ހަނގުރާމައަށްފަހު ޕުޓިން ވަޑައިގަތް ފުރަތަމަ ޤައުމަަކަށް އީރާން
ޔޫކްރެއިނަށް އަރައި ރަޝިޔާ ސިފައިން ހަނގުރާމަ ފެށި ފަހުން އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިން ފުރަތަމަ ފަހަރަށް ބޭރު ޤައުމަކަށް ކުރައްވާ ޒިޔާރަތުގައި އީރާނަށް ވަޑައިގަންނަވައިފިއެވެ. ޒަމާނުއްސުރެ އެ ޤައުމާ އެކު ގާތް ގުޅުމެއް ބާއްވަމުންދާ އީރާނަށް ކުރެއްވި މި ދަތުރުފުޅުގައި ޕުޓިން ވަނީ އެ ޤައުމުގެ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީއާ ބައްދަލު ކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
ތެހެރާނަށް ކުރެއްވި މި ދަތުރުފުޅުގައި ޕުޓިން ވަނީ ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނާ ވެސް ބައްދަލު ކުރައްވާފައެވެ. މިއީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ނޭޓޯގެ މެންބަރު ޤައުމެއްގެ އިސްވެރިޔަކާ އޭނާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ، ޔޫކްރެއިނުގައި ހައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް އޮތް ހުރަސްތައް ނައްތައިލުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން، ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ޚާމަނާއީއާ އެކު ބޭއްވެވި ބައްދަލުވުމުގައި އޭނާ ވަނީ، ހުޅަނގުގެ ނުފޫޒުތަކުން ސަލާމަތްވުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމަށް ޕުޓިންއަށް ގޮވައިލައްވާފައެވެ. އަދި، އެމެރިކާގެ ނުފޫޒުން ސަލާމަތްވުމަށް ޕުޓިން ކުރައްވާ މަސައްކަތަށް ތަޢުރީފު ކުރައްވައި، ޚާމަނާއީ ވަނީ ދެ ޤައުމުގެ ދެމެދުގައި ހިނގާ ވިޔަފާރީގެ މުޢާމަލާތްތަކުގައި ދެ ޤައުމުގެ އަމިއްލަ ފައިސާ ބޭނުން ކުރުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.
އަދި، ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައަށް އީރާނުން ތާޢީދުކުރާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. ވިދާޅުވީ، ރަޝިޔާއިން ޔޫކްރެއިނަށް ނޭރި ނަމަ، އެމެރިކާއާއި ހުޅަނގުން އެ ޤައުމަށް ފޯރުވަމުން ގެންދާ ނުފޫޒު އިތުރު ކުރާނެ ކަމުގައެވެ.