ދީން

މިސްކިތުގެ އަހުލުވެރީންގެ ޚިދުމަތުގައި ﷲ ތަޢާލާ ވަނީ މަލާއިކަތްބޭކަލުން ލައްވަވައިފައި

ދެން އެމްވީ ، ދެން އޮންލައިން

ނެތުމުގެ ތެރެއިން ، އަހަރެމެން މި ދުނިޔެއަށް ފޮނުއްވި ﷲ ތަޢާލާ ، އަހަރެމެންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އެއްކަމަކީ ނަމާދު ޤާއިމުކުރުމެވެ. އެކަމަށް ފަސް ވަގުތެއް ކަނޑައަޅުއްވައި އެއިލާހަށް ޙަމްދާ ޘަނާ ދަންނަވައި އެ އިލާހާ ކުއްތަންވާނެ އަޅުކަމެއް ކަމުގައި ނަމާދު ވަނީ ލައްވައިފައެވެ.

Ads by STELCO

ހަމަ އެބީދައިން ނަމާދަށް ފަރުވާތެރިވެ ނަމާދު ޤާއިމްކުރުމަށް ދަހިވެތިވާ މީހުންނަށް ﷲ ތަޢާލާ ވަނީ މަތިވެރި މަޤާމުތަކެއް ކަނޑައަޅުއްވައިފައެވެ. އެގޮތުން އަރުޝީގެ ހިޔާވަހިކަން ނޫނީ އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާ ބިރުވެރި ޤިޔާމަތް ދުވަހުގައި އެއިލާހުގެ އަރުޝީގެ ހިޔާވަހިކަން ލިބޭ އެއްބަޔަކީ އެބައެއްގެ ހިތް މިސްކިތާއި ގުޅިފައިވާ މީހުންނެވެ. އެބަހީ ނަމާދުގެ ޖަމާޢަތްތަކަށް އިސްކަންދީ އަބަދުވެސް މިސްކިތުގައި ވުމަށް ހިތް އެދޭ މީހުންނެވެ.

މީގެ އިތުރުން ﷲގެ ޒިކުރުކުރެވޭ މަޖިލިސްތަކުގެ ބައިވެރީންގެ ހިތްހަމަ ޖައްސައިދީ އެމީހުންގެ މުނިފޫހި ފިލުވައިދޭ ޖަލީސުންނަކީ މަލާއިކަތް ބޭކަލުން ކަމުގައި ﷲ ތަޢާލާ ލައްވައެވެ. ހަމައެފަދައިން އެމީހުންނަށް ދަތިކަމެއް ، އުނދަގޫކަމެއް ކުރިމަތިވެއްޖެ ނަމަވެސް އެ މަލާއިކަތް ބޭކަލުން އެހީތެރިވެ ވަޑައިގަންނަވައެވެ. ބަލިވެއްޖެ ނަމަ ، އެމީހެއްގެ ޙާލު ބައްލަވައިލެއްވުމަށް މަލާއިކަތް ބޭކަލުން ޒިޔާރަތް ކުރައްވައެވެ. ކޮންފަދަ މަތިވެރިކަމެއްތޯއެވެ؟

ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

" إنَّ لِلْمَسَاجِدِ أَوْتَادًا الْمَلَائِكَةُ جُلَسَاؤُهُمْ، إِنْ غَابُوا يَفْتَقِدُونَهُمْ، وَإِنْ مَرِضُوا عَادُوهُمْ وَإِنْ كَانُوا فِي حَاجَةٍ أَعَانُوهُمْ" 

މާނައީ: ހަމަކަށަވަރުން މިސްކިތްތަކުގައި ތަނބުތަކެއްވެއެވެ. (އެބަހީ އަބަދުވެސް އެބައެއްގެ ހިތް މިސްކިތާއި ގުޅިފައިވާ ބަޔަކުވެއެވެ.)އެމީހުންގެ ޖަލީސުންނަކީ (އެމީހުންނާއެކު ޖަލްސާ ކުރާ އެކުވެރީންނަކީ) މަލާއިކަތުންނެވެ. އެމީހުން ނުފެނިއްޖެ ނަމަ (މަލާއިކަތުން) އެމީހަކު ހޯދައެވެ. އެމީހުން ބަލިވެއްޖެ ނަމަ ، މަލާއިކަތުން އެމީހުންނަށް ޒިޔާރަތް ކުރެއެވެ.އަދި އެބައިމީހުންނަށް އެއްވެސް ޙާޖަތެއް ޖެހިފައިވާ ނަމަ އެމީހަކަށް އެކަމެއް ފުއްދައިދިނުމަށް އެހީތެރިވެ ވަޑައިގަންނަވައެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އަޅުގަނޑުމެން ﷲގެ ނިދާއަށް އިޖާބަދީ އެއިލާހުގެ ގެކޮޅުތަކަށް ޙާޟިރުވެ އެއިލާހުގެ ޛިކުރުކުރެވޭ މަޖިލިސްތަކުގައި ބައިވެރިވެ އުޅުމުން ، ﷲ ތަޢާލާ ، އަޅުގަނޑުމެންގެ ޚިދުމަތުގައި ލައްވާފައި އެ ވަނީ އެއިލާހުގެ މާތް މަތިވެރި ، ކަރާމާތްތެރި މަލާއިކަތް ބޭކަލުންނެވެ. ކިހައި ބޮޑު ނިޢުމަތެއްތޯއެވެ.

މީގެ އިތުރުން އެއިލާހުގެ މަދަދުވެރިކަމާ މެދު ވިސްނައިލައްވާށެވެ. މިސްކިތްތަކަށް އާންމުކޮށް ނާރައި އުޅޭ މީހުންނަށް ދިމާވެފައި ހުންނަ އުދަގޫ ޒާތުގެ ކިތަންމެ ކަމެއް ޞާލިޙް އަޅުތަކުންނަށް ފަސޭހަ ކަމާއެކު ޙައްލުވެގެންދެއެވެ. އަދި އެފަދަ މީހަކީ ފަގީރެއް ނުވަތަ ޙާޖަތެއް ފުއްދުމަށް ބޭނުންވެފައިވާ މީހެއް ނަމަ ، މިސްކިތުގެ އަހުލުވެރީންގެ ތެރެއިން ކޮންމެވެސް މީހެއްގެ ހިތަށް ، އޭނާއަށް އެހީތެރިވުމުގެ ވިސްނުން ﷲ ތަޢާލާ ލައްވަވާފާނެތެވެ.

ﷲގެ މަދަދުވެރިކަމަކީ ހަމަ ކޮންމެ މީހަކުމެ ބޭނުންވާނެ ކަމެކެވެ. ނަމަވެސް އެއިލާހު ލޯބިވެ ވޮޑިގަންނަވާ ،އެއިލާހުގެ ޚާއްޞަ އަޅުތަކުންގެ ތެރޭގައިވުމަކީ ހަމައެކަނި ނިޔަތަކުން ވާން އޮތް ކަމެއް ނޫނެވެ. އެހެނެއްކަމަކު އެއިލާހުގެ ރުހުން ލިބެން އޮތީ ނަމާދަށް ރައްކާތެރިވެ އެއިލާހު އެންގެވި ގޮތުގައި ޙަޔާތުގެ ދުވަސްތައް ހޭދަކޮށްގެންނެވެ.

(ޝައިޚް އަޙްމަދު ސަމީރުގެ ދަރުހަކުން)

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!