ރަމަޟާން މަހުގެ ފަހު ދިހައިގައި، އައިއެސް ޖަމާއަތުގެ ބޮމުގެ ހަމަލާތައް އަފްޣާންގެ މިސްކިތްތަކަށް

މި ބަރަކާތްތެރި ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތައް ފެށުމާ އެކު، ޓެރަރިސްޓު ޖަމާއަތް ކަމަށްވާ އައިއެސްއިން ނުރައްކާތެރި ބޮމުގެ ހަމަލާތަކެއް، އަފްޣާނިސްތާނުގެ މިސްކިތްތަކަށް ދެމުން ގެންދާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާނު ޖަމާއަތުގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ވިދާޅުވީ އެ ޤައުމުގެ އުތުރުގެ ގުންދުޒް ސިޓީގެ މިސްކިތެއްގައި ހުކުރުނަމާދު ކުރުމަށް މީހުން ސަފުހަދައިގެން ތިއްބައި ބާރުގަދަ ބޮމެއް ގޮވައި 33 މީހުން މަރުވެ 34 މީހުން ޒަޚަމްވެފައިވާ ކަމަށާއި ބޮމުގެ ބާރުގަދަ ކަމުގެ ސަބަބުން މިސްކިތް އެއްކޮށް ހަލާކުވެ ފުނޑުފުނޑު ވެފައިވާ ކަމަށެވެ.
އިއްޔެގެ ހުކުރު ނަމާދު ވަގުތު ދިން މި ޓެރަރިސްޓް ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގައިފައި ނުވި ނަމަވެސް އަފްޣާނިސްތާނުގެ މަޒާރޭ ޝަރީފު ދެމިސްކިތެއްގައްޔާއި އެސިޓީގައިވާ ސަރުކާރުގެ އިދާރާތަކަށާއި އާންމުން އެއްވާ ސަރަހައްދުތަކުގައި މިދިޔަ ބުރާސްފަތި ދުވަހު ބޮން ގޮއްވައި 45 މީހުން މަރައިލައި 87 މީހުން ޒަޚްމްކޮށްލި ހަމަލާގެ ޒިންމާ އައިއެސްއިން ވަނީ ނަގައިފައެވެ.
ހަމަލާތަކާ ގުޅިގެން ޒަބީހުﷲ އިތުރަށް ވިދާޅުވީ އަފްޣާނިސްތާނުގެ މަޒާރޭޝަރީފުގެ ދެ މިސްކިތެއްގައި ބޮންގޮއްވުމުގެ ފަހަތުގައިވާކަމަށް ބެލެވޭ އައިއެސްގެ ޓެރަރިސްޓަކު އިއްޔެ ވަނީ އަތުލައި ގަނެވިފައި ކަމަށާއި އެ ޖަރީމާގެ ފަހަތުގައިވާ އައިއެސްގެ އެހެން ޓެރަރިސްޓުން ހޯދުމަށް ވެސް އަފްޣާން ޖާސޫސީ އިދާރާއާއި ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.