މުޙައްމަދު އިސްމާއިލް ދޫކޮށްލަން އަނެއްކާ ވެސް އަމުރުކޮށްފި

އިންޑިޔާ އައުޓު ހަރަކާތް ހިންގާކަމުގެ ތުހުމަތުގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢިލް 2ވަނަ ފަހަރަށް ހައްޔަރު ކުރުމުން ވެސް އޭނާ ދޫކޮށްލުމަށް ކޯޓުން ހުކުމްކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުޙައްމަދު އިސްމާޢީލްގެ ބަންދަށް ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭނާ ދޫކޮށްލުމަށް އަމުރުކޮށްފައި ވަނީ ޖިނާޢީ ކުށެއް ކުރިކަމަށް ފުލުހުންނަށް ހެކި ނުދެއްކުމުން ކަމަށެވެ.
މި މައްސަލައިގައި މުޙައްމަދު އިސްމާޢީލް ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ބުދަ ދުވަހުއެވެ. ޖެހިގެން އައި ދުވަހު ބަންދުގެ މަޖިލީހަށް ކޯޓަށް ޙާޟިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ. ނަމަވެސް ބުދަ ދުވަހު ހައްޔަރުކުރި ޕީ.ޕީ.އެމްގެ އެކްޓިވިސްޓް އަލީ ނަސީމް (ޓަކަނޭ)ގެ ބަންދަށް ކޯޓުން ވަނީ 5 ދުވަސް ޖަހައިފައެވެ.