމަށް އައުމަށް ފަހު ހުރިހައި އުސޫލުތަކެއް މުގުރައިލައިފައި އެންމެ ހުދުމުހުތާރުކޮށް ވެރިކަން ކުރަން މިހައިތަނަށް ކޮށްފައި ތިބި ބަޔަކީ ވެސް އެމްޑީޕީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ ކުރެންދޫ ބޭރުން ކަނޑުން 1000 ގޯތި ދެވިދާނެ ކަމަށް ޓޫރިޒަމާއި ހައުސިންގެ ބޭނުމަށް ރާއްޖޭގައި ތަރައްގީކުރާ "ފްލޯޓިން ސިޓީ" ހަދާ ނެދަލެންޑްސް ޑަޗް ޑޮކްލޭންޑް ކުންފުނިން ބުނެފައިވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ކުރެންދޫގައި ވިދާޅުވި ވިދާޅުވުމަށް ނުސީދާކޮށް ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ ކޮންމެ އިންތިހާބަކުން މޮޅުވާން ވެސް އެމްޑީޕީން ދައްކާނީ އެފަދަ ވާހަކަތައް ކަމަށެވެ. އެހެންކަމުން ރައްޔިތުން ހޭވެރިވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.







ކޮމެންޓް