އައިއެސް ޖަމާއަތާ ގުޅުން އޮތްކަމަށް ބުނާ މީހާއަށް ފަސް ދައުވާއެއްކޮށްފި
އައިއެސް ޖަމާއަތާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށްފައިވާ ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް ދައުލަތުން ފަސް ދައުވާއެއް އުފުލައިފިއެވެ.
ހޫދު ހައްޔަރުކޮށްފައި ވަނީ ފުލުހުންނާއި، އެމެރިކާގެ އެފްބީއައި އަދި ޔޫރަޕިއަން ޔޫނިއަންގެ ދެ ޤައުމެއްގެ ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި އެކައުންޓްތަކުން އައިއެސް ޖަމާއަތައް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް އަދި ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރުދެމުންދާކަމަށް ތުހުމަތު ކުރެވޭތީ ހޫދުގެ މައްޗަށް ފަސް ދައުވާއެއް އުފުލައިފައިވާ ކަމަށެވެ.
ހޫދަކީ އައިއެސްގެ ޚަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން ރާއްޖޭގައި މަސައްކަތްކުރާ މީހެއް ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. އެދައުވާ އުފުލައިފައި ވަނީ ހޫދު މުހައްމަދު ޒާހިރުގެ ފޯނުން ސޯޝަލް މީޑިއާގެ އެކި އެކައުންޓްތައް ބޭނުންކޮށްގެން ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުދީ، މީހުންނަށް އަނިޔާދިނުމަށާއި، މީހުން މެރުމަށާއި، ތަންތަނަށް ގެއްލުންދީ އުދުވާނީ ހަމަލާތައް ދިނުމަށް ގޮވައިލައި، އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް) ޖަމާއަތުން ދުނިޔޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި، ހަމަލާތަކާއި، އެމީހުންގެ ޕްރޮޕެގެންޑާ ފެތުރުމަށް އެކިއެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ގިނަ ލިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯ އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅުން ހުރި އޮންލައިން ޕްލެޓްފޯމްތަކުގައި ހިއްސާކޮށް، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީފައި ވާތީކަމަށް ބުނެއެވެ. މި ކުށް އޭނާގެ މައްޗަށް ސާބިތު ވެއްޖެ ނަމަ 10އަހަރާއި 15 އަހަރާ ދެމެދު ޖަލު ހުކުމެއް އަންނާނެއެވެ.
ހޫދުގެ މައްޗަށް، އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުންގެ ދައުވާ އުފުލައިފައި ވަނީ އައިއެސްއަށް ނިސްބަތްވާ އެކި މަޖައްލާތަކާއި ލިޔުންތަކާއި، ޓެރަރިޒަމްގެ އަމަލުތައް ކުރުމަށް ހިތްވަރުދީ އެ ޖަމާއަތުން ނެރެފައިވާ ފަތުވާތަކާއި ލިޔުންތައް އިންޓަރނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ފަތުރައިފައިވާތީ ކަމަށް ޕީޖީން މައުލޫމާތު ދީފައިވެއެވެ. މި ކުށް ސާބިތު ވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދު ޖަލު ހުކުމެއް އަންނާނެއެވެ.
މީގެ އިތުރުން ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ދައުވާ ވެސް ހޫދުގެ މައްޗަށް އުފުލައިފައިވެއެވެ. އެ ދައުވާ އުފުލައިފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް) ޚަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކޮށްފައެވެ. މިކުށް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދު ޖަލު ހުކުމެއް އަންނާނެއެވެ.
މީގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާއާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލައިފައިވެއެވެ.
ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ ސާބިތު ވެއްޖެ ނަމަ ހޫދަށް 03 އަހަރާއި 05 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ 01 އަހަރާއި 03 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިއްވާނެއެވެ.
ޕީޖީން ބުނެފައި ވަނީ ހޫދު މުހައްމަދު ޒާހިރުއާ ގުޅޭ މައުލޫމާތު ދިވެހިރާއްޖެއާ ހިއްސާކޮށްފައި ވަނީ ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުން ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ބޭރުގެ އެކި ގައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަހުގީގީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.