ވޯލްޑު ބޭންކުން ދިވެހިރާއްޖެއަށް 370 މިލިއަން ރުފިޔާގެ އެހީއެއް

ވޯލްޑް ބޭންކުން އަލަށް ފެށި ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބާ ސާވިސަސްގެ ދަށުން ދިވެހިރާއްޖެއަށް 370 މިލިއަން ރުފިޔާގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.
މި އެހީތެރިކަމަކީ މަސައްކަތްތެރިންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމަށް އިންޝުއަރެންސާ ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެދޭ އެހީތެރިކަމެކެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިކޮނޮމިކް މިނިސްޓްރީއާއި ޕެންޝަން އޮފީހާ ގުޅިގެންނެވެ.
ވޯލްޑް ބޭންކުން ރާއްޖެއާއި ސްރީލަންކާ އަދި ނޭޕަލަށް ކަނޑައަޅުއްވައިފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފާރިސް އެޗް ހަދާދު-ޒާވޮސް މި އެހީތެރިކަމާ ގުޅޭ ގޮތުން ވިދާޅުވީ، މި އެހީތެރިކަމުގެ ސަބަބުން ޓޫރިޒަމާ އިއާދަކުރަނިވި ހަކަތަ ފަދަ މުހިންމު ދާއިރާތަކުން ވަޒީފާ އިތުރުކޮށް އިޤްތިޞާދީ ފުރުސަތުތަކަށް ވާސިލުވެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީގެ ދަށުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޖޮބް ސެންޓަރުގެ ހަބްތައް ޤާއިމްކޮށްފައިވާއިރު، އެ ހަބުތައް މެދުވެރިކޮށް ވަޒީފާ ނެތް ފަރާތްތަކަށް ކައުންސިލިންގ ދިނުމާއި ވަޒީފާ ހޯދައިދިނުމަށް މި ފަންޑުގެ ތެރެއިން އެހީތެރިކަން ދިނުމަށް ވޯލްޑް ބޭންކުން ވަނީ ނިންމައިފައެވެ.