ޝައިޚް ނިޝާނަކީ އަނިޔާވެެެރި ޢަމަލަކަށް ތާއިދުކުރައްވާނެ ބޭފުޅެއްނޫން: ޑރ.ޝަހީމް

ޝައިޚް އާދަމް ނިޝާނަކީ އަނިޔާވެެެރި ޢަމަލަކަށް ތާއިދުކުރައްވާނެ ބޭފުޅެއްނޫން ކަމަށާއި, އޭނާ މިނިވަންކުރަންޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެ ތަނަށް ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި 21 މީހުންގެތެރޭގައި ޝައިޚް އާދަމް ނިޝާން ވެސް ހިމެނެއެވެ.
ރޭ ޑރ.ޝަހީމް ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ ޝައިޚް ނިޝާނަކީ ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކޮށް އުޅުނު ފަރާތްތައް އިސްލާހުކޮށް, ޢިލްމީ ގޮތުން އެ ފަރާތްތަކަށް ޙައްޤުގޮތް ބުނެދެއްވުމަށް މަސައްކަތް ކުރައްވައި ނަތީޖާ ވެސް ނެރުއްވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން އަނިޔާވެެެރި ޢަމަލަކަށް އޭނާ ތާއިދުކުރައްވާނެކަމަށް ޤަބޫލެއް ނުކުރެވޭކަމަށް ޝަހީމް ވިދާޅުވިއެވެ.
''ޝައިޚު ނިޝާން މިނިވަންކުރަންޖެހޭ.'' ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ޤާނޫނާ ޚިލާފުކަމެއް ކުރިކަން ސާބިތު ނުވާހާ ހިނދަކު ދީނީ ގޮތުން ކަމެއްގައި މީހަކު ދެކޭ ރައުޔެއް ހާމަކުރުމަކީ ހައްޔަރުކޮށްގެން ގެންގުޅެން ޖެހޭ ސަބަބެއްނޫން ކަމަށެވެ.