ނަދީމްގެ މަރު: ހުކުމްކުރުން މާދަމާ

މީގެ ހަތަރު އަހަރު ކުރިން މަރައިލި ހއ.ތަކަންދޫ އިބްރާހިމީ ހިޔާ, ނަދީމް ޢަބްދުއްރަޙީމް (ނަޑޭ)ގެ މަރުގެ މައްސަލައިގެ ހުކުމް ކުރުން މާދަމާއަށް ތާވަލުކޮށްފިއެވެ.
ނަދީމް ނިޔާވީ 2017ވަނަ އަހަރު ޖުލައިމަހުގެ 27ވަނަ ދުވަހުގެ ހަވީރު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާރމިނަލް ކެފޭގައި އިންދާ ބަޔަކު ގޮސް ވަޅި ހަރައި ޒަޚަމްކޮށްލުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
މި މައްސަލައިގައި, ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވަ އުފުލައިފައި ވަނީ މުޙައްމަދު މަފާޒް ޙުސައިން ސަލީމް (ގ.ޝާރާޒް)ގެ މައްޗަށެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރައިލުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލައިފައި ވަނީ ރ.އިންނަމާދޫ/ސަމަންތާ، ޙުސައިން ޝާމިންއާއި، ގއ.ގެމަނަފުށި، ހަވާސް، މުޙައްމަދު ކަރަމް ސުހައިލްއާއި، ލ.ގަން، ވިދާތަރި، ޢަލީ ނިފާޒުގެ މައްޗަށެވެ.
މީގެ އިތުރުން މި މައްސަލައިގައި މީހަކު މަަރައިލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލީ 18 އަހަރުން ދަށުގެ ކުއްޖަކަށެވެ.
މި މައްސަަލައިގެ އަޑުއެހުންތައް ނިންމައިލީ މިދިޔަ ފެބްރުއަރީމަހުގެ 22ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ މާޗު 31ގައި ހުކުމް ކުރާ މަޖިލިސް ބޭއްވެވުމަށެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން އޭގެ ފަހުން އަޑުއެހުމެއް ތާވަލުކޮށްފައި މިވަނީ މާދަމާ 15:00އަށެވެ.
މި މައްސަލައިގައި ދައުލަތުން ހަތަރު މީހުންގެ މައްޗަށް އުފުލައިފައިވާ ދައުވާގައި ވަނީ 2017ވަނަ އަހަރުގެ ޖުލައި މަހުގެ 27ވަނަ ދުވަހުގެ ހަވީރު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާރމިނަލް ކެފޭގައި ނަދީމް އިންދައި ތިން ސައިކަލެއްގައި ފަސް މީހަކު ޓާރމިނަލް ކެފޭ ކައިރިއަށް ދިޔަ ކަމަށާއި އެ ކެފޭ ތެރެއަށް ވަދެ ނަދީމަށް ހަމަލާދިނީ މަފާޒު ކަމަށެވެ. އެ ގޮތުން ނަދީމްގެ ވާތް ފަރާތު ކަންފަތާއި ދިމާއިން މައްޗަށް ހަ އިންޗި ހުންނަވަރުގެ ވަޅިއަކުން ހަމަލާދީފައިވާތީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ޖުލައި 29ވަނަ ދުވަހުގެ ހަވީރު 5:12 ގައި ނަދީމް ނިޔާވެފައިވާކަމަށް ވެސް ދައުވާގައި ބުނެފައިވެއެވެ. އަދި ނަދީމަށް ހަމަލާދިނުމަށް ފަހު ތިން ސައިކަލުގައި ފަސް މީހުން އެ ސަރަހައްދުން ފިލައިގެން ގޮސްފައިވާކަމަށް ވެސް ދައުވާގައި ވަނީ ބުނެފައެވެ.