ޚަބަރު

ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދީފިނަމަ އަނިޔާވެރިކަން އިތުރުވާނެ: ރިޔާޒް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ދެވަނަ ދައުރެއް ދީފިނަމަ އަނިޔާވެރިކަން އިތުރުވެގެންދާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް، ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރިޔާޒް މިހެން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއަށް ރައްދު ދެއްވާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރޭ އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ތިން މީހަކު ހައްޔަރު ކުރުމާއި، މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުން ކުރުމުން، ޝުޖާއު ވިދާޅުވީ، މިއަދު ސަރުކާރުން ދިވެހި ފުލުހުން ލައްވައި ރައްޔިތުންނާ ދޭތެރޭ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި ރައީސް ޔާމީން 2023 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތައް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.

މި ވާހަކަފުޅަށް ރައްދު ދެއްވަމުން ރިޔާޒް ވިދާޅުވީ، ރައީސް ޔާމިނުގެ ވެރިކަމުގަ ފުލުހުންގެ ޚިދުމަތް ބޭނުންކުރައްވާފައި ވަނީ މީހުން ފުރޭމް ކުރުމަށާއި ޤާނޫނީ އިމުން ބޭރުން މީހުން ހިފާހައްޔަރުކުރުމަށް ކަމަށެވެ.

ކުރީގައި ފުލުހުންގެ ކޮމިޝަނަރުކަން ވެސް ކުރެއްވި ރިޔާޒް އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި އެ މުއައްސަސާ އޮތީ ބޮއްސުން ލާފައި ކަމަށާއި ވެރިކަމުގައި އެ މުއައްސަސާ އިސްލާޙް ކުރަން ކޮށްދެއްވި ކަމެއް ނެތް ކަމަށެވެ.

"މުޅި މުއައްސަސާ އޮތީ ބޮއްސުންލާފަ. އިސްލާހުކުރުމަށް ކޮށްދެއްވި ކަމެއްނެތް. 2 ވަނަ ދައުރެއް ޔާމިނަށްދީފިނަމަ އަނިޔާވެރިކަން އިތުރުވާނެ." ރިޔާޒް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ކޮހިނޫރު

    ކޮންމެ މީހަކު ބުންޏަސް ތެދެއް ވާނީ ތެދަކަށެވެ . ތިޔަ ބުނެވުނީ ބޮޑު ތެދެކެވެ.

  2. ދިވެހި ރައްޔިތުން

    ސަރުކާރުން ފައިސާ ނަގާ ސިޔާސީ ޕާޓީތަކަށް ސަރުކާރާ އިނދިކޮޅު ހަރަކާތެއް ނުހިންގޭނެ. އަދި ކުރިން ވެރިކަމުގަ އުފެއްދި ފޮޓޯތަކާވީޑިއޯ ތަކާއި ސްޕީޗް ތަކާ ލިޔުންތަކަކީ ސަރުކާރުގެ ފިކުރީ މުދާ އެވެސް ޕާޓީގެކަންކަމުގާ ނުވަތަ އަމިއްލަ ކަންކަމުގަ ބޭނުން ނުކުރެވޭނެ. މި ކަންކަން ގާނޫނީ ކުށަކަށްވާން ޖެހޭނެ