ޚަބަރު ސިޔާސީ

އިދިކޮޅުގެ އެއްވެސް ހަރަކާތެއްގައި ގާނޫނާ ޚިލާފު ކަމެއް ހިންގައިފައެއް ނުވާނެ: މުހައްމަދު އިސްމާއީލް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އިދިކޮޅު ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ ޗެއާ، މުހައްމަދު އިސްމާއީލް

އިދިކޮޅު ފަރާތްތަކުން މިހައިތަނަށް ބޭއްވި އެއްވެސް ހަރަކާތެއްގައި ގާނޫނާއި ގަވައިދާ ޚިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު، އަދި އިދިކޮޅު ކޯލިޝަނުގެ ހަރަކާތު ކޮމިޓީގެ ޗެއާ، މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އޭނާ މިހެން ވިދާޅުވެފައި ވަނީ ދިވެހި ޗެނަލުން ގެނެސްދިން "ހަވާސާ" ޕްރޮގްރާމްގައި ދެއްކެވި ވާހަކައިގައެވެ.

އަންނަ ހުކުރު ދުވަހު "ނޭވާ ހޮޅިއަށް" މިނަމުގައި އިދިކޮޅު ކޯލިޝަނުން ބޭއްވުމަށް ތައްޔާރުވަމުންދާ އެއްވުން ކުރިއަށް ގެންދިޔުމުގެ ފުރުސަތު އެ ކޯލިޝަނަށް ނުދެވޭނެކަން ފުލުހުން ވަނީ އަންގައިފައެވެ.

ފުލުހުން ބުނެފައި ވަނީ، އިދިކޮޅުގެ އެއްވުމަކީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ނޫން ކަމަށް ބެލެވޭ ތަފާތު ސަބަބުތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

މުހައްމަދު އިސްމާއީލް ވިދާޅުވީ މީގެ ކުރިން ވެސް، ދިވެހި ރައްޔިތުން ކަންބޮޑުވާ އެތައް މައްސަލައެއްގައި އިދިކޮޅުން އަޑު އުފުލައިފައިވާނެ ކަމަށާއި، އެއިން އެއްވެސް ހަރަކާތެއްގައި ހަމަނުޖެހުމެއް ހިންގައިފައި ނުވާނެ ކަމަށެވެ.

ހުކުރު ދުވަހުގެ އެއްވުމުގައި، ކުށްކުރާ މީހުން ބައިވެރިކޮށްގެން ހަމަނުޖެހުން ހިންގުމަށް އިދިކޮޅުން މަސައްކަތް ކުރާ ކަމަށް ފުލުހުން ކުރި ތުހުމަތަށް ރައްދު ދެއްވައި، އޭނާ ވިދާޅުވީ، އެއްވުމާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނުގައި ވަނީ، ފުލުހުންނަށް ހީވާ އެއްޗެއް ކަމަށެވެ.

އަދި އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތްތަކަށް ބޭރު ގައުމުތަކުން ފަންޑު ކުރާ ކަމަށް ބުނެ ކުރަމުން އަންނަ ތުހުމަތަށް ވެސް އޭނާ ރައްދު ދެއްވިއެވެ.

"އަޅުގަނޑުމެން ރަށްރަށުގައި ބޮޑެތި އިވެންޓްތަކެއް ބާއްވާތީ، ހީވަނީ (ބަޔަކު) އަޅުގަނޑުމެންނަށް ބައިވަރު ހަރަދުތަކެއް ކުރެއޭ. އެއީ އެ ރަށްރަށުގައި ތިބި އެ ރަށްރަށުގެ ރައްޔިތުން. އެތަންތާ ތިއްބަވާ ފުލުހުންނަށް އެނގޭނެ އަޅުގަނޑުމެން އެކަންކަން ކުރަމުން އަންނަ ގޮތް."  އޭނާ ވިދާޅުވިއެވެ.

ހުކުރު ދުވަހު ބާއްވާ ހަރަކާތަށް ހުއްދަ ނެތް ކަމަށް ފުލުހުން ބުނި ނަމަވެސް، އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!