ޚަބަރު ސަރުކާރު

މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ފުރަތަމަ ހިމާޔަތްކުރަން ޖެހެނީ އިސްލާމްދީން: ރައީސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް. ފޮޓޯ: ރައީސް އޮފީސް

މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ފުރަތަމަ ހިމާޔަތްކުރަން ޖެހެނީ އިސްލާމްދީންކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ފާހަގަކުރާ މިނިވަން ދުވަހާ ގުޅިގެން ޤައުމާ މުޚާޠަބު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤުލާލު އެކީ އެއް މާރަކުން ބަނދެވިގެންވާ ޙަޤީޤީ ސިއްރަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. އަދި އެ ދީނުގެ ރިސާލަތާއި، ހިދާޔަތުން ދިވެހި އުންމަތް އެކުއެކީ، އަލިވެ އުޖާލާވެގެން ދިޔުމަކީ ދެ ދުނިޔޭގައި ވެސް، ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ނަސީބާއި ރަޙްމަތްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ, ރާއްޖޭގެ ގޮތުގައި ފުރާފުރިހަމަވި ސަބަބަކީ މުސްލިމް ދިވެހި ރައްޔިތުން ކަމަށެވެ. އަދި ދުނިޔޭގެ އަރި ހުރަހަށް ހިނގާ ތަފާތު ފިކުރީ އޮއިވަރުން ނެއްޓި, މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުން އަބަދުވެސް ލާޒިމް ކަމަށާއި އެކަމަށްޓަކައި އެންމެ ފުރަތަމަ ރައްކާތެރިވެ ހިމާޔަތްކުރަން ޖެހެނީ މާތްވެގެންވާ އިސްލާމްދީންކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

''ދުނިޔޭގެ އަރި ހުރަހަށް ހިނގާ ތަފާތު ފިކުރީ އޮއިވަރުން ނެއްޓި، މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުން އަބަދުވެސް އަޅުގަނޑުމެންނަށް ލާޒިމް. އެކަމަށްޓަކައި އެންމެ ފުރަތަމަ ރައްކާތެރިވެ ހިމާޔަތްކުރަން ޖެހެނީ، އަޅުގަނޑުމެންގެ އީމާނާއި ޢަޤީދާ. މާތްވެގެންވާ އިސްލާމްދީން.''

ރައީސް ވިދާޅުވީ ޤައުމެއްގެ މިނިވަންކަމަކީ، އެ ޤައުމެއް ދިރި ދެމިއޮތުމުގެ އެންމެ މުހިއްމު ރުކުން ކަމަށެވެ. އަދި ސުލްޙަ މަސަލަސްކަމާއި، ހަމަޖެހުމާއި، އުފާފާގަތިކަމާއި، ތަރައްޤީ ގުޅިލާމެހެނީ، މިނިވަންކަމުގެ ފޮނި މީރުކަމާކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެންމެން އެކުގައި، އެއްބައިވަންތަވެ އެކަތިގަނޑަކަށް ވެގެންމެނުވީ، މިނިވަންކަން ލިބުނު ޤައުމެއް، ޖަމާޢަތެއް ނެތް ކަމަށެވެ. އަދި މިނިވަންކަމުގެ މަތީގައި ދެމިތިބުމަށްޓަކައި އެނޫން އެހެން ގޮތެއް ނޯންނަ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!