ފާފަތައް ކަނޑުގެ ފޮނުގަނޑުހައި ގިނަ ވިޔަސް ފުއްސަވާނޭ ޒިކުރެއް
އެންމެ މާތް ، އެންމެ މަތިވެރި އަޅުކަން އަދާކުރުމަށް ﷲ ތަޢާލާގެ ގެކޮޅަށް ކޮންމެ ދުވަހަކު ފަސްފަހަރަށް ގޮސް ޙާޟިރީ ދިނުމަކީ އާދައިގެ ކުޑަކުޑަ ކަމެއް ނޫނެވެ. އަދި ކިއެއްތަ! އެއީ މަތިވެރިވެގެންވާ ދެއްވުމެކެވެ. ﷲގެ ދީލަތިވަންތަކަމުގެ ސަބަބުން އެއިލާހު ތިބާއަށް ދެއްވާފައިވާ ޚާއްޞަ އިނާޔަތެކެވެ.
ވިސްނަވައިލައްވާށެވެ! ތިބާގެ ގެއަށް އައިސް މީހަކު ބެލް ޖަހާލުމުން ތިބާ ބަލާލަނީ އެއީ ކާކުތޯއެވެ؟ ތިބާގެ ގެއަށް ތިބާ ވައްދަނީ ތިބާ ބޭނުންވާ ތިބާ ހިތް އެދޭ މީހުންނެވެ. މި ނަޒަރުން ފިކުރުކޮށްލައްވާށެވެ. ﷲގެ ގެކޮޅަށް އެއިލާހު ވައްދަވަނީ ވެސް އެއިލާހު ރުއްސަވާ އަޅުތަކުންނެވެ. އެ އިލާހުގެ މަދަދުވެރިކަން އޮތް މީހުންނެވެ. އެހެނީ ، ކާމިޔާބާއި ފަލާޙް ހޯދުމަށް ، އެ ކަން މިންވަރު ކުރައްވާ އިލާހުގެ ޙަޟްރަތަށް ކުއްތަށް ވުމަށް ގޮވައިލުމުން ވެސް ޚިޔާލެއް ފިކުރެއް ނެތި ، ކޮފީތަކުގަޔާއި ކުޅޭ ދަނޑުތަކާއި ، ގޭގެ ޓީވީތައް ދޮށުގައި އެ ތިބެނީ ކިތައް މީހުން ހެއްޔެވެ؟ އެފަދަ މީހުންގެ ތެރެއިން ވެސް ފުރޭނިގެން،ޚާއްޞަކުރެވިގެން ﷲގެ ދަރުބާރަށް ތިބާ ގެންދިޔުމަށް ، ﷲ ތިބާ އިޚްތިޔާރު ކުރެއްވިކަމީ ޔަގީނުން ވެސް އެއިލާހު ދެއްވި މަތިވެރި ނިޢުމަތެކެވެ.
އަޅުގަނޑުމެންގެ ތެރެއިން މަދު ނޫން ބަޔަކީ ހަމައެކަނި ހުކުރު ނަމާދުކޮށްލާ މީހުންނެވެ. އޭގެ ތެރެއިން ވެސް މަދު ނޫން އަދަދަކީ މިސްކިތަށް ނާރައި ، ހަމައެކަނި ގޯތި ތެރޭގައި ނުވަތަ މިސްކިތުގެ ސަރަހައްދާއި މަގުމަތީގައި ނަމާދުކޮށްލައިފައި ދާ މީހުންނެވެ. އަޚުންނާއި އުޚުތުންނެވެ. ވިސްނާލުން ކީއްތޯއެވެ؟ ހަފްތާގައި ކޮށްލާ ހަމައެކަނި ނަމާދަށް ވެސް ﷲގެ ގެކޮޅަށް ވަދެލުމުގެ ތައުފީގު އޭނާއަކަށް ނުލިބެއެވެ.ހިތްދަތި ކަމެއް ނޫންތޯއެވެ.
ބަންގީގެ ނިދާއަށް އަޅުގަނޑުމެން ދޭ ޖަވާބާ މެދު ވެސް ފިކުރެއް ހިންގައިލަމާތޯއެވެ. ބަންގި ގޮވަމުންދާއިރު ، ބަންގީގެ ލަފްޒުތައް އަހަރެމެން ތަކުރާރުކުރަމުން ގެންދަމުއެވެ. އަދި ނަމާދަށް އަވަސްވެގަތުމަށާއި ، ކާމިޔާބު ހޯދުމަށް އަވަސްވެ ގަތުމަށް ގޮވާލުމުން އަހަރެމެން ތަފާތު ޖަވާބެއް އެބަދެމުއެވެ. އެއީ لا حَوْلَ وَلا قُوَّةَ إِلا بِالله، އަހަރެމެންގެ އެއްވެސް އާރެއް ބާރެއް ނެތްކަމަށާއި ﷲގެ ޙަޟްރަތުން ލިބުނު ބާރެއް ނޫނީ ނެތްކަމަށްވާ އިޢުތިރާފެވެ. ގެއިން ނިކުމެގެން މިސްކިތަށް ދެވުމަކީ ވެސް ﷲ ތަޢާލާގެ ޙަޟްރަތުން ލިބުނު ބާރެއް ކަމަށްވާ އިޢުތިރާފެވެ. ކިހައި ބޮޑު ތެދެއްތޯއެވެ. 70 އަހަރު ނުވަތަ 80 އަހަރުގެ މުސްކުޅިން ގެއިން ނިކުމެގެން މިސްކިތަށް ދިޔުމުގެ ބާރު ﷲ ދެއްވިއިރު އެންމެ ވަރުގަދަ ޒުވާނުންގެ ގައިގައި އެބާރު ނެތްކަން އަހަރެމެން މިދަނީ ދެކެމުންނެވެ. ގައިގައި ވަރު ހުރި ނަމަވެސް ﷲގެ ގެކޮޅަށް ޙާޟިރުވުމަށް އެއުރެންގެ ދެފައި ހަރަކާތެއް ނުކުރެއެވެ. ހިތެއް އެކަމަކަށް ނޭދެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. ތިބާއަކީ ﷲގެ ދަރުބާރަށް ބަރާބަރަށް ޙާޟިރުވާ މީހެއް ނަމައީ ވެސް އެއީ ތިބާ މޮޅު ކަމަކުން ތިބާގެ މާތްކަމަކުން ވީ ކަމެއް ނޫނެވެ. އެއީ މަތިވެރި ﷲ ތަޢާލާގެ ޚާއްޞަ ދެއްވުމެކެވެ. ޚާއްޞަ އިނާޔަތެކެވެ. އެކަމަށްޓަކައި އެއިލާހަށް ޙަމްދާއި ޝުކުރު ދެންނެވުން މަތީ ދެމި ހުންނާށެވެ. ހަމައެހެންމެ ، ﷲގެ ގެކޮޅަށް ދިޔުމުގައި ކަންނެތްވާ މީހެއް ނަމަ ﷲގެ ޚާއްޞަ އަޅުތަކުންގެ ތެރޭގައި ވުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ. އެކަމަށް ޓަކައި މި ލަފްޒުތައް ގިނަގިނައިން ކިޔާ ، ހިތްވަރާ އެކު މަސައްކަތް ކުރާށެވެ.
لا حَوْلَ وَلا قُوَّةَ إِلا بِالله
އިންޝާﷲ ، ތިބާއަށް ﷲގެ ނަޞްރާއި މަދަދު ލިބިގެންދާނެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
" ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި، 33ފަހަރު، ﷲއަށް ތަސްބީޙަ ކިޔާ، 33 ފަހަރު ޙަމްދުކޮށް، 33 ފަހަރު ތަކްބީރު ކިޔާށެވެ. އޭރުން އެ ވީ99 އެވެ. އަދި 100 ހަމަކުރުމުގެ ގޮތުން، لاَ إلَه إلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ, لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَي كُـلِّ شَيْئٍ قَــدِيْرُ މިފަދައިން ކިޔައިފި ނަމަ، އެމީހެއްގެ ފާފަތައް ފުހެވި ދާހުއްޓެވެ. އެއީ އެ ފާފަތައް ކަނޑުގެ ފޮނުގަނޑުހައި ގިނަކަމުގައި ވިޔަސްމެއެވެ." (މުސްލިމް)