ރައީސް ޞާލިޙް އިންޑިއާއަށް ފުރާވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހާ ހަމަޔަށް ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިކުރައްވާ ރަސްމީ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ނިއުދިއްލީއަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި، އިންޑިއާގެ ރައީސް، ދްރައުޕަތީ މުރްމު އާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި ބައްދަލު ކުރައްވާނެއެވެ. އަދި ދެޤައުމުގެ ގުޅުން ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ކުރައްވާނެއެވެ. އަދި ދެޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކަށް ފަހުގައި، ދެޤައުމުގެ އިސްވެރިން ގުޅިފައިވާ ނޫސްބަޔާނެއް ދެއްވަވާނެއެވެ.
އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން ނިއުދިއްލީ އާއި މުމްބާއީގެ ވިޔަފާރިވެރިންނާއިވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރައްވާނެއެވެ. މިގޮތުން ނިއުދިއްލީ އާއި މުމްބާއީގައިވެސް ބިޒްނަސް ފޯރަމްތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
މިދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ މުމްބާއީއަށް ޒިޔާރަތް ކުރައްވައި މަހާރަޝްތުރަގެ މޭޔަރާއި ބައްދަލުކުރައްވައި، މުމްބާއީ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވާނެއެވެ. އަދި ޖަވާހިރް ލާލު ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ މެނޭޖްމެންޓާއި ބައްދަލު ކުރައްވައި މަސައްކަތްތައް ހިނގާނުހިނގާ ގޮތްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައި އެނބުރި ރާއްޖެވަޑައިގަންނަވާނީ، 2022 އޮގަސްޓް 4ވާ ބުރާސްފަތި ދުވަހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ ރަސްމީ މިދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެއެވެ. އިންޑިއާއަކީ، ދިވެހިރާއްޖޭގެ އިޖުތިމާއީ ތަރައްޤީ އާއި ޢުމުރާނީ ތަރައްޤީގައި މުހިއްމު ބައިވެރިއެކެވެ.