ބައިސްކޯފު ޓީވީ އެޕް: ކުޑަ ސްކްރީނުން ބޮޑު ސްކްރީނަށް!

މުނިފޫހިފިލުވުމަށްތަކައި ގިނަ ބަޔަކު މިހާރު ބޭނުން ކުރަމުން އަންނަ އެއް މަންސަ ކަމަށްވާ "ބައިސްކޯފު" ގެ ޓީވީ އެޕްލިކޭޝަން ދައްކާލައިފިއެވެ.
މިކަމަށްޓަކައި ބައިސްކޯފުގައި އިއްޔެ ހަވީރު ބޭއްވި ޚާއްސަ ހަފްލާއެއްގައި، ރާއްޖޭގެ ޓެލެކޮމިއުނޮކޭޝަން ދާއިރާގެ އިސް ފަރާތްތަކާއި މީޑިއާ ތަކުގެ އިސްފަރާތްތަކަށް ވަނީ މި އެޕްލިކޭޝަން ދައްކާލައިފައެވެ.
“ވަރަށް ގިނަ ދުވަހުގެ އިންތިޒާރަކަށްފަހު، އަދި ބައިސްކޯފު ބޭނުންކުރާ ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ބައިސްކޯފު އެޕް އާންމުންނާ ހަމަޔަށް މި ގެނެސްދެނީ. މި ފުރުސަތުގަ ބައިސްކޯފަށް އެކި ގޮތްގޮތުން އެހީރެތިކަން ދެއްވާފައިވާ ފަރާތްތަކަށް އަދި ހާއްސަކޮށް ބައިސްކޯފުގެ ލޯޔަލް ކަސްޓަމަރުންނަށް ނުހަނު އިޚްލާސްތެރި ޝުކުރު ދަންނަވަން.” ބައިސްކޯފުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިރުޝާން ވިދާޅުވިއެވެ.
“ބައިސްކޯފު އެޕަކީ ރާއްޖޭގައި ހިންގާ އެހެން ސްޓްރީމިންގ ޕްލޭޓްފޯމްތަކާ ވަރަށް ތަފާތު އެޕެއް. މި އެޕަކީ ހައިބްރިޑް އެޕެއް. މާނައަކީ ދުނިޔޭގެވެސް އެންމެ ކުރިއަރާފައިވާ ވަކިވަކި ވީޑިއޯ އަދި އޯޑިއޯ
ސްޓްރީމިންގ ޕްލެޓްފޯމްތަކާއި ކޮންޓެންޓް-އާޓިސްޓް ޑޭޓާބޭސް ފަދަ ޕްލެޓްފޯމްތަކުގެ ފީޗާތައް ބައިސްކޯފުގައި ހިމެނިފައިވޭ" މިރުޝާން ވިދާޅުވެފައިވެއެވެ.

މި ޓީވީ އެޕް އާންމުންނާ ހަމައަށް ގެނެސްދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބައިސްކޯފުގެ ކޮންޓެންޓް ބޮޑު ސްކްރީނަކުން ބަލާލުމުގެ ފުރުސަތު ބައިސްކޯފު ބޭނުންކުރާ ފަރާތްތަކަށް ހޯދައިދިނުން ކަމުގައި ބައިސްކޯފު ހިންގާ ފަރާތްތަކުން ބުނެފައިވެއެވެ. އެގޮތުން ބައިސްކޯފުގައި ހުރިހާ އުމުރަކާ ގުޅޭ ކޮންޓެންޓް ހިމެނިފައިވާނެ ކަމަށް ވެސް އެ ފަރާތުން ބުނެފައިވެއެވެ.
ބައިސްކޯފުގެ ފަރާތުން އެޕް ދައްކާލަމުން ބައިސްކޯފުގެ އާޓް ޑައިރެކްޓަރ ނޫރާ ރަޝީދު ވިދާޅުވީ، ޓީވީއެޕްގައި މޯބައިލް އެޕްގައިވާ ހުރިހާ ފީޗާ ތަކެއް އެކުލެވިގެންވާނެ ކަމަށެވެ. އަދި މި އެޕްގެ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނެނީ މިއުޒިކް، ފިލްމު، ޓީވީ ސީރީޒް، އޯޑިއޯބުކްސް، ލައިވް ޓީވީ ޗެނަލްތަކުގެ އިރުތުން ތަފާތު ޖޯންރާތަކުގެ ގިނަ އަދަދެއްގެ އޯޑިއޯ އަދި ވީޑިއޯ ކޮންޓެންޓްތައް ކަމުގައި ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެޕަށް މުޅިން އަލަށް އިތުރުކުރެވޭ ‘އެޓޯލް ޗާޓްސް’ ފީޗާ ވެސް ހިމެނިގެންވެއެވެ. އެޓޯލް ޗާޓްސް އިން ކޮންމެ އަތޮޅެއްގައި އެންމެ ހިނގާ ލަވަތައް ބަލާލެވޭނެއެވެ. ޓީވީ އެޕް އާންމުކުރެވޭ ހިސާބުން ބައިސްކޯފުގެ ކޮންމެ އެކައުންޓެއް 02 ޑިވައިސްގައި (ފޯނާއި ޓީވީ) ބޭނުންކުރެވިގެންދާނެއެވެ. އަދި
އެޕްގެ ‘ކޮންޓިނިއު ވޮޗިންގ’ ފީޗާގެ ސަބަބުން އެމީހަކު ބަލަމުންދާ ޑިވައިސް ބަދަލުވިކަމުގައި ވީ ނަމަވެސް އެންމެ ފަހުން ބެލި ހިސާބުން ފެށިގެން ކުރިއަށް ދެވޭނެއެވެ.
‘ބައިސްކޯފު’ އަކީ ރާއްޖޭގައި މިވަގުތު އެންމެ ކުރިއަރާފައިވާ އަދި ނަން ހިނގާ ސްޓްރީމިންގ ޕްލެޓްފޯމެވެ. ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ބައިސްކޯފު އެޕް ސްޓްރީމްކުރެވޭނެއެވެ. ބައިސްކޯފުގެ މޮބައިލް އެޕްލިކޭޝަން 12 ނޮވެމްބަރ 2018 ގައި އާންމުކޮށްފައިވާއިރު، ބައިސްކޯފު ކަސްޓަމަރުންގެ އަދަދު 150،000 އިން މައްޗައްގޮސްފައިވެއެވެ. އަދި މި އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ބައިސްކޯފު ޓީވީ އެޕް ވަރަށް އަވަސް މުއްދަތެއްގައި އާންމުންނާ ހަމަޔަށް ފޯރާނެ ކަމަށް މައުލޫމާތު ލިބެއެވެ.