ތެލާއި ޕެޓްރޯލުގެ އަގު ސަރުކާރުން ކޮންޓްރޯލް ކުރަންޖެހޭ: ސިރާޖު

ތެލާއި ޕެޓްރޯލުގެ ޚިދުމަތުގެ އަގު ސަރުކާރުން ކޮންޓްރޯލް ކުރަންޖެހޭކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.
ސިރާޖު މިހެން ވިދާޅުވީ ގަން-ފޮނަދޫ ސަރަހައްދުގެ ޕެޓްރޯލްގެ އަގު ބޮޑުވެފައިވާތީ އެ ސަރަހައްދުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
ސިރާޖު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތެލާއި ޕެޓްރޯލުގެ ޚިދުމަތަކީ މިހާރު ޒަރޫރީ ޚިދުމަތެއް ކަމަށެވެ. އަދި މިފަދަ ހިދުމަތްތަކުގެ އަގު ސަރުކާރުން ކޮންޓްރޯލް ކުރަންޖެހޭކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ.
އަގު ކޮންޓްރޯލް ކުރެވިފައި ނުވުމުގެ ސަބަބުން ލާމު އަތޮޅުގެ ރައްޔިތުން އުފުލާ ތަކުލީފު ބޮޑުކަމަށް ވިދާޅުވެ ސިރާޖު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
މީގެ ހަފުތާއެއް ކުރިން "ދެން"އިން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ރާއްޖޭގެ ބޮޑެތި ސަރަހައްދުތަކުގެ ތެރެއިން ޕެޓްރޯލްގެ އަގު އެންމެ މަތީގައި އުޅެނީ ގަން-ފޮނަދޫ ސަރަހައްދުގައެވެ.
އެ ސަރަހައްދުގައި ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ 22.67 ރުފިޔާއަށެވެ. ނަމަވެސް މާލެއިން ޕެޓްރޯލް ލީޓަރެއް ލިބޭ އަގަކީ 16.55އެވެ.