ރައީސް ވައުދުވި ވަރަށް ވުރެ މާ ރަނގަޅަށް މަސައްކަތް ކުރެވިއްޖެ: މަހްލޫފު

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހު ވައުދުވެވަޑައިގެންނެވި ވަރަށް ވުރެ މާ ރަނގަޅަށް މަސައްކަތް ކުރެއްވިއްޖެ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަޙުލޫފު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ، ޒުވާނުންނާ ކުޅިވަރު ދާއިރާއަށް ހީނުކުރާ ވަރުގެ ކުރިއެރުންތަކެއް ގެނެސްދެވިފައިވާ ކަމަށެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ރައީސް ވައުދުވެލެއްވި ކަންތައް ދައުރު ނިމޭއިރަށް ފުއްދިދާނެތޯ ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް ސުވާލު ކުރެއްވުމުންނެވެ.
"އަޅުގަނޑު ހަގީގަތަށް ބުނާ ނަމަ ރައީސް ވައުދުވެވަޑައިގެންނެވި ކަން ކަމަށް ވުރެ މާ ރަނގަޅަށް މަސައްކަތް ކުރެވިއްޖެ،" މަހުލޫފް ވިދާޅުވި އެވެ.
މި ސަރުކާރުގައި އެންމެ ހަރަކާތްތެރިކަމަށް ފާހަގަކުރެވޭ ސްޕޯޓްސް މިނިސްޓްރީން އަންނަނީ ރާއްޖޭގެ ގިނަ ރަށްރަށުގައި ކުޅިވަރާ ޒުވާނުންނާ ގުޅޭ މަޝްރޫޢުތައް ކުރިއަށް ގެންދަމުންނެވެ. ހާއްސަކޮށް ރަށްރަށުގައި ޓާފް ފުޓުބޯޅަ ދަނޑުތައް ޤާއިމުކުރުމުގެ ބޮޑެތި މަަޝްރޫއުތައް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. ސަރުކާރުގެ އަމާޒަކީ 100 ޓާފް ދަނޑު ޤާއިމްކުރުމެވެ.