ޚަބަރު

ނައިބު ރައީސް، އދގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހުރިއްޔާގެ ނައިބު ފައިސަލް ނަސީމް، އދގެ ސެކްރެޓަރީ ޖެނެރަލް އެންތޮނިޔޯ ގުތެޚޭޝްއާ ބައްދަލުކުރައްވައިފިއެވެ.

Ads by STELCO

މި ބައްދަލުކުރެއްވުން އޮތީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ގުޓާރޭޒް ވަނީ އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ރިޔާސަތަށް ތަޢުރީފުކުރައްވައިފައެވެ. އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކުގެ މައްސަލައިގައި ރާއްޖެއަށް އެއްބާރުލެއްވުން ދެއްވާނެކަމަށާއި، ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރީ ސަފުގައި އަބަދުވެސް މަސައްކަތްކުރަމުންދާ ޤައުމެއްކަން ފާހަގަކުރައްވައިފައެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާކަމަށާއި، މިގޮތުން އަބަދުވެސް އ.ދ.އިން އަދި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އެމަނިކުފާނު ރާއްޖެއަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ނައިބު ރައީސް ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ލީޑަރޝިޕަށް ތަޢުރީފުކުރައްވައިފައެވެ. އަދި، އެމަނިކުފާނު ވަނީީ އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ރިޔާސަތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.

ހުރިހާ ޤައުމުތަކުން އެކަތިގަނޑަކަށް ވާންވީ ވަގުތަކީ މިވަގުތުކަން ހާމަކުރައްވަމުން ނައިބު ރައީސް ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކުގެ ސަަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިކަން ބޭނުންވާކަމުގައި ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވަނީ ކުރިއަރައިފައިވާ ބޮޑެތި ޤައުމުތަކުން ނާޒުކު ކުދި ޤައުމުތަކަށް މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އެހީތެރިވެދިނުން މުހިންމުކަމުގައި ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން ވެސް ނައިބު ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން، ކޮވިޑް ކޮންޓްރޯލް ކުރުމަށް ޓަކައި ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމަށް ކުރި އަސަރުތަކާ ގުޅުން ހުރި ބައެއް ކަންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ކުރިއަރައިފައިވާ ބޮޑެތި ޤައުމުތަކުގެ ފަރާތުން ބައެއް ކަންކަމުގައި ބޭނުންވެލައްވާ ވަރަށް އެއްބާރުލުން ނުލިބޭކަން ހިތާމައާ އެކު ފާހަގަކުރައްވާ ކަމަށެވެ. އަދި، އެމަނިކުފާނު ވަނީ ކުރަން ހުރި ކަންކަން ގިނަކަމުގައި ވިދާޅުވެ، ކުރިއަރައިފައިވާ ބޮޑެތި ޤައުމުތަކުގެ ސަބަބުން ކުރިމަތިވާ ބައެއް މައްސަލަތަކަށް އެންމެ ބޮޑު އަގެއް ދައްކަންޖެހިފައި ވަނީ ރާއްޖެ ފަދަ ކުދި ނާޒުކު ޤައުމުތަކުން ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ކުދި އަދި ނާޒުކު ޤައުމުތަކުގެ ޙައްޤުގައި މަސައްކަތްކުރުންމަތީ ދެމިހުންނަވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހެޔޮ އެދުންތައް ފޮނުއްވާ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއީ މޫސުމީ ބަދަލުތަކާ ގުޅިގެން ލަސްނުކޮށް ފިޔަވަޅު ނަގަންވީ ވަގުތުކަން ހާމަކުރައްވައިފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ މިއީ މިއަދު ރާއްޖެއަށް ކުރިމަތިވާ ކަމެއްކަމުގައި ވަނީ ނަމަ މާދަމާ ކުރިއަރައިފައިވާ އެހެން ބޮޑެތި ޤައުމުތަކަށް ވެސް މިކަންކަން ކުރިމަތިވާނެ ކަމުގައެވެ. މީގެ އިތުރުން ވެސް ނައިބު ރައީސް ވަނީ އަންހެނުން ބާރުވެރިކުރުވުމާއި، ޒުވާނުން ބާރުވެރިކުރުވުމާ ގުޅޭ ގޮތުން އ.ދ. ގެ ސެކްރެޓަރީ ޖެނެރަލާ މަޝްވަރާކުރައްވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!