ވާހަކަ މުނިފޫހިފިލުވުން

ކުރުވާހަކަ: ހިތަކުން ނުފިލާނޭ (ފަހުބައި)

ނައުފާ ، ދެން އޮންލައިން

ހިތަކުން ނުފިލާނޭ..ކުރީގެ ބައި ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައި ވަނިކޮށް އަހަންނަށް ކުޑަވެސް އުއްމީދެއް ލިބުނީ އަހަރެންގެ ބަނޑުގައި ކުޑަކުޑަ ފުރާނައެއް އަށަގަންނަމުން އައި އުފައުވެރި ޚަބަރުންނެވެ. އެ ޚަބަރާ އެކު އަހަރެން ގެއަށް ދިޔައީ އެކަމުން އެމީހުންގެ ހިތުގައި އަހަރެންގެ މައްޗަށް ކުޑަ ނަމަވެސް ރަހުމެއް ނުވަތަ ހަމްދަރުދީއެއް އުފެދޭނެކަމުގައި ހީކުރަމުންނެވެ.

Ads by Sosun Fihaara

އެހެނަސް ކަންތައްވީ އަހަރެން އުއްމީދުކުރިގޮތާ ދިމާ އިދިކޮޅަށެވެ. އެއީ އެމީހުން މާ ގަޔާވި ޚަބަރަކަށް ނުވިއެވެ. ސަބަބު އަހަންނަށް އެ ދުވަހު އާދިލް ވަރަށް ރަނގަޅަށް އޮޅުންފިލުވައި ދިނެވެ. ރަށުގެ ނަން ހިނގާ މުއްސަނދި އާއިލާއެއްގެ ކުއްޖަކާ އާދިލްގެ ކައިވެނި ހަމަޖެހުނީއެވެ. އަހަރެންގެ ބޭނުން ނެތުނީއެވެ. އަހަރެންދެކެ ވީ ލޯބި އެއީ ވަގުތީކަމެއް ކަމުގައި އާދިލް ބުނެލީ ނުހަނު ފަސޭހައިންނެވެ. އަހަރެންގެ ހިތް ކުދިކުދި ކޮށްލީ އެއްވެސް ޖެހިލުންވުމެއް ނެތިއެވެ. ވަގުތީ ގުޅުމަކަށް އެއްވެސް ދަރިއަކު އުފަންކުރަން ބޭނުން ނޫން ކަމުގައި އާދިލް ބުނެލިއެވެ. އެކުއްޖާގެ ސަބަބުން ކުރެވެން އުޅޭ އޭނާގެ ކައިވެންޏަށް އެއްވެސް ބުރުލެއް އަރާން ބޭނުންނުވާކަމުގައި ބުންޏެވެ. އެކަމަށް އޭނާގެ އާއިލާ ވެސް އެއްބަސްވިއެވެ. ވީ އެންމެ އަވަސް ގޮތަކަށް އަހަރެންގެ ބަނޑުން އެ ދަރިފުޅު ނައްތައިލުމަށް އެމީހުން ނިންމިއެވެ. ލިބެން އުޅޭ ފައިސާގަނޑުގެ ކުރިމަތީގައި އަހަރެންގެ ތުއްތު ދަރިފުޅުގެ އެއްވެސް އަގެއް ނެތް ކަމުގައި އެމީހުން ބުންޏެވެ. އަހަރެންގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނު ފަދައެވެ. އަހަންނަށް ލިބެން އުޅޭ ކުޑަކުޑަ އުފާ ވެސް އެމީހުން ބޭނުން ވަނީ ފޭރިގަންނާށެވެ. އާޚިރުގައި އަހަންނަށް ކުރެވުނީ ކޮންކުށެއް ހެއްޔެވެ؟ އެމީހުނަށް ދެވުނީ ކޮން ދެރައެއް ހެއްޔެވެ؟ އަހަރެންގެ ބަނޑުގައިވި މައުސޫމު ތުއްތު ފުރާނައިގެ އޮތީ ކޮން ކުށެއްބާއެވެ؟ ރޮއެރޮއެފައި އާދިލް ގާތުގައި އެހެން ނުހެދުމަށް އެދި އަހަރެން އާދޭސްކުރީމެވެ. އަހަރެންގެ މައްޗަށް އަނިޔާވެރި ނުވުމަށް ތަކުރާރުކޮށް އެދުނީމެވެ. ނަމަވެސް އެ ކަންފަތަށް އެއިން އަޑެއް ނީވޭ ފަދައެވެ. އަހަރެންގެ އަތުގައި ހިފައި ދަމައި ކޫއްތައިފައި ގެންގޮސް ކޮޓަރިއަށް ވައްދަމުން އެނދާ ދިމާއަށް ހޫރައިލިއެވެ. ބަނޑުހައިވެފައިވާ ސިންގާއެއް ފަދައިން އޭނާ އައީ އަހަންނަށް ހަމަލާދޭން ތައްޔާރުވަމުންނެވެ. ބިރުން ގޮސް އަހަންނަށް ދެލޯމަރައި ފިއްތައިލަމުން ބާރަށް ރޮއެގަނެވުނެވެ. އެ އަޑު އަހާނެ އެކަކު ވެސް ނެތްކަން އެނގުނަސް ވެހެވެ.

ހިތްހަމަޖެހޭވަރު ވުމުން އޭނާ ކޮޓަރިން ނުކުމެގެން ދިޔައިރު ގުޑިލާނެހައި ވަރެއް ވެސް ނެތިފައި ތަށިމުށިގަނޑުމަތީގައި އަހަރެން އޮތީމެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ހަމަ އެކަކު ވެސް އެ ތަނުގައި ނެތެވެ. ރޮއެރޮއެ ގޮސް ވަރުބަލިވުމުން އަހަންނަށް ނިދުނީއެވެ. ދުވަސްތައް އެގޮތުގައި ފާއިތުވާން ފެށީ އަހަންނަށް އެކި ގޮތްގޮތުން އާދިލްގެ ފަރާތުން ލިބެމުންދިޔަ އަނިޔާތައް އިތުރުކުރުވަމުންނެވެ. ހަށިގަނޑުގައި ލަކުނެއް ނެތް ތަނެއް މަދެވެ. ގިސްލައި ރޮމުން ކެތްތެރިވެވޭތޯ އަހަރެން މަސައްކަތްކުރީ މިއީ އަހަރެންގެ މައިންބަފައިންނަށް ދިން ހިތްދަތިކަމުގެ ބަދަލުކަމުގައި ހީކުރަމުންނެވެ. އެމީހުންގެ އޯގާތެރިކަމާއި އަހަންނަށް ދިން އިންތިހާ ލޯބީގެ މަތިން ހަނދާންވާންފެށީ އިންތިހާއަށެވެ. ކުރެވުނު ކުށަށް އަހަރެން ތައުބާވާން ނިންމީމެވެ. ހިތްވަރުކުރަން ނިންމީމެވެ.

އަހަންނަށް އަނިޔާކުރުމަކީ އާދިލްގެ އާދައަކަށް ވެއްޖެއެވެ. ހިތްހަމަޖެހޭވަރުވުމުން ފެންވަރައި ތާޒާވެލައިގެން އޭނާ ދިޔައީ ބޭރަށެވެ. އޭރު ކުކުރައިލަ ކުކުރައިލާ ނުތެދުވިފައި އަހަރެން އޮތީމެވެ. މަޑުމަޑުން ތަށިމުށިތަކުގެ މަތީގައި ކޭތެމުން ކަހަލަ ގޮތަކަށް އަހަރެން އެނދާ ދިމާއަށް މިސްރާބުޖެހީމެވެ. އެވަގުތު ބަނޑުގައި ރިއްސައިލިގޮތުން އަހަރެންގެ ހެޔަށް ވެސް ގޮތްވެގެން ދިޔައެވެ. އިހުސާސުކުރެވުނު ގަދަ ވޭނެއްގެ ސަބަބުން ބަނޑުގައި އަތްޖައްސައިލަމުން އަހަރެންނަށް ދެފައި ކުރުކޮށްލެވުނެވެ. ނޭވާ އަވަސްވެލުމާ އެކު މުޅިމީހާ ދާހިއްލާ ފޯވެއްޖެއެވެ. ލަސްލަހުން ދިޔާ އެއްޗެއް އަހަރެންގެ ފައިގެ ފަލަމަސްގަނޑުގެ އެތެރެފަރާތުން ލައިފައި ތިރިއަށް ފައިބަމުންދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. އެއާ އެކު މިވަނީ ކިހިނެއްކަން އަހަންނަށް ވިސްނިއްޖެއެވެ.

ހިތަށް ކުރުވި އަސަރެއްގެ ސަބަބުން އަހަންނަށް ރޮއެގަންނަމުން ދެލޯމަރައި ފިއްތައިލެވުނެވެ. އެކަނި ހާލައިގެން ގަދަވޭނުގައި އަހަރެން ތެޅިފޮޅެމުން ދިޔައީމެވެ. މަޑުމަޑުން ރިހުން ފިލަމުންދިޔައިރު އަހަރެންގެ ޚަބަރު ހުސްވެ ލޯމެރޭގޮތްވިއެވެ. އަހަންނަށް ހޭވެރިކަންވީ އާދިލް އައިސް ފެންފޮދެއް އަހަރެންގެ މޫނަށް ވިއްސައިލުމުންނެވެ. ތެޅިގަނެފައި އުނދުގުލުން އޮތް ތަނުން އަހަރެން ތެދުވީމެވެ. އޭރު އަހަރެންގެ ހިތުގައި އާދިލާ މެދުގައި ނަފުރަތުގެ ހުޅުކޮޅު އަނދަމުންދިޔައީ އިންތިހާއަށެވެ. ތަށިމުށިތައް މައްޗަށް ނަޒަރު ހުއްޓައިލުމާ އެކު އާދިލްގެ ތުންފަތުގައި ދުވެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އެ މަންޒަރު ބަލަން އަހަންނަށް އިތުރަށް ކެތެއްނުވިއެވެ.

"ކަލޭ ތީ ޤާތިލެއް... ޤާތިލެއް... އަހަރެންގެ ދަރިފުޅު މަރައިލީ ކަލޭ.. އަހަންނަށް ދެވުނު އަނިޔާތަކުން ވެސް ކަލޭގެ ހިތެއް ނުފުރުނު.." ހިތްވަރުކޮށްފައި އިން ތަނުން ތެދުވެ އާދިލްގެ ޓީޝާޓުގައި ހިފައިގަންނަމުން އަހަރެން ހަޅޭއްލަވައި ގަތީމެވެ.

"އަނގަމަޑުން ލައިގެން ހުރޭ... އަހަރެންގެ އަމުރަށް ކިޔަމަންވި ނަމަ ތިހެން ނުވީސް... ކަލޭ އަހަރެން ބުނިގޮތަށް ކަންތައް ނުކުރީމަ ގަދަބާރުން އަހަންނަށް މިހެން ހަދަން މަޖުބޫރުވީ..." އަހަރެން ދުރަށް ކޮށްޕައިލަމުން ރުޅި އައިސްފައި އާދިލް ބުނެލިއެވެ.

"އަހަރެން.. ދުވަހަކު ވެސް.. ކަލެއަކަށް މަޢާފެއް.. ނުކުރާނަން.. ދުވަހަކު ވެސް ނުކުރާނަން..." ބަނޑުގައި އަތްޖައްސައިލަމުން އަހަރެން ބުނީމެވެ.

"އަހަރެން އެބަ އުޅެންތަ ކަލޭގެ މަޢާފު ބޭނުންވެގެން... ބުނަންތަ ރަނގަޅު ވާހަކައެއް... މިހާރު އަހަންނަށް ކަލޭގެ ބޭނުމެއް ނެތް... އަހަރެން އަބަދުވެސް ބޭނުންވީ ތި މަލުގެ ފޮނިކޮޅު ބޯލަން.. އެކަމަކު.. ކައިވެނިނުކޮށް އެފަދަ އެއްވެސް ފުރުސަތެއް އަހަންނަށް ދޭކަށް ކަލޭ އެއްބަހެއް ނުވި... އަހަރެން ކަލެއާ ކައިވެނިކުރީ އެހެންވެ... އެނގިއްޖެތަ.. އަހަރެން ކުޑަކޮށް ވެސް ކަލޭދެކެ ލޯތްބެއް ނުވޭ... ތި ފޮނި ވާހަކަތައް ނުދައްކާ މިތަނުން ދާންއުޅޭ... ކަލޭ ތިހުރީ ވަރިކޮށްފައި.." މޫނަށް ވައްތަރެއް ޖައްސައިލަމުން އާދިލް ބުނެލީ މަލާމާތުގެ ރާގަކަށެވެ. އިވުނު ވާހަކަތަކުން އަހަރެންގެ ވަށައިގެންވި މާހައުލު އެނބުރިގަތް ފަދައެވެ. ދެލޯ ބޮޑުކޮށްލައިގެން އާދިލްގެ މޫނަށް ބަލަހައްޓައިގެން އަހަންނަށް އިނދެވުނީ ހަގީގަތުގައި ވެސް ބުނާނެ އެއްޗެއް ނުވިސްނުމުންނެވެ. އަހަރެން އިން ގޮތް ފެނި ދާންއުޅޭށޭ ކިޔައި އާދިލް ދެވަނަ ފަހަރަށް ހަޅޭއްލަވައިގަތެވެ. ބާރު ގުގުރިއަކާ އެކު ވާރޭގެ ތިކިތައް އޮއްސައިގަތީ އެ ވަގުތުއެވެ. އަހަރެންގެ ހިތާމައިގައި މުޅި ދުނިޔެ ވެސް ބައިވެރިވަމުން ދިޔަކަހަލައެވެ.

"އަހަރެން އާދިލަށް ޓަކައި ނުކުރަނީ ކޮންކަމެއް... އަހަރެންގެ ހުރިހައި އުފާތަކެއް ޤުރުބާންކުރިން... ހިތުގެ އަޑިން ލޯބިވީން... އާދިލް ބުނިއްޔާ ބުނިހައިކަމެއް ކުރިން... އަހަރެންގެ މައިންބަފައިންގެ ހިތުގައި ޖައްސައިފައި އާދިލާ އެކު އަހަރެން މިތަނަށް އައީ އާދިލްދެކެވާ ލޯބީގެ ހައްޤުގައި... އަހަރެންވީ ޤުރުބާނީގެ އަގު އާދިލަށް ދޭން އެނގުނީ މިހެންތަ؟ އަހަރެން ވީ ތެދުވެރި ލޯބީގެ ބަދަލަކީ މިއީތަ؟ މިއަދު މިތަނުގައި އަހަރެންގެ އެކަކު ވެސް ނެތް.. އަހަރެން.. ވަކި ކޮންތާކަށް ގޮސް ވަންނާނީ..." ގިސްލެވިފައި އަހަރެން ބުނެލީ ހިތުގައި ޖެހިފައި ވީލެއް ބޮޑުކަމުންނެވެ. އަމިއްލަ ހާލާ މެދު ހިތާމަކުރެވެމުންދިޔައީ އިންތިހާއަށެވެ.

"އަހަރެން އެއްފަހަރު ވެސް ކަލޭގާތު ބުނިންތަ ކަލޭގެ އާއިލާ ދޫކޮށްލައިފައި އަހަރެން ގާތަށް އަންނާށޭ.. އެއީ ކަލޭ އަމިއްލައަށް ކުރިކަމެއް.." އެހެން ބުނެލުމަށް ފަހު އަހަރެންގެ އަތުގައި ހިފައި އިންތަނުން ނަގަމުން އޭނާ މިސްރާބުޖެހީ ކޮޓަރިން ބޭރަށް ނުކުތުމަށެވެ. އަހަރެން އިން ހާލު ވެސް އެ ދެ ލޮލަށް ނުފެންނަ ކަހަލައެވެ. ލަދުން ގޮސް އަހަރެންނަށް އިސްޖަހައިލެވުނެވެ. ހެދުމުގެ ފަސްބައި ލެއިން ކަޅިވެފައިވީއިރު އަހަރެންގެ ހަށިގަނޑުވީ ބަލިކަށިވެފައެވެ. އެދިޔަ ބާރުމިނުގައި ގޮސް ގޭގެ މައިދޮރު ހުޅުވައިލަމުން މަގުމައްޗަށް އަހަރެން ހޫރައިލިއެވެ. ވެހެމުންދިޔަ ބޯވާރޭގެ ސަބަބުން މަގުމަތީގައި ހެދިފައި އޮތް ޗަކަ ފެންގަނޑުގެ ތެރަށް އަނގަވަތަށް އަހަރެން ވެއްޓުނެވެ. އަހަންނަށް ބަލައިލުމެއް ވެސް ނެތި ގޭގެ ދޮރު އާދިލް ލައްޕައިލިއެވެ. ވާރޭގެ ތެރެއަށް އަހަރެންގެ ވޭނުން ފުރިފައިވި ރުއިމުގެ އަޑު ހިނދިގެން ދިޔަ ހިނދު، ފަތިސްނަމާދުގެ ބަންގީގެ އަޑުން މުޅި މާޙައުލު ގުގުމައިގަތެވެ.

*****

"އެރޭ އެ ހާލުގައި އަހަރެން މަގުމަތީގައި އޮއްވައި އަހަންނަށް އެހީވީ... ހާދީބެ... އަހަރެން ހޮސްޕިޓަލަށް ގެންގޮސްދިން މީހަކީ ވެސް އެއީ... ހާދީބެގެ ދެމަފިރިންނާ އެމީހުންގެ ކުދިން ވެސް އަހަރެންގެ މައްޗަށް ނުހަނު ހެޔޮ... އަބަދުވެސް އެ ހެޔޮކަން އަހަރެންގެ ހިތުގައި ވާނެ... އާދިލް އަހަންނަށް އަނިޔާވެރިވި މައްސަލަ ޕޮލިހަށް ވެސް ހާދީބެ ހުށައެޅި... އެކަމަކު... އިންސާފު ނުލިބި އެކަން ވެސް ނިމިދިޔައީ އެމީހުންގެ ނުފޫޒުން... އަހަރެންގެ ހާލަތު ރަނގަޅުވުމުން އަހަރެން ގޮވައިގެން އެނބުރި މާލެ އައިސް އަހަރެންގެ އާއިލާއާ ހަމައަށް އަހަރެން ގެންގޮސްދިނީ ހާދީބެ... މަންމަމެންގެ ކިބައިން އެ ދުވަހު އަހަރެން މަޢާފަށް އެދުނިން... ލޯތްބާއެކު އާއިލާއަށް އެމީހުން އަހަންނަށް މަރުހަބާކީ... އެ ދުވަހަށް ފަހު... މީހަކަށް އިތުބާރު ކުރުމަކީ އަހަންނަށް ވަރަށް އުނދަގޫކަމެއް... ލޯބިވާން ބިރުގަނޭ... އެފަދަ ތަޖުރިބާއެއް އަލުން ކުރާނެހައި ވަރެއް އަހަރެންގެ ކިބައިގައި ނެތް... ފަސްއަހަރު ފާއިތުވެ ދިޔައިރު ވެސް އެކަމުން އަރައިގަންނަން އަދިވެސް އަހަންނަށް އުނދަގޫ... މިއީ... އަހަރެންގެ މުޅި ޙަޔާތް އެފުށް މިފުށަށް ޖަހައިލި ފަސްގަނޑު... އަހަންނަށް ވެގެންވާ ނަމަ ދުވަހަކު ވެސް މި ތަނަކަށް ނައީމުސް..." ހޯސްލައިފައި އަހަރެންގެ ލޮލުން ކަރުނަ ފައިބަމުން ދިޔައިރު އަހަރެންގެ ވާހަކަތަކުން ޝޮކެއް ލިބިފައި އިން ފަދަ ގޮތަކަށް އަރީކް އިނެވެ. އިރުކޮޅެއްގެ ހިމޭންކަމަށް ފަހު ހިތްވަރުކުރުމަށް އަރީކް ބުނެލީ ނުހަނު ލޯބިންނެވެ. އެއްވެސް ކަމެއް އަބަދަށް ދެމިނޯންނާނެ ކަމަށާއި ހުރިހައި ކަމެއްވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ ކަމުގައި އޭނާ ބުނެ އަހަންނަށް ހިތްވަރުދިނެވެ.

"ނާ.. ޔާ..." ފަހަތުން އިވުނު ފިރިހެންވަންތަ އަޑާއެކު އަހަރެންނަށް ލިބުނީ ސިހުމެވެ. ހަށިގަނޑަށް ހަރުކަށިކަމެއް ވެރިވީ ބޭއިޚުތިޔާރުގައެވެ. ފުންމައިގެން އިންތަނުން ތެދުވަމުން ފަހަތަށް އެނބުރި އަހަންނަށް ބަލައިލެވުނެވެ. އަހަރެންގެ އަމަލުތައް ހުރި ގޮތް ފެނި އަރީކް ވެސް އަވަސް އަވަހަށް އިން ތަނުން ތެދުވިއެވެ. ފެންކަޅިވެފައި ކުށްވެރިއަކު ފަދައިން އަހަންނަށް ބަލަހައްޓައިގެން އާދިލް ހުއްޓެވެ. ސޫރަ ވަކިކުރަން ދަތިވާވަރަށް އެ ހަށިގަނޑުވީ ހިކި އަނަރޫފަވެފައެވެ. މޫނުމަތީގެ ދިރުން ގެއްލިފައިވީ އިރު ދެލޯ ވަނީ ވަޅުވަދެފައެވެ. ފެންނަ މަންޒަރު ގަބޫލުކުރަން ދަތިވެފައި އަހަންނަށް ހުރެވުނީއެވެ. އެތައް ޒަމާނަކަށް ފަހު އާދިލް ފެނުމުން އަހަރެންގެ ހިތަށް ވެރިވީ ބިރުވެރިކަމެވެ. އަވަހަށް އެތަނުން ދުވެ ފިލަން ބޭނުންވިއެވެ. އެހެނަސް ދެވަނަ ފަހަރަށް އޭނާގެ ކުރިމަތީގައި ބަލިކަށިނުވުމަށް އަހަރެންގެ އަމިއްލަ ނަފުސަށް އަޑުލައިގަތީމެވެ.

"އަހަންނަށް އެނގޭ... އޭރު.. އަހަންނަށް ނާޔާއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް އިހާނެތިކޮށްކަން... މިއަދު އެ ކުށުގެ ސަޒާ އަހަންނަށް ލިބިއްޖެ ވެސްމެ... އަހަންނަށް އެނގޭ އަހަރެން މިހުރީ ނާޔާގެ ކިބައިން މަޢާފަށް އެދެވޭ ފަދަ ހާލަތެއްގައި ނޫންކަން ވެސް.. އެކަމަކު... އަހަރެން ނާޔާގެ ކިބައިން މަޢާފަށް އެދެން ބޭނުން.. އަހަންނަށް ކުރެވުނު ކޮންމެ ކުށަކަށް... ނާޔާ ފެނޭތޯ ހޯދާތާ ވަރަށް ދުވަސްވެއްޖެ... ނާޔާއަށް ދެރަދީފައި ވަކި އަހަންނަކަށް އުފަލަކުން ނޫޅެވުނު.. ނާޔާ ވަރިކުރުމަށް ފަހު އަހަރެން ދެވަނަ ކައިވެނި ކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ދިމާވި އެކްސިޑެންޓެއްގައި އަހަންނަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނު... އޭގެ ސަބަބުން އަހަންނަށް... އަހަންނަށް... ދަރިން ލިބުމުން މަހުރޫމުވި ވާހަކަ ޑޮކްޓަރު ބުނީ... ދަރިން ނުލިބޭ ފިރިހެނަކާ އެކު އުޅޭކަށް ބޭނުން ނުވާކަމަށް ބުނެ ދުވަސްކޮޅެއް ފަހުން އަހަރެންގެ އަންހެނުން އަހަރެންގެ ގާތުން ވަރިވެގެން ދިޔައީ... އެ ދުވަހު އަހަންނަށް އިހުސާސުވި... އަހަރެންގެ މި ދެ އަތުން... އުފަން ނުވާ އަހަރެންގެ ދަރިފުޅު މަރައިލިކަމުގެ ހިތި ރަހަ އަހަރެންގެ ކަރުބުޑުގައި ލައިފިކަން... ނާޔާއާ މެދު ކަންތައްކުރެވުނު އަނިޔާވެރިގޮތް ހިތަށް އަރާ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް އިންތިހާއަށް ތަދުވޭ... އެދުވަހު އަހަރެންގެ ފާފަތަކުން އަހަރެންނަށް ރެކިގަނެވުނަސް... މާތް ރަސްކަލާނގެ... އަންހެނަކާ މެދު އަހަރެން ކަންތައްކުރި ނިކަމެތިގޮތާ... ތުއްތު ފުރާނައަކަށް އަހަރެންވި އަނިޔާގެ ބަދަލު ދެއްވައިފި... ދުނިޔެމަތީ ވެސް އަހަންނަށް އެކަމުގެ ހިތިކަން ދައްކުވައިފި... ނާޔާއަށް އިންސާފު ދެއްވައިފި... އާދޭސްކުރަން... ﷲއަށް ޓަކައި އަހަރެންނަށް މަޢާފުކޮށްދީ... މިއަދު ބަނދަރުމަތިން ނާޔާ ފެނުނީއްސުރެ އަހަރެން މަސައްކަތްކުރަމުން މިއައީ ކޮންމެ ހާލަކުން ނަމަވެސް ނާޔާގެ ކިބައިން މަޢާފަށް އެދުމަށް..." ގިސްލަގިސްލައިފައި ރޮމުން އާދިލް ބުނެލިއެވެ. ބުނާނެ އެއްޗެއް ނުވިސްނި ބަސްހުއްޓޭ ގޮތް އަހަރެން ވިއެވެ. އުއްމީދު ވެސް ނުކުރާ ފަދަ ބަސްތަކެއް އާދިލްގެ ދުލުން ބޭރުވުމުންނެވެ. މާތް ރަސްކަލާނގެއީ ކޮންމެ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ. ހިތްތަކުގައި ވާހައި ކަމެއް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ދުނިޔޭގެ ލޯތަކަށް ސިއްރުވެފައިވީ ނަމަވެސް އެއްވެސް ކަމެއް އެކަލާނގެއަށް ސިއްރުވެގެން ނުވެއެވެ.

ފުންނޭވާއެއް ދޫކޮށްލަމުން އަހަރެން އިސްޖަހައިލީމެވެ. "ދުވަހަކު ވެސް... އާދިލްއަށް މަޢާފުނުކުރާނެކަމަށް އަހަރެން ބުނިން... އެކަމަކު... އެކަމަކު... މާތް ﷲއަށް ޓަކައި... އަހަރެން މަޢާފުނުކުރާނެ އެއްވެސް މީހަކު ނުވޭ... އެކަލާނގެ އޯގާވަންތަކަމުން އަހަރެންގެ ފާފަތައް ފުއްސަވައި އަހަންނަށް ޢަފޫ ނުކުރެއްވި ނަމަ ޚުދު އަހަރެންގެ ހާލެއް ބުނެދޭކަށް ވެސް ނޭނގެ... ﷲއަށް ޓަކައި އަހަރެން އާދިލަށް މަޢާފުކޮށްފިން.. އެކަމަކު... ދުވަހަކު ވެސް... ދުވަހަކު ވެސް.. އާދިލް އަހަންނާ މެދު ކަންތައްކުރި އިހާނެތި އަނިޔާވެރިގޮތެއް އަހަރެންގެ 'މި ހިތަކުން ނުފިލާނެ'... ދުވަހަކު ވެސް ނުފިލާނެ..." ހިންދިރުވައިލަމުން ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކާ އެކު ލަސްލަހުން އާދިލް ބޯޖަހައިލިއެވެ. އަދި ފަހު ފަހަރަށް އަހަންނާ ދިމާއަށް ބަލައިލުމަށް ފަހު އެތަނުން ދިއުމަށް އޭނާ ހިނގައިގަތެވެ.

އަހަރެންގެ ހިތްވަރަށް ސާބަސްދެމުން އަރީކް އަހަންނަށް ބަލައިލީ އަހަންނާ މެދު ފަޚުރުވެރިވާ ފަދައިންނެވެ. އެ ދެލޮލުން ފެންނަމުންދިޔަ ސާފު ތެދުވެރި ލޯބި ފުރަތަމަ ފަހަރަށް ފިނި ރޯޅިއެއްގެ ސިފައިގައި އައިސް ޒަޚަމްތަކުން ފުރިފައިވި އަހަރެންގެ ހިތުގައި ބީހިލިއެވެ. އިރުއޮއްސެން ގާތްވެފައިވުމުން މުޅި އުދަރެހަށް ފެތުރިފައިވީ ބަލައި ފޫހިނުވާނެފަދަ ހިތްގައިމުކަމެވެ. ދޮންވެލިގަނޑުގައި ބޮސްދެމުންދިޔަ ކުދިކުދި ރާޅުތަކާ ދިމާއަށް އަހަރެން ހިނގައިގަތްއިރު، ފަސްއަހަރު ފަހުން އަހަރެންނަށް ހަމަޖެހުމެއްގެ އިހުސާސުކުރެވެމުން ދިޔައެވެ. އަހަރެންގެ ފަހަތުން ކަހަލަ ގޮތަކަށް އައިސް އަރީކް ވެސް އަހަރެން ގާތުގައި ހުއްޓިލިއެވެ. އެ މޫނަށް ނަޒަރު ހުއްޓައިލަމުން އަހަރެން އިރުކޮޅަކު ބަލަން ހުރީމެވެ. ކިހިނެއްވީތޯ އަހައިލާ ފަދަ ގޮތަކަށް އޭނާ ނިތްއަރުވައިލިއެވެ.

"އަރީކްއާ... ކައިވެނިކުރަން އަހަރެން ތައްޔާރު... ތީ އަހަރެންގެ މައިންބަފައިން ވެސް ނުހަނު ރުހޭ ޒުވާނެއް.." މަންމަގެ ވާހަކަތައްމަތިން ހަނދާންކޮށްލަމުން ލަދުރަކި ގޮތަކަށް އަހަރެން ބުނީމެވެ. ބަސްހުއްޓިފައި އޭނާ އަހަންނަށް ބަލަން ހުރީ ސުވާލުގެ ނަޒަރަކުންނެވެ.

"މަންމަ އަބަދުވެސް އަރީކްގެ ރަނގަޅު ވާހަކަ ދައްކާ.. ތެދައް ބުނާ ނަމަ މި ނިންމުން ނިންމަން މިހާރު ލަސްވެސް ވެއްޖެ.. އަރީކަށް ޓަކައި އަހަރެންގެ ހިތުން ޖާގައެއް ހުސްވީ ކިހިނެއް ކޮންއިރަކުކަމެއް އަހަންނަކަށް ނޭނގެ... އެކަމަކު ތި އޯގާތެރިކަން އަހަރެންގެ ހިތް ފަތަޙަ ކުރިތާ ކިތަންމެ ދުވަހެއް... އެ އިހުސާސުތަކާ ކުރިމަތިލާން ނުކެރި ފިނޑިވީ އަހަރެން... އަހަރެންގެ ހުރިހައި ވާހަކަތަކެއް އަޑުއެހިކަމަށް ޓަކައި ޝުކުރުވެރިވަން... މިއަދު... އަހަރެންގެ ހިތުގެ އެދުމަށް އިޖާބަދޭން ބޭނުން... އެހިތް އެދެނީ އަރީކްގެ ލޯތްބަށް ފުރުސަތެއް ދިނުމަށް..." އަރީކްގެ ދެލޮލަށް ބަލަން ހުރެ އަމިއްލަ އިހުސާސުތަކަށް އަހަރެން އިޢުތިރާފުވީމެވެ. އަރީކްގެ ދެލޮލުން ފައުޅުވެލި އަޖައިބެއް ފަދަ ވިދުން ފެނި އަހަރެންގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހަމަޖެހުމެކެވެ. އެތައް ޒަމާނަކަށް ފަހު މަޑުމަޑުން އަހަރެންގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އެތަން ފެނި އަރީކް ވެސް ހިނިތުންވެލިއެވެ.

"އިރާދަކުރެއްވިއްޔާ ހަޔާތުގައި ދެވަނަ ފަހަރަށް ލޯބީގައި ތިފަދަ ތަޖުރިބާއެއް ނާޔާ ކުރަން ނުޖެހޭނެކަމުގެ ޔަގީންކަން އަހަރެން ދެން.. ނާޔާ އެދޭ ފަދަ ހެޔޮލަފާ ޞާލިހް ބައިވެރިއަކަށްވުމަށް އަހަރެންނަށް ކުރެވުނު ކޮންމެ ކަމެއް ކުރާނަން... ނާޔާގެ ތި ނިންމުމާ މެދު އިރާދަފުޅުން ދުވަހަކު ވެސް ހިތާމަކުރާން ނުޖެހޭނެކަމުގެ ޔަގީންކަންދެން.." ލޯތްބާ އެކު އަހަރެންގެ މޫނަށް ބަލަން ހުރެ އަރީކް ބުނެލިއެވެ. ލިބުނު އުފަލުގައި އަހަރެންގެ ހިތް ނަށައިގަތެވެ. ހިނިތުންވެލަމުން ކުދިކުދި ރާޅުތަކަށް ގޯނާކޮށްލަމުން އެތަނުން ދިއުމަށް އަރީކްއާ އެކުގައި އަހަރެން މިސްރާބުޖެހީމެވެ. އެ ހިތި ހަނދާންތަކާއި ދުވަސްތައް މާޒީގެ ތެރަށް ދޫކޮށްލަމުންނެވެ. އައު ހިތްވަރަކާއި ޢަޒުމަކާ އެކުއެވެ. އުފައުވެރި އައު ޙަޔާތަކަށް މަރުޙަބާ ކިޔަމުންނެވެ.

(ނިމުނީ)

Ads by Ooredoo
  1. ވަރަށް ސަޅި