ނަބިއްޔާގެ ދިފާޢުގައި ދުވާފަރުގައި ހިނގާލުމެއް ބާއްވައިފި

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދިފާޢުގައި ރ.ދުވާފަރުގައި އިއްޔެ ހަވީރު ހިނގާލުމެއް ބާއްވައިފިއެވެ.
''މަގޭ ނަބިއްޔާ'' ގެ ނަމުގައި ކުރިއަށް ގެންދިޔަ ހިނގާލުން އިންތިޒާމުކުރީ ދުވާފަރު އިސްލާމިކް މޫވްމަންޓުންނެވެ.
އެ ހިނގާލުމަކީ ރަސޫލާއާއި އިސްލާމްދީނަށް ފުރައްސާރަކުރުން ފަހަކަށް އައިސް ރާއްޖޭގައި އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް, ޝުޢޫރު ފާޅުކުރަން ބޭއްވި ހިނގާލުމެކެވެ. ހިނގާލުމުގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.
ދުވާފަރު އިސްލާމިކް މޫވްމަންޓުން ބުނީ ރަސޫލާއާއި އިސްލާމްދީނަށް ފުރައްސާރަކުރުން އެންމެ ހިނދުކޮޅަކަށް ވެސް އެ ރަށު ރައްޔިތުން ބަލައެއް ނުގަންނާނެ ކަމަށެވެ. އަދި އެ ރަށު ރައްޔިތުން ބޭނުންވަނީ, ރަސޫލާއާއި އިސްލާމްދީނަށް ފުރައްސާރަކުރުމާ ދެކޮޅަށް އެ މީހުން އަބަދުވެސް ތިބިކަން މުޅި ދުނިޔެއަށް އަންގައިދިނުމަށް ކަމަށެވެ.
އިސްލާމިކް މޫވްމަންޓުން ވަނީ ރަސޫލާއާއި އިސްލާމްދީނަށް ފުރައްސާރަކުރާ ފަރާތްތަކަށް ސަރުކާރުން ފިޔަވަޅު ނާޅާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މާޝާﷲ.