ރިޕޯޓް

އޭރު ހިތްދަތިކަމާއި ލާއިންސާނީ އަނިޔާގެ ކަރުނަ، މިއަދު ކާމިޔާބީގެ ފޮނި ކަރުނަ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ނަބީޙްއާއި ނަބީޙްގެ މަންމަ | ފޮޓޯ: މިހާރު

ޙާފިޡް އަޙުމަދު ނަބީޙްގެ މަދަހައާއި ކީިރިތި ޤުރުއާން ކިޔަވާ މަންޒަރާއި އަޑު ޓީވީން ބަލަން ފެށީންސުރެ އަހަރެންގެ ދަރިފުޅަށް ނަބީޙަކީ ނަމޫނާއެކެވެ. ކަމުދާ ކުއްޖެކެވެ. މަގުމަތިން ފެންނަ ކޮންމެ ފަހަރަކު "އެއޮތް ދަނީ ނަބީޙް ބޭބެ"އޭ ބުނެ ދައްކައިލާ ކޮންމެ ފަހަރަކު މަސްހުނި އަދި ފޮނި އެތައް ޚިޔާލުތަކެއް ހިތުގައި ދައުރުވެއެވެ.

Ads by STELCO

އެކުވެރި އަރަބި ޢިމާރާތުގެ ދުބާއީގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022ގެ ފައިނަލްގައި ޙާފިޡް ނަބީޙް ވަނީ ރާއްޖެ ތަމްސީލްކޮށްފައެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ނަބީޙްގެ ކިޔެވުން އަޑުއަހައިފައި ޙާޒިރުވެ ތިބި އެތައް ބައެއްގެ ތަޢުރީފު އޭނާއަށް ލިބިގެން ދިޔައެވެ. އަދި މުބާރާތް އިންތިޒާމްކުރެއްވި ފަރާތުން ނަބީހުއާ ކުރި އިންޓަރވިއުގައި ސޫރަތެއްގެ ނަން ބުނުމަށް ފަހު އެ ސޫރަތުގެ އާޔަތެއްގެ ނަންބަރު ބުނުމުން ނަބީޙު ވަނީ އެ އާޔަތް ކިޔައިފައެވެ. އަދި އެ ވަގުތު ނަބީހުގެ އާދަޔާ ޚިލާފު ހުނަރު ފެނިފައި އިންޓަރވިއު ކުރި ފަރާތްތައް ވެސް ވަނީ ފެންކަޅިވެފައެވެ.

މީގެ އިތުރުން ތަފާތު އެކި ރާގުރާގަށް ކިޔެވުން ފަދަ ހުނަރުތައް ނަބީޙް ވަނީ މިމުބާރާތުގައި ދައްކައިފައެވެ. ނަބީޙުގެ އެ ހުނަރުތައް ފެނިފައި ދުބާއީގެ ރޭޑިއޯ ޗެނަލަކުން ވަނީ ނަބީޙުގެ ކިޔެވުން ރިކޯރޑުކުރުމަށް ބޭނުންވާކަމަށް ވެސް ބުނެފައެވެ.

މިއީ އިއްޔެ ދެއްކި އުފާވެރި މަންޒަރެވެ. ޤައުމު ފަޚުރުވެރިކޮށްދިން ހިނދުކޮޅުތަކެވެ. ނަމަވެސް މަތީ ދަރަޖައަކަށް އޯޓިޒަމް ހުންނަ ނަބީޙް ، މިއަދާ ހަމަޔަށް އައީ ދަތި އުނދަގޫ އެތައް މަގެއް ހުރަސްކޮށްފައެވެ. ކެތްތެރި މަންމައަކާއި ހިތްވަރުގަދަ ބައްޕައެއްގެ ނަމޫނާއެއް ދައްކައިފައެވެ. ކީރިތި ޤުރުއާންގެ މޫރިތި އާޔަތްތައް ނަބީޙް ކިޔަވަމުން ދިޔައިރު އޭނާގެ ހިތްވަރުގަދަ މަންމަގެ ލޮލުން އިއްޔެ ނީރައިލީ އުފާވެރިކަމުގެ ކަރުނަ ނަމަވެސް އިއްޔެއާ ހަމަޔަށް ވެސް އެ މަންމަ ވަނީ ހިތްދަތި އެތައް ކަމަކާ ކުރިމަތިލައިފައެވެ. ލާއިންސާނިއްޔަތުގެ އެތައް ޒަޚަމެއް ލިބި ހިތް ފާރުވެފައެވެ.

ކުޑައިރުންސުރެ ނަބީޙް ކުރިމަތިލާން ޖެހުނު ކަންކަން ނަބީޙްގެ މަންމަ މީގެ ކުރީން ވަނީ އެކި މީޑީއާތަކުގައި ހާމަކޮށްފައެވެ. އެ ވާހަކަތައް އަނެއްކާ ވެސް މީސްމީޑިއާގައި އާންމުވެފައެވެ. ނަބީޙަށް އެކި ފުރައްސާރައާއި މަލާމާތް ރައްދުވަމުން ދިޔައިރު ވެސް މީޑިއާއަކުން އެ ފަދަ ވާހަކައެއް ގެނެސްފައިނުވާކަން އެ ވާހަކަތައް ގެނެސްދިން އުޚުތާ ފާހަގަކޮށްފައި ވެއެވެ.

"ނަބީޙްގެ މަންމަ ، ނަބީޙަށް ޤުރުއާން ކިޔަވައިދިނުމަށް ޓަކައި އަވަށު ހަތްގޯތީގައި ސަލާމް ޖަހަމުން ހިނގި ގޮތުގެ ވާހަކައެވެ. ސްކޫލް މަދަރުސާއަކުން ޤުރުއާން ކުލާހަކުން އެ ކުއްޖާއަށް ފުތުސަތު ނުދީ ބާކީކޮށްލި ހިތްދަތިގޮތެވެ. އެންމެފަހުން ގޮތް ހުސްވެގެން މިސްކިތު ކްލާހަކަށް ގެންދިއުމުން ފުރަތަމަ ދުވަހު ދެބުރިޔަށް ހުންނަ ޖަލާލުއްދީން މިސްކިތުގެ ސިޑިން ބޮޑު މަހެއް ދަމާ ކޫއްތާފައި ގެންދާގޮތަށް، އެންމެންވެގެން ނަބީޙް ދަމައިފައި މިސްކިތުން ބޭރަށްނެރުނު ދުވަހެވެ. އެދުވަހު އޭނާ ބާކީކޮށް މަގުމަތިކޮށްލީ އޯޓިޒަމް ކުއްޖަކަށް ވީތީއެވެ. މަޑުން ނުހުރެވޭ، ބަސް ނުމޮށެވޭ ކުއްޖަކަށް ވީތީއެވެ. މީސްމީޑިއާގައި އިއްޔެ އެދުވަހު އެވާހަކަ ދިވެހިރާއްޖޭގެ އެއްވެސް ނޫހެއްގައި ނުލިޔެއެވެ. އެއްވެސް ރޭޑިޔޯއަކުން، އަދި އެއްވެސް ޓީވީއަކުން ނުކިޔައެވެ. ސޯޝަލް މީޑިޔާގައި ހިއްސާކޮށްލާނެ ފަރުދަކުވެސް ނުވި ތަނުގައި، ކަރުނަ ފޮހެމުންދިޔަ ދެމައިން ގާތު ވީ ކީއްތޯ އަހާލަން ކެރުނު އާދަމުގެދަރިޔަކު އެދުވަހު މަގުމަތީވެސް ހުރިކަމަކަށް ނުވިއެވެ.

ކުދިކުދި ވެފައިވާ ހިތަކައިގެން އެއްއަތުން ދެލޯފުހެމުން، އަނެއް އަތުން ދަރިފުޅުގެ އަތުގައި ހިފައިގެން ނަބީޙުގެ މަންމަ އައިންތު އެދުވަހު ގެއަށް ދިޔައީ ޢަޒުމެއް ކަނޑައަޅައިގެންނެވެ. ދަރިފުޅަށް ޤުރުއާން ކިޔަވައިދިނުމަށް ޓަކައި ކިޔަވައިދޭ އެއްވެސް ތަނަކަށް ނަބީޙު ނުގެންދިއުމަށެވެ. އެކަން ކުރެވޭނެ އެހެން ގޮތެއް ވޭތޯ ގަދައަޅާ މަސައްކަތް ކުރުމަށެވެ. ﷲ ގެ ރަޙްމަތްފުޅާ އެކު އޭނާގެ މަސައްކަތުން ތަނަވަސްކަމުގެ އަހުލުވެރިޔަކު އޭނާޔަށް އެހީވާން އެއްބަސްވިއެވެ. ނަބީޙްއަށް ކިޔަވައިދިނުމަށް ޓަކައި މީހަކަށް އުޖޫރަދީފައި އެ ގެއަށް ފޮނުވައިދިނެވެ. ކުޑައިރުއްސުރެ ވަރަށް ގިނައިން ޤުރުއާން އަޑުއަހާ ނަބީޙަށް ވަނީ ޤުރުއާން ހިތުން ދަސްވެފައިކަން އެނގުނީ އެ މުދައްރިސް ނަބީޙުގެ ފެންވަރުބެލުމަށް ޓަކައި މުޞްޙަފްގެ އެކި ހިސާބުތަކުން ސުވާލުކުރުމުން އެއްވެސް ޖެހިލުމަކާ ނުލައި އެއިން ކޮންމެ ސުވާލަކަށް ނަބީޙް ޖަވާބުދިނުމުންނެވެ. ދެން އޭނާ ކޮށްދޭންޖެހުނީ ޤުރުއާން މުރާޖަޢާކުރުމުގައި ނަބީޙަށް އެހީތެރިވެދިނުމެވެ. އެހިސާބުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގައި އޮންނަ ޤުރުއާން ހިތުދަސްކޮށްފައި ކިޔައިދޭ ކޮމެޓީއަށް ނަބީޙު ކީރިތި ޤުރުއާން ހިތުން ކިޔައިދޭން ފެށިއެވެ. ޙަޤީޤަތަކީ، ނަބީޙް ޤުރުއާން ދަސްކުރީ ޢާއިލާގެ އެހީއާއެ ކު އޭނާ އަމިއްލަޔަށެވެ. އެގޮތުން ސިވިޔަރ އޯޓިޒަމް ހުންނަ ނަބީޙް ދިވެހިންނަށް ސާބިތުކޮށްދިނީ، އޯޓިޒަމްއަކީ ސްކޫލުން، ޤުރުއާން ކްލާހުން، މިސްކިތުން ބޭރަށްނެރެ ކޮއްޕާލަން ޖެހޭ ސަބަބެއް ނޫންކަމެވެ. އަދި އޯޓިޒަމްއަކީ މުޖްތަމަޢުން އެކަހެރިކޮށް ބާކީކުރަން ޖެހޭ ސަބަބެއްވެސް ނޫންކަމެވެ. އެ ޙައްޤު މުޖުތަމަޢަށް ލިބިގެން ނުވާކަމެވެ.

ވަރަށް ގިނަމީހުން ( ޢާންމުންނާ ޚާއްޞުންގެ ވެސް) އަދިވެސް ހީކުރަނީ، އޯޓިޒަމް ކުދިންނަށް މަޑުން ނުތިބެވެނީ ނުލަފާކަމުން ނޫނީ ބަސްނާހާތީ ކަމަށެވެ. އެކުދިން ވަކިވަކި އެއްޗެހި ކައި ހަދަނީ، ތަފާތު ގޮތަކަށް އެކުދިންގެ އުޅުމާ ޢަމަލުތައް ހުންނަނީ އެކުދިންނަކީ "މޮޔަ ސޭކު ގަމާރު ނުލަފާ ބަސްނާހާ" ބަޔަކަށް ވީތީ ކަމެވެ. އެކުދިންގެ މައިންބަފައިން އެކުދިންނަށް ރަނގަޅު ތަރުބިއްޔަތު ނުދޭތީ ނުވަތަ ރަނގަޅަށް ނުބަލާތީ، ނޫނިއްޔާ ކޮންމެ ވެސް އިހުމާލެއްގެ ސަބަބުން އެކުދިންގެ އުޅުން ހުންނަ ގޮތުން ކަމެވެ. ނަމަވެސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ، އޯޓިޒަމްއަކީ ބައްޔެއް ނޫންކަމެވެ. އަދި އޯޓިޒަމް ކުދިންނަކީ ނާޤާބިލް ބައެއް ވެސް ނޫންކަމެވެ. ނަމަވެސް މުޢާމަލާތުކުރުމާ ޙިއްސުތައް ބޭނުންކުރާ ގޮތުގައި ހުންނަ ތަފާތުތަކެއްގެ ސަބަބުން އެކުދިންގެ އުޅުންތަކާއި ގުޅުންތަކުގައި ތަފާތުތަކެއް ހުންނަނީއެވެ. ބޭނުމީ އެ ތަފާތުތައް އެކުދިންގައި ހުންނަކަން ދެނެގަންނާނެ، އެކަމަށް އިޙްތިރާމް ކުރާނެ މުޖުތަމަޢެކެވެ. އޭރުން، ނަބީޙުފަދައިން ޤައުމު ފަޚުރުވެރިކޮށްދޭނެ އެތައް ދަރިންނެއް ދިވެހި އުޑުން ބަޅުކުރެއްވި ހިސާބުގައި އެބަ ދިރިއުޅެއެވެ. ނަބީޙުގެ މަންމަ ފަދައިން ދަރިންނަށް ޓަކައި، އެކުދިންގެ އަތުގައި ހިފައިގެން ކަރުނަ ބާލަމުން ހިރަފުސް މަގުތަކުގައި ކިލަޔާ ތަތްތެޅިގެން ދެފައި އެއްތާނުޖަހާ ހިނގާ އެތަކެއް މައިން އެބަތިއްބެވެ. ކުޑަމިނުން އެމީހުންގެ އިހްސާސްތަކަށް ޤަދަރުކުރާށެވެ. މަލާމާތާ ފުރައްސާރަޔާ ތޫނު ބަސްތަކުން އެފަދަ މީހުންނާ ކުދިންގެ ހިތްތައް މަރައިނުލާށެވެ."

މި ވާހަކަތައް ހިއްސާކުރި އުޚުތާ ބުނެފައި ވަނީ ނަބީޙް ގައުމަށް ރީތި ނަން ހޯދައިދިނީތީ އެންމެން އުފާކުރި ނަމަވެސް އެކަމާ ފަޚުރުވެރިވާން އޭނާއަށް ނުކުރެނު ކަމަށެވެ. އެއީ ނަބީޙްގެ މަންމަގެ ލޮލުން މިއަދު އެ ނީރާލި އުފާވެެރިކަމުގެ ކަރުނަ ތިއްކަކުން ނޫން ކަމަށާއި ނަބީޙުގެ މަންމަ ޙިއްސާކުރި، މައިލަގޮނޑިއަށް ކެތްކުރަން އުނދަގޫވި ވާހަކަތައް ހަނދާންވެފައި ކަމަށް އޭނާ ބުނެފައި ވެއެވެ.

ތެެދެއްމެއެވެ. ނަބީޙަކީ ޚާއްޞަ ކުއްޖެކެވެ. އެހެނީ ﷲ ތަޢާލާގެ ބަސްފުޅުތައް އެމީހެއްގެ ހިތުގައި ބިންވަޅު ނެގުމުގެ ތައުފީގު އެ އިލާހު ދެއްވާނީ ޚާއްޞަ މީހަކަށެވެ. އެއީ ކޮންމެކޮންމެ މީހަކަށް ޙާޞިލްވާ ކަމެއް ނޫނެވެ. އަމުދުން ނަބީޙް ފަދަ މުޖުތަޢުގެ ނޭއްގާނީކަމުން އެތައް ފަހަރަކު ފިހުނު ކުއްޖަކަށް އެއީ މާ ޚާއްޞަ ކަމެކެވެ.

ބައްޕަގެ ސައިކަލް ފަހަތުގައި އެ އިންނަ މައުސޫމް ނަބީޙް ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް އަރައެވެ. ޚާއްޞަ އެހީ ބޭނުން ވަނީ ވިސްނުމާއި ފިކުރު ތަޣައްޔަރުވެފައިވާ ނަބީޙް ފަދަ ކުދީންނަށް އިހުމާލްވާ ސިކުނޑިތަކަކަށް ނޫން ހެއްޔެވެ؟ އަދި ﷲގެ ބަސްފުޅުތަކުގެ މަދު މިންވަރެއް ނޫނީ ނެތް އަހަރެމެން ހިތްތަކަށް ނޫން ހެއްޔެވެ؟

Ads by Allied Insurance
  1. މުހައްމަދު ފައުޒީ

    މަރުހަބާަ ނަބީހުއަށްއަދިނަބީހުގެމަންމައާއިބައްޕައަށް
    ނަބީހުގެކިޔެވުން ވަރަށްރީތިއަޑުއަހާފޫހިނުވާހާރީތިހިތްގައިމުގާބިލްކުއްޖެއްމޮޅުހާފިޒެއްގާރީއެއް

  2. ރާގިނީ

    ަެއެކަމަކު މިސްކިތު ސިޑިން އެންމެންވެގެން ދަމާފަ ބޭރަށް ލާ އެއްލާލާނެހެން ހާދަ ހީނުވެޔޭ. ޤަބޫލުކުރަންދަތި ވާހަކައެއް ތީ .

  3. މަގުސަދު އަހްމަދު

    މަރުހަބާަ