ދީން

ފަޚުރުވެރި ، ތަނަވަސް އިންސާނާގެ ޙާލު!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓީވީ ސްޓޫޑިއޯގައި ޕްރެސެންޓަރާ އެކު އޭނާ އެ އިނީ ޕްރޮގްރާމް ފަށަން ތައްޔާރުވެގެންނެވެ. ކުރިމަތިވެދާނެ ސުވާލުތަކަކަށް ތައްޔާރުވެލައިގެން އޭނާ އައިސް އެ އިނީ ރީއްޗަށް ނަލަ ހެދިލައިގެން ވެސް މެއެވެ. އޭނާގެ މަޝްހޫރުކަމާއި މަޤުބޫލުކަމާ އެކު އެ ޕްރޮގްރާމް ބަލާނެ އެތައް ހާސް ބަޔަކަށް އޭނާ ފެންނަން ބޭނުން ވަނީ ރީތި ، ސާފު އިންސާނެއްގެ ގޮތުގައެވެ.

Ads by STELCO

ޕްރޮގްރާމް ފެށެން ދެތިން މިނެޓަށް ވެއްޖެއެވެ. ބެލުންތެރިންނަށް ފެންނާނެހެން ކަރުކެހިލަން ވެސް އޭނާ ބޭނުމެއް ނުވެއެވެ. އެއީ ހުތުރުކަމެކެވެ. އެހެންވެ ކައިރީގައި ހުރި ފެންފުޅިން ދެތިން ފޮދުވަރެއް ބޯލައި ކަރު ހަމަޖައްސައިލިއެވެ. ކުރަން ހުރި އެންމެ ކުދިކުދި ކަންކަމަށް ވެސް ނަޒަރުދެމުން ޕްރޮގްރާމް ފެށެން ތައްޔާރުވުމާ އެކު ލައިގެން އިން ކޯޓް ރީތިކޮށްލިއެވެ. އަދި މީހާގެ ހަރަކާތްތައް މަޑުވެލައި ކިޔަމަންތެރިވިއެވެ. އެތައް ބަޔަކު ޕްރޮގްރާމް ބަލާނޭކަން އޭނާއަށް ޔަގީނެވެ. އޭނާ ދައްކާނެ ވާހަކަތައް ރެކޯޑް ކުރެވޭނޭކަމާއި އެ ވާހަކަތަކަށް އާންމުން އިންސާފުކުރާނޭކަން އޭނާ އެބަދެނަހުއްޓެވެ. އެހެންކަމުން އެ ހުރިހައި ކަމަކަށް ވިސްނައި އޭނާ އެ އިނީ މުޅީން ތައްޔާރުވެގެންނެވެ.

އޭނާއަކީ ސިޔާސީ މަގާމެއް އަދާކުރާ މީހެކެވެ. ނޫނީ ސަރުކާރުގެ މަތީ މަގާމެއް އަދާކުރާ މީހެކެވެ. ނޫން ނަމަ ވިޔަފާރިވެރިއެކެވެ. އަދި އޭނާއަކީ ފަނޑިޔާރެކެވެ. އޭނާ ތަނަވަހެވެ. އަނބިދަރީން ތިބެނީ ބޭނުންތައް ފުދިގެންނެވެ. އަމިއްލަ ގެދޮރުގައެވެ. ކާހިތްވާހައި އެއްޗެއް ކައިގެންނެވެ. ބޮއިގެންނެވެ. ބޭނުންވާހައި އެއްޗެއް ލިބިގެންނެވެ. ޗުއްޓީއަށް ދާން ބޭނުންވާ މަންޒިލަކަށް ގޮސް އަގު ބޮޑު ޗުއްޓީ ހޭދަކޮށްގެންނެވެ. ބައެއް ދަރީން މާލޭގެ އެންމެ އަގު ބޮޑެތި ޕްރައިވެޓް ސްކޫލުތަކުގައި ތައުލީމް ޙާޞިލްކުރަމުން ދާއިރު ދޮށީ ދަރީން ތައުލީމު ހާސިލްކުރަނީ ދުނިޔޭގެ އަގު ބޮޑު ޔުނިވަރސިޓީތަކުގައެވެ. އެ ދަރީންގެ މުއްސަނދި ދިރިއުޅުން އިންސްޓަގްރާމުންނާއި ފޭސްބުކުން އެންމެންނަށް ފެނެއެވެ. ހާދަ ނަސީބު ރަނގަޅު ދަރީންތަކެކެވެ.

އޭނާއަކީ ކާމިޔާބު މީހެކެވެ. ސިޔާސީ މަސައްކަތާއި ވިޔަފާރީގައެވެ. އޭނާ ފިކުރުކުރާން ޖެހޭ ކަމެއް ނެތެވެ. ބަރާބަރަށް ނަމާދުކުރެއެވެ. ރަމަޟާން މަހުގައި ރޯދަ ހިފައެވެ. އާއިލާއާ އެކު ދެ ފަހަރު އުމްރާ ވެސް ވެއްޖެއެވެ. އުމްރާގެ އަޅުކަމުގައި ހޭދަކުރި ވަގުތުތަކުގެ ފޮޓޯތަކަކީ އޭނާގެ މީސްމީޑިއާގެ އެކައުންޓްތަކުގައި އެންމެ ހިނގި ފޮޓޯތަކެވެ.

އޭނާގެ މުޅި ދިރިއުޅުން ބިނާވެފައި އޮތީ ލިބޭ މުސާރައަށެވެ. ނޫނީ އޭނާގެ ވިޔަފާރިއަށެވެ. ތަނަވަސްވީ ވަރަކަށް ބޭނުންވާ މިންވަރު މައްޗަށް ދިޔުމުން އޭނާ ބޭނުން ހުރިހައިކަމެއް އެކަންކަމަކުން ނުފުދެއެވެ. ނަމަވެސް މަގާމުގެ ގޮތުން އޭނާއަށް ފުރުސަތުތައް ބޮޑެވެ. އަމިއްލަ ނަމުގައި ނޫނަސް ރައްޓެހީންނަށް ވިޔަފާރިކުރެވެއެވެ. ރައްޓެހީންގެ ނަމުގައި އޮންނަ އަމިއްލަ ކުންފުނިތަކަށް އަމިއްލަ އޮފީހުން އަމިއްލައަށް ވިޔަފާރި ހޯދައިލެވެއެވެ. އަދި އެހެން ނޫނަސް ބޮޑުކަމެއް ދިމާވެއްޖެ ނަމަ އޭނާގެ 'ހިތް ހެޔޮކަމުގެ ސަބަބުން" ރައްޓެހީންނަށްކޮށްދިން ކަންތައްތަކުގެ ބަދަލެއްގެ ގޮތުގައި އޭނާއަށް އެކަންކަން ފުއްދައިލެވެއެވެ.

ޚިޔާލެއް ފިކުރެއް ނެތި ޙަޔާތް ވޭތުކުރަމުން ދިޔަ އޭނާގެ އުމުރު ހަވީރާ ބައްދަލުކޮށްފިއެވެ. ކުއްލިއަކަށް އޭނާއަށް ދިމާވަނީ ބޮޑު ބައްޔަކާއެވެ. ނުވަތަ ﷲގެ މިންވަރުފުޅުން އުމުރުގެ ފަހު ބައިގައި އޭނާއަށް ޞަލާމަތް ޞިއްޙަތެއް ދެއްވައެވެ. ނަމަވެސް ދުވަސްވެ ގައިބާރު ދެރަވުމުން އޭނާ އޮންނަން ޖެހުނީ މަސައްކަތާ ދުރުވެ ބަލި އެނދުގައެވެ.

ޙަޔާތުގެ މި ދިގު ދަތުރު ނިންމައިލުމަށް ފަހު އޭނާއަށް ދެން އޮތީ ފުރަން ތައްޔާރުވުމެވެ. ކޮންމެ މީހަކާ ވެސް ބައްދަލުކުރާނެ މަރަށް އިންތިޒާރުކުރުމެވެ. ދިގުކަމަށް އޭނާއަށް ވިސްނުނު ޙަޔާތުގެ ދަތުރު އޮތީ ކުރުވެފައެވެ. ނަމަވެސް އޭނާ ހޭދަކުރީ ފިކުރެއް ކޮށްލާން ނުޖެހޭ ތަނަވަސް ދިރިއުޅުމެކެވެ. ނަމާދުތަކަށް ފަރުވާތެރިވިއެވެ. އެހެންކަމުން މުދަލާއި އަނބިދަރީން ދޫކޮށްފައި ދާން ޖެހުން ފިޔަވައި އޭނާކުރާ ހިތާމައެއް ނެތެވެ.

ކުއްލިއަކަށް އޭނާއަށް ނިދިން ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. މުޅި މީހާ އޮތީ ދާހިއްލައި ފޯވެފައެވެ. ހިތަށް އެރިއެވެ.

"ހުވަފެނުގައި އައި ބިރުވެރި މީހާ އަހަންނަށް އެ ކިޔައިދިނީ ކޮން ވާހަކަތަކެއް ހެއްޔެވެ؟ އަހަރެންގެ އިސްލާމްކަން ހަމައެކަނި މިސްކިތުގެ ހަތަރުފާރުގެ ތެރޭގައިވީ ކީއްވެ ހެއްޔެވެ؟އަހަރެންގެ ވިސްނުން އޭރު އެ ކަންކަމަށް ކޮބައި ހެއްޔެވެ؟ އާރާއި ބާރުގެ ނުފޫޒުގައި ، އަހަރެން ހޯދި ވިޔަފާރިތަކުން އަހަރެން ކުރިއަރަމުން ދިޔައިރު އަހަންނަށް އޭރު އެކަކު ވެސް އެކަން ވިސްނައި ނުދިނީ ކީއްވެ ހެއްޔެވެ؟ ރިބާ އިންޓަރެސްޓަށްވެ ރިޝްވަތު ހަދިޔާއަށް އަހަރެން ބަދަލުކޮށް ވިޔަފާރިއަށް މަކަރު ހަދައި އޮޅުވައިލަމުން ދިޔައިރު އެއީ އަހަރެންގެ މޮޅުކަން ކަމަށް އަހަރެން ދުށީ ....އަހަރެން ހާދަ ޣާފިލެވެ. ދަތިކަމެއްގައި އައި މީހަކަށް އެހީވާނެ ތަނަވަސްކަމެއް އޭރަކު އަހަރެންގެ ނެތެވެ. ނުވިތާކަށް ނަމާދާއި ރޯދަ ހިފައި ޙައްޖުވީ ނަމަވެސް ޒަކާތްދިނުމަކީ ހަމަ އެފަދައިން އަހަރެންގެ މައްޗަށް އޮތް ވާޖިބެއްކަމަށް އަހަރެންގެ ސިކުނޑި ބުނެއެއް ނުދިނެވެ.

އަހަރެންގެ މުޅި ދިރިއުޅުން މި ބިނާކުރީ އެ ފައިސާއިންނެވެ. ދަރީންނަށް ކާންދީ ބޯންދިނީ "އަލިފާނުން"ނެވެ. ޒުވާން އަންހެން ކުދީންނަށާއި އާއިލާއަށް އަހަރެން ޚަރަދުކުރީ އެ ފައިސާއިންނެވެ. އުމްރާވުމަށާއި ދަތުރުން އައިއިރު މީހުންނަށް ހަދިޔާ ގެނެސްދިނުމަށް ވެސް ބޭނުންކުރީ ހަމަ އެ ފައިސާއެވެ. ސިޔާސީ ނުފޫޒާއި މަކަރުވެރި ވިޔަފާރިއާއި ހުކުމް ވިއްކައިގެން ލިބުނު ފައިސާއިންނެވެ. ދިރިއުޅުމުގައި އޮތް އެ ނޫން އެއްޗެއް އަހަންނަކަށް ނުވިސްނުނެވެ. "

އޭނާއަށް ފެނުނު އެ ހުވަފެން އޭނާ ހޭލައްވައިލައިފިއެވެ. އޭނާ މިއަދު ތައުބާވާން ބޭނުމެވެ. ޙަލާލުގެ މަގަށް އެނބުރެން ބޭނުމެވެ. އޭނާގެ ނުފޫޒުން ހޯދައިގަތް ކަންކަމުގައި އެ ކަންކަމުގެ ޙައްޤުވެރީންގެ ކިބައިން މާފު ހޯދަން ބޭނުމެވެ. ނުޙައްޤު ޙުކުމުން އަނިޔާ ލިބުނު މީހުންނަށް ލިބުނު ބަދުނާމާއި އަނިޔާއަށް ޓަކައި ސަހަރޯވެރިވެ ހިތަށް ލުއިކަން ބޭނުމެވެ. އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލަން ބޭނުމެވެ. ތައުބާވެ ޒަކާތްދީ ޞަދަޤާތްކުރަން ބޭނުމެވެ. ސާފު ގޮތުގައި ހައްޖުވެލަން އަދި އެއްފަހަރު ނަމަވެސް ބޭނުމެވެ. ވިޔަސް ...އާހް...އޭނާ މިހާރު މި އޮތީ ބަލި އެނދެއްގައެވެ. އެ ކުޅަދާނަކަމެއް އޭނާގެ މިއަދަކު ނެތެވެ.

ފިކުރެއް ނެތި ހޭދަކުރި ޙަޔާތުގެ ފަހު ދުވަސްތަކުގައި އޭނާ އެ އޮތީ ބޮޑު ފިކުރެއްގައެވެ. ޓީވީ ސްޓޫޑިއޯގައި އިނދެ މީހުންގެ ކުރި މައްޗަށް އޭނާ ރީތިވީ މީހުން ބަލާނެކަން އެނގޭތީއެވެ. ނަމަވެސް މީހުންނަށް ޓަކައި އެ ރީތިކަމުގައި ކިޔަމަންތެރިކަމުގައި އިން އިރު ހަތް އުޑުގެ މަތީން ﷲ ތަޢާލާ،  އޭނާގެ ކޮންމެ ކަމެއް ކޮންމެ ބަހެއް ބައްލަވައި އައްސަވައި ވޮޑިގެންވާކަން އޭނާއަށް ނުވިސްނުނީތީ ސިކުނޑި ހާސްވެފައެވެ. މީހުންގެ ކުރިމައްޗަށް އޭނާގެ ތަނަވަސްކަން ވިއްކި އިރު ﷲގެ ޙަޟްރަތުގައި ފަޤީރުވެގެން ދިޔަ ދިޔުން ހިތަށް އަރައި ޖާހިލުކަމާ މެދު ސަހަރޯވެރިވެފައެވެ. އެ ހިތާމަޔާ ކެކުޅުމުގައި އޭނާ ފަހު ނޭވާދޫކޮށްލަނީ ދުނިޔޭގައި ހޭދަކުރި 80 ނުވަތަ 90 އަހަރުން ހޯދި އެ ހުރިހައި އުފާވެރިކަމަށް ވުރެ އެތައް ގުނައެއް ބޮޑު ހާސްކަމެއްގައެވެ. ދުނިޔޭގެ އަލިކަން ފުސްވެ ދެލޯ މަރައިލަނީ ތައުބާވާން ފުރުސަތު ނުލިބި ނިމުމެއް ނެތް ޙަޔާތުގައި ދިމާވެދާނެ މުޞީބާތަކަށް ބިރުން ތުރުތުރުއަޅައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!