ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާ ބޭނުންވާ ދިވެހިންނަށް ވަޒީފާ ކަށަވަރުވާންޖެހޭ: ޑރ.މަޢުޞޫމް

ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާ ބޭނުންވާ ދިވެހިންނަށް ވަޒީފާ ކަށަވަރުވާންޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކަށް ބޭނުންވާ ވަރަށް ދިވެހިންގެ އާބާދީ މަދު އެހެންކަމުން ބިދޭސީން ގެންނަންޖެހޭ ކަމަށެވެ. ނަމަވެސް މިކަން ކުރެވޭނީ ދިވެހިންގެ ވިސްނުން ބަދަލުކޮށްގެން ކަމަށާއި އެ މީހުންނަށް އިހުތިރާމުކުރަންޖެހޭ ކަމަށެވެ. އަދި އެ މީހުންނަކީ ދިވެހިންގެ ވަޒީފާ އަތުލަން އަންނަ ބައެއްގެ ގޮތުގައި ދުށުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލު ނިންމާ އާބާދީގެތެރެއިން ވެސް ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތައް ޚިޔާރުކުރަނީ މަދު ޕަސެންޓެއް ކަމަށެވެ. އެހެންކަމުން ދާއިރާ ހިންގަން ބިދޭސީންގެ ޢަދަދު އިތުރުކުރަން ވިސްނަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އެ ގޮތަށް އަމަލުކުރާނީ ދިވެހިންނަށް ފުރުސަތުތައް ހަނިނުވާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.