ޚަބަރު

ޝައުނާގެ ތާއީދު ފަޔާއަށް: އެއީ ޚިޔާލު ތަފާތު ވިޔަސް، ކަންކަން ކޮޅެއްގައި ޖައްސާ މީހެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަކީ، ދެ ބަސްވާ ކަންކަމުގައި ވެސް، ޒުވާބުކޮށް، ވާހަކަ ދައްކައިގެން ކަންކަން އަބަދުވެސް ކޮޅެއްގައި ޖައްސާ މީހެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝައުނާ މިހެން ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގައި އެ ކަމަނާގެ ތާއީދު ފަޔާއަށް އޮތްކަން ހާމަ ކުރައްވާ އާއްމު ކުރި ވީޑިއޯއެއްގައެވެ.

"ފަޔާއާ އަޅުގަނޑާ އެކީގައި އެއްބަސްވާ ކަންކަން ވަރަށް މަދުވާނެ. ގިނަ ވާނީ ދެ ބަސްވާ ކަންކަން. އެހެން ނަމަވެސް ދެ ބަސްވެ، ޒުވާބުކޮށް، ވާހަކަ ބަދަލުކޮށް، ކަންކަން ނިންމައިދޭ މީހެއްގެ ގޮތުގައި ފަޔާ ފާހަގަ ކުރެވެނީ. އަދި ކޮޅެއްގައި ޖައްސާ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވެނީ" ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، މި ދައުރުގައި ވެސް އެމްޑީޕީން ވައުދުވެ ކުރަން ހުރި ކަންކަން ވަރަށް ގިނަ ކަމަށާއި އެ ކަންކަން ކުރުމަށް ޕާޓީއާ އެކު މަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ. އަދި މިކަން ކުރެވޭނީ ފަޔާއަށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީން، ވައުދުވެ ކުރަން ހުރި ކަންކަން އަދި ވެސް ވަރަށް ގިނަ. އަދި ކުރަން ހުރި މަސައްކަތްތައް ކުރުމަށް މި ނިމިގެން އަންނަ ރިޔާސީ ދައުރުގައި މަސައްކަތްތައް ކުރަން އެބަ ޖެހޭ. ޕާޓީއާ އެކީގައި މިމަސައްކަތްތައްތައް ކުރަން ޖެހޭނީ. 2023ވަނަ އަހަރު ވެސް އިންތިޚާބު ކާމިޔާބު ކުރަން ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި، ޕާޓީއާ އެކީގައި މިދެންނެވި މަސައްކަތްތައް ވެސް ކުރަން ޖެހޭނީ. ޖުމްލަކޮށް ބަލާއިރު މި ހުރިހާ ކަމެއް ކުރުމަށް، އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އެންމެ މުހިންމީ، އަދި މިކަން ކުރެވޭނެ ބޭފުޅަކީ ފަޔާ" ޝައުނާ ވިދާޅުވިއެވެ.

ޝައުނާގެ ވާހަކަފުޅު ފެއްޓެވީ، 2008ވަނަ އަަހަރު އެމްޑީޕީން ކޮށްދިން ކަންކަން ކިޔައިދެމުންނެވެ. 2008ވަނަ އަހަރު ވެރިކަމުގައި ހުންނެވީ ރައީސް މުޙައްމަދު ނަޝީދެވެ.

"އެމްޑީޕީއަކީ ރާއްޖޭގެ މުޅި ސިޔާސީ ޙަޔާތް ބަދަލުކޮށްލި ޕާޓީ، އަދި ރާއްޖޭގެ ރައްޔިތުންގެ ހާލަތު ބަދަލު ކުރުމަށް މުހިންމު ސިޔާސަތުތަކެއް ކަނޑައަޅައިގެން މަސައްކަތް ކުރާ ޕާޓީއެއް. 2008ވަނަ އަހަރު އުފެދުނު އަޅުގަނޑުމެންގެ ޕާޓީގައި މުހިންމު ކަންތައްތަކެއް އަޅުގަނޑުމެންނަށް ހާސިލް ކުރެވުނު، އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ބޭސް ފަރުވާއަށް ރައްޔިތުން ސަލާން ޖަހަމުން އައި ސަލާން ޖެހުން ނިމުމަކަށް ގެނެސްދެވުނު، އަތްފޯރާ އަގުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުމަކީ ސަރުކާރަށް ލާޒިމް ކަމެއް ކަމުގައި ހަދާ، އެ ފަހުން އައި ކޮންމެ ސަރުކާރަކުން ކުރަން ޖެހޭ ކަމެއް ކަމަށްވުން. އަދި މާލީގެ ފުދުން ތެރިކަން އިތުރު ކުރުމަށް ޓެކްސްގެ ނިޒާމެއް ތައާރަފް ކުރެވުން" ޝައުނާ ވިދާޅުވިއެވެ.

ޝައުނާގެ ތާއީދު ފަޔާއަށް އޮތްކަން ހާމަ ކުރެއްވުމުން ރައީސް ނަޝީދު ވަނީ އެކަމާ ނުރުހުންވެ ޓްވީޓެއް ކުރައްވައިފައެވެ.

Ads by Allied Insurance
  1. ލޮލް

    ސާބަހޭޝައުނާ

  2. ޞަަބްނަމް

    ކޮންކަމެއް ކޮޅެއްގަައި ޖެހުނީ. ބިދޭސީން ދަނޑަށް ގެންގޮސްގެން ހަޑިއެއް ހާވާފައި ދޫކޮށްލީ. ހުސް އެކަހަލަ ކަންތައް ކޮށްފަ ހުރީ