ދިވެހި ތާރީހުގައި ވެސް އެންމެ އަގުހެޔޮކޮށް މަސްތުވާތަކެތި ގަންނަން ލިބެނީ މި ވެރިކަމުގައި: މޮސްޓާ
"އިންޑިއާ އައުޓް" ކެމްޕެއިން ހިންގަނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތައް، އެ ގައުމުން ހުއްޓުވާތީ ކަންބޮޑުވާ ބަޔަކު ކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވަމުން ގެންދަވާތީ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހަައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ) ހޫނު ރައްދެއް ދެއްވައިފިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވައިލައި، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިސްނެންގެވުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ދަށުން، ވެރިރަށް މާލޭގައި ކުރިއަށް ގެންދިޔުމަށް ނިންމައިފައިވާ އެއްވުން ހުއްޓުވުމަށް ގޮވައިލައި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މޮސްޓާ ވަނީ، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މަސްތުވާތަކެތި ގަނެ ވިއްކުން އިތުރުވެފައިވާ ކަމަށް ވިދާޅުވެ، އިންޑިއާއަށް އެއްވެސް ޑްރަގެއް ހުއްޓުވުނުތޯ ސުވާލު ކުރައްވައިފައެވެ.
އޭނާ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔަ ކޮންމެ ފަހަރަކު ވެސް، އެކަމުގެ ފަހަތުގައި އޮތީ އިންޑިއާ ކަމަށެވެ.
"ހޮޅިން ވިޔަސް، އަނދިރި އަނދިރިން ވިޔަސް، މަލާބާރީން ވިޔަސް، ކޮންމެ ބައެއް ވިޔަސް، މި ގައުމުގެ ދާހިލީ ކަންތަކާ، މިނިވަންކަން ގެއްލުނީ އިންޑިއާއާ ހެދި. ދެން މިތާގައި ރައްޔިތުންނަށް އޮޅުވައިލާން އެބަ ދައްކާ، ޑްރަގޭ، މަނީ ލޯންޑްރިންއޭ. މި ދިވެހި ތާރީހުގައި އެންމެ ގިނަ ޑްރަގް، އެންމެ އަގުހެޔޮކޮށް، ހުރިހާ ގޮތަކުން، މިގައުމަށް ވަދެފައި އޮތީ، މި ފަސް އަހަރު ދުވަހުގެ ތެރޭގައި. އިންޑިއާއަށް އެއްވެސް ޑްރަގެއް ހުއްޓުނުތޯ މިތަނަށް ވައްދަން އުޅުނު؟ ނުހުއްޓުވޭ." މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާ ވަނީ 1988ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިންވަނަ ދުވަހު ކުލީ ސިފައިން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ގައުމު ސަލާމަތް ކުރުމަށް ދިވެހި ސިފައިން ކުރި މަސައްކަތުގެ ކްރެޑިޓް ވެސް އިންޑިއާއަށް ދޭތީ ނުރުހުން ފާޅުކުރައްވައިފައެވެ.
މީގެ އިތުރުން މޮސްޓާ ވިދާޅުވީ ދިވެހީން އިންޑިއާއަށް ގޮސް ބޭސް ފަރުވާ ކުރަނީ ހިލޭ ނޫން ކަމަށާއި، އެގައުމުގެ ހިދުމަތްތެރީން، އެކި ދާއިރާތަކުން ދިވެހީންނަށް ހިދުމަތްކޮށްދެނީ ވެސް ހިލޭ ސާބަހަށް ނޫން ކަަމަށެވެ.
ވަރައް ރަގަޅު ވާހަކަޔެއް