ޗައިނާއަށް ވެސް ރައީސް ޔާމީން"ނޯ" ބުނުއްވި: ސައީދު
އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަކީ ވަތަނީ ފިކުރަށް ޓަކައި ކޮންމެ ބަޔަކަށް ވެސް ނޫނެކޭ ބުނުއްވަން ކެރި ވަޑައިގަންނަވާނެ ބޭފުޅެއްކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއަށް މެންބަރުން އިތުރު ކުރުމަށް ކުރިޔަށް ގެންދާ މަވެސް ޕީޕީއެމް ކެންޕެއިން ހަރަކާތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޕީއެންސީގެ ނައިބު ރައީސް ސައީދު ވިދާޅުވީ، ވަތަނީ ފިކުރުގައި ރައީސް ޔާމީނަށް 'ނޯ' ވިދާޅުވާން ކެރިވަޑައިގަންނަވަނީ ހަމައެކަނި އިންޑިއާއަށް އެކަނި ނޫން ކަމަށާއި ޗައިނާއަށް ވެސް 'ނޯ' ވިދާޅުވާން ކެރިވަޑައިގަންނަވާނެ ކަމަށެވެ. މިގޮތުން މިކަމަށް މިސާލު ޖެއްސެވިއެވެ.
"އަޅުގަނޑުމެންނަށް ދިވެހި ރާއްޖެއިން ބާނާ މަސް އެއްކޮށް ނުގަނެވޭނޭ ދުވަހު، ބައެއް ބާވަތްތައް ތިމަންނަމެންނަށް ނުގަނެވޭނޭ ބުނި ދުވަހު ރައީސް ޔާމީންގެ ޓީމުން އޮންނާނީ ޗައިނާގެ ޑިސްކަޝަން ރޫމުން ނިކުމެ، ޗައިނާގެ ކޮމާސްރޫމްގެ ދޮރު ލައްޕައި، އަޅުގަނޑުމެންނަށް ކޮންމެ ކަމެއް ވަރިހަމައެއް ނޫނޭ ބުނެފައި." ސައީދު ވިދާޅުވީ، ދިވެހިންގެ ކަންކަމުގައި ތިބެން ޖެހޭނީ ދިވެހިން ކަމަށް ރައީސް ޔާމީން ދެކެވަޑައިގަންނަވާ ކަމަށާއި އެތަނުން ނިކުތީ ކޮންމެ ކަމެއް ވަރިހަމައެއް ނޫނޭ ބުނެފައި ކަމަށް ސައީދު ވިދާޅުވިއެވެ.
"ވަތަނީ ފިކުރުގައި އަޅުގަނޑުމެން ނޯ ޖަހަނީ އިންޑިއާ ފިކުރަށް އެކަންޏެއް ނޫނޭ. ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނެ ހަމަ ކޮންމެ ބަޔަކަށް ވެސް. ދިވެހިންގެ ކަންކަމުގައި ދިވެހިންނޭ ތިބޭނީ"
އިތުރު މިސާލެއް ނަންގަވައި ވިދާޅުވީ، ޤިޞާޞް ނުހިފަން ލީޑަރަކު ވިދާޅުވުމުން އެކަމަށް ވެސް ނޯ ޖެއްސެވި ކަމަށެވެ.
"އަރަބި ވެރިޔަކު ރައީސް ޔާމީންގެ ގާތުގައި ވިދާޅުވި، ވެސްޓްގެ ސަޕޯޓް ހޯދުމަށް ޤިޞާޞް ހިފުން ހުއްޓާލަންވީ ނޫންހޭ، ބައިގަޑިއިރު ، ސާބިތުކަމާ އެކު ، ވިދާޅުވަމުން ގެންދެވީ ނޯ ނުވާނެއޭ" ސައީދު ވިދާޅުވިއެވެ.