ބްރެޒިލްގައި ޓެލެގްރާމް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ސްޕްރީމް ކޯޓުން އަމުރުކޮށްފި

ބްރެޒިލްގެ ރަސްމީ އިދާރާތަކަށް އެއްބާރުލުން ނުދޭކަމަށް ބުނެ އެ ގައުމުގައި ޓެލެގްރާމް ބޭނުންކުރުން މަނާކުރުމަށް ސްޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ސްޕްރީމް ކޯޓްގެ ފަނޑިޔާރު އެލެކްސެންޑަރ ޑި މޮރޭސް ނެރުނު އަމުރުގައި ބުނެފައި ވަނީ ބްރެޒިލްގެ ރަސްމީ އިދާރާތަކުން އެދޭ އެދުންތައް ފުރިހަމަކޮށްދިނުމަށް ޓެލެގްރާމުން ތަކުރާރުކޮށް ދެކޮޅު ހަދައިފައިވާ ކަމަށެވެ. އެ ގޮތުން މީހުންގެ ޕްރޮފައިލްތައް ބްލޮކްކޮށްދިނުމަށް ފުލުހުން އެދޭ އެދުންތަކާއި ، ދޮގު ވާހަކަ ފަތުރަމުންދާ އެ ގައުމުގެ އެކްޓިވިސްޓެއް ކަމަށްވާ އެލަން ޑޮސް ސަންޓޮސްގެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ޓެލެގްރާމްގެ ވާދަވެރިންނެކޭ އެއްގޮތަށް ޓެލެގްރާމަށް އެ ގައުމުން ގާނޫނީ ހައިސިއްޔަތު ހޯދުމަށް ވެސް ނުކުޅެދިފައިވާ ކަމަށް އަމުރުގައި ބުނެފައި ވެއެވެ.
ސްޕްރީމް ކޯޓްގެ މި އަމުރަކީ ޓެލެގްރާމްގައި މިލިއަނަކަށްވުރެ ގިނަ ފޮލޯވާސް ތިބި ރައީސް ޖަޔިރު ބޮލްސޮނާރޯއަށް ލިބުނު ބޮޑު ގެއްލުމެކެވެ. މި އަހަރުގެ އޮކްޓޯބަރގައި އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ މެސެޖުތައް ރައީސް ބޮލްސޮނާރޯ ދެއްވަނީ ޓެލެގްރާމްގައެވެ.
ރައީސް ބޮލްސޮނާރޯ ވިދާޅުވެފައި ވަނީ ސްޕްރީމް ކޯޓްގެ މި އަމުރަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ފުށޫއަރާ އަމުރެއް ކަމަށެވެ.