ޚަބަރު ސަރުކާރު

ޓެރަރިޒަމް ހުއްޓުވުމުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ދައުރު މުހިންމު: މާރިޔާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މުހިންމު ދައުރެއް އަދާކުރާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ލިބުނުކަމުގެ ލިޔުން ހަވާލުކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މާރިޔާ ވިދާޅުވީ ދުނިޔޭގެ ސަލާމަތީ ވެއްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ އަސަރު ރާއްޖެ ހިމެނޭ ސަރަހައްދަށް ވެސް ފޯރަމުންދާ ކަމަށެވެ. އެގޮތުން އަވައްޓެރި ސްރީލަންކާއަށް ދިން އީސްޓާ ސަންޑޭ ހަމަލާ އެ ކަމަނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ދިން ބައެއް ޓެރަރިސްޓު ހަމަލާތައް ވެސް މިނިސްޓަރު ވިދާޅުވެދެއްވިއެވެ. އެގޮތުން އދ. މަހިބަދޫ ފަޅުގައި އަޅައިފައި އޮތް ލޯންޗުތަކެއްގައި ރޯކޮށްލުމާއި މެއި 6ގެ ޓެރަރިސްޓް ހަމަލާ ފާހަގަކޮށް މާރިޔާ ވިދާޅުވީ އެ ފަދަ ޖަރީމާތަކުން، ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރު ހާމަވާކަމަށެވެ. އެ ގޮންޖެހުންތަކާ ކުރިމަތިލުމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ދައުރު މުހިންމުކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ފަތުރުވެރިކަމަށް އިންތިހާއަށް ބަރޯސާވާ، އަދި އެތެރޭގެ އުދުހުންތައް އިތުރުވެފައިވާ މިރާއްޖޭގެ 18 އެއަރޕޯޓުން ފުރާ، އަދި ޖައްސާ ކޮންމެ ފްލައިޓަކާއި، އެ ފްލައިޓަކަށް އަރާ ކޮންމެ ފަސިންޖަރަކާއި، އެ ފްލައިޓަކުން އުފުލާ ކޮންމެ ފޮއްޓެއް ސަލާމަތީގޮތުން އެއްވެސް ނުރައްކަލެއް ނެތް އެއްޗެއްކަން ބަލައި ކަށަވަރުކުރަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ކަމަށް މާރިޔާ ފާހަގަ ކުރެއްވިއެވެ.

މިފަދަ ކަންކަމުގެ ސަބަބުން ބައެއް ފަހަރު އާންމު ރައްޔިތުންނަށް އުނދަގޫވާކަން ފާހަގަކުރެވޭ ކަމަށާއި އެހެންނަ މަވެސް އެއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރުން މުހިންމުކަމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ. އޭނާ ވަނީ ރައްޔިތުންގެ ފަރާތުން އެކަމަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ސުޕްރިންޓެންޑެންޓުގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅުން އައްޔަން ކުރައްވާފައި ވާތީ އެކަން މިނިސްޓަރު މާރިޔާ ފާހަގަކުރެއްވިއެވެ. އަދި އެ ދެ ބޭފުޅުންނަށް މާރިޔާ މަރުހަބާ ވިދާޅުވިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ނަމުގައި ވަކި މުއައްސަސާއެއް އުފެއްދީ 2013 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!