ވިލިމާލޭ ބައި-އިލެކްޝަން ބާއްވާ ތާރީޚް ބަދަލުކޮށްފި

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބާއްވާ ތާރީޚް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބަދަލުކޮށްފިއެވެ.
އެ ކޮމިޝަނުން މިއަދު ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައި ވަނީ 14 މެއި 2022ގައި ބޭއްވުމަށް ހަމަޖެހިފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބާއްވާ ދުވަހު ސިޔާސީ ޕާޓީއެއްގެ އެތެރޭގެ ބޮޑު އިންތިޚާބެއް ބާއްވަން ނިންމައިފައި ވާތީ އެ ދުވަހު އެ އިންތިޚާބު ބާއްވައިފި ނަމަ އިންތިޚާބު ބޭއްވުމަށް އިދާރީގޮތުން ދަތިތަކެއް ކުރިމަތި ވެދާނެކަމަށް ފެންނަ ކަމަށެވެ.
އެހެންކަމުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބާއްވާ ތާރީޚް 16 މެއި 2022ވާ ހޯމަ ދުވަހަށް ބަދަލުކުރެވިފައިވާ ކަމަށް އިލެކްޝަންސުން ވަނީ ބުނެފައެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބާއްވާ ތާރީޚް ބަދަލުކޮށްފައި މި ވަނީ ކުރިން އެ އިންތިހާބު ބޭއްވުމަށް ނިންމާފައިވާ މެއި 14ވަނަ ދުވަހު، ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ވެސް އެ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވުމާ ގުޅިގެންނެވެ.