ޚަބަރު ސިޔާސީ

ނަރީޝް, އިމްރާނަށް: ފާހިޝް އަމަލުތައް ކުރާ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމަކީ ފިޔަވަޅެއް ނޫން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ހަޑިމުޑުދާރު ފާހިޝް އަމަލުތައް ކުރާ މީހުންނަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ ނުކޮށް ދޫކޮށްލާނެކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވުމުން މާލޭގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ސުވާލުތަކެއް އަމާޒުކުރައްވައިފިއެވެ.

Ads by Hajj Corporation

އިމްރާން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދީނުގެ ހުދޫދު ނެތިކޮށް, ޤައުމުގެ އިޖުތިމާޢީ ފޭރާން ވީދައި, ﷲ ގެ ކޯފާއަށް ޤައުމު ހުށަހެޅޭފަދަ ހަޑިމުޑުދާރު ފާހިޝް އަމަލުތައް ލޯ މައްޗަށް ތަކުރާރުވާން ފެށީމާ ޤާނޫނީ ހަމަތަކުގެ މަތިން އަޅަންވާ ފިޔަވަޅު އެޅުމަކީ އޭނާ ނުކޮށް ދޫކޮށްލާނެކަމެއް ނޫން ކަމަށެވެ.

އިމްރާންގެ ޓުވީޓުގައި އެއް ޖިންސުން ގުޅުން ހިންގި މައްސަލަ ފާހަގަކުރައްވާފައި ނެތަސް އެ ޢިޝާރާތް ކުރައްވަނީ އެ މައްސަލައަށްކަމަށް ބެލެވެއެވެ.

ނަރީޝް ވިދާޅުވީ ފިޔަވަޅެއް އަޅާ ތަނެއް ނުފެންނަ ކަމަށާއި, ފާހިޝް އަމަލު ހިންގާ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމަކީ ފިޔަވަޅެއް ނޫން ކަމަށެވެ.

ދާދިފަހުން ވަނީ ބަންގަލްދޭޝްގެ އެމްޑީ އަލަމްގިރި ކިޔާ މީހަކު  ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) ކަމަށް ބެލެވޭ މީހަކާއެކު އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ޢަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ އާންމުވެފައެވެ. ނަމަވެސް އަލަމްގިރި ފިޔަވާ އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ. އެކަމަކު އެ މީހުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

ނަރީޝްގެ ޓުވީޓުގައި ވަނީ ދީނަށް ފުރައްސާރަކުރާ މީހުން ބުއްދި ހަމަނުޖެހޭ މީހަކަށް ހަދާފައި ފުރުވައިލުން އެއީ ފިޔަވަޅު އެޅުންތޯ ސުވާލު ކުރައްވައިފައެވެ. އަދި އޭނާ ވަނީ ޝިރުކު ހުއްޓުވަން ނިކުތް ޢިލްމުވެރިން ޓެރަރިސްޓުންނަށް ހަދައި ޖަލު ކުޑަ ގޮޅިއަށްލުން އެއީ ފިޔަވަޅު އެޅުންތޯ ވެސް ސުވާލު ކުރައްވައިފައެވެ.

''އެމްޑީއެން ރިޕޯޓު ލިޔުނު މީހުންގެ މައްސަލަ ނުބަލައި ހަމައެކަނި ނަން އުވާލައިފައި ބޭއްވުން އެއީ ފިޔަވަޅު އެޅުންތޯ. ފާހިޝް އަމަލުތައް ހިންގަން މަގުފަހިވާ ގޮތަށް ހުދޫދެއް ނެތް މިންވަރަށް މަސާޖު ޕާލާތައް މި ޤައުމުގައި އާންމުވާން ޖާގަ ދިނުމަކީ ފިޔަވަޅު އެޅުންތޯ. ފާޅުކަން ބޮޑު ގޮތެއްގައި މި ކަންކަމަށް ހިތްވަރު ލިބޭހެން ސޯޝަލް މީޑިއާގައި އެޑްވަރޓައިޒްކުރަން ޖާގަ ދިނުމީ ފިޔަވަޅު އެޅުންތޯ.'' ނަރީޝް ސުވާލު ކުރެއްވިއެވެ.

ނަމަވެސް އިމްރާން އަންނަނީ އިސްލާމްދީން ކުރިއަރުވަން ޢަދާލަތު ޕާޓީން މަސައްކަތް ކުރި ކަމަށާއި ކުރިއަށް އޮތް ތަނުގައި ޕާޓީ ދެމި އޮންނާނީ އެކަމުގައިކަމަށް ވިދާޅުވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!