ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

" ސޯފިޔާ. ކާކުތަ؟". ކުއްލިއަކަށް ކަންފަތުގައި ޖެހުނު އަޑާއެކު އަރްޔަން ސިހުނެވެ. އެއީ އެ އަޑެވެ. ޖީނާގެ އަޑެވެ. ދުވަހަކު ވެސް އަރްޔަންއަށް އެ އަޑެއް ނޯޅޭނެއެވެ. ކުއްލިއަކަށް އަރްޔަން ފޯނު ކަނޑާލިއެވެ. ކުރެވެން އުޅުނު ކަންތައް އިހްސާސްވުމާއެކު ދެއަތުން އިސްތަށިގަނޑުގައި ހިފަހައްޓާލަމުން އިސްޖަހާލިއެވެ.

Ads by Sosun Fihaara

**************************

މެލޭޝިޔާގެ ކުއަލާ ލަމްޕޫރުގެ ލައިބްރަރީއެއްގައި ތިބި ތިން ޒުވާނުން އެކި ހަރުގަނޑުތައް ބަލަމުން ދިޔައެވެ. ބަލާބެލުމަށް އެ ޒުވާނުންގެ އުމުރުން ވާނީ ނަވާރަ ނޫނީ ވިއްސަކަށް އަހަރެވެ. ހޯދަމުން ދިޔަ ފޮތް ފެނުނީ ކަންނޭނގެއެވެ. ޔެސް އޭ ކިޔައި ހަޅޭއްލަވައިގަތް ތަނުން އެތަނުގައި ހުރި ލައިބްރޭރިއަން އަޑުމަޑު ކުރަން ބުނެލޮިއެވެ.

ސިއްރުސިއްރުން ހެމުން ގޮސް ތިން ޒުވާނުން ކައުންޓަރު ކައިރީ މަޑުކޮށްލިއެވެ. އަދި ހަރުގަނޑުން ނެގި ފޮތް ނޯޓު ކުރުމަށް ޓަކައި ލައިބްރޭރިއަންއާ ހަވާލުކުރިއެވެ.

" މި ތަނުގަ ނަން ލިޔެލާ". ލައިބްރޭރިއަން ގަނޑުކޮޅެއް ދެމުން ނަން ލިޔަންވީ ތަން ދެއްކިއެވެ. އެ ގަނޑުކޮޅު އަތުލީ ތިން ޒުވާނުންގެ ތެރެއިން މެދުގައި ހުރި ޒުވާނާއެވެ. ސާފު ރީތި ލިޔުމަކުން އޭނާ އެ ގަނޑުކޮޅުގައި ލިޔުނީ " އަރްޔަން ޝަމީމް" އެވެ.

އެވަގުތު ކައުންޓަރު ކައިރީ އަންހެންކުއްޖަކު މަޑުކޮށްލިއެވެ. އަރްޔަންގެ އަތުގައި އޮތް ފޮތަށް ނަޒަރެއް ދެމުން އޭނާ ލައިބްރޭރިއަން ކައިރީ އަހާލީ އެ ފޮތުގެ އިތުރު ޗާޕެއް އޮތްތޯއެވެ.

" ސޮރީ. ދެޓްސް ދަ ލާސްޓް ބުކް ފޯރ ނައު". ލައިބްރޭރިއަންގެ ޖަވާބާއެކު އެ އަންހެންކުއްޖާގެ މޫނަށް ވެރިވި މާޔޫސީ ކުލަވަރު އަރްޔަން ދުއްޓެވެ. އަތުގައި އޮތް ފޮތަށް އެއްފަހަރު ބަލާލަމުން ކައިރީ ހުރި ކުއްޖާއަށް އަރްޔަން ބަލާލިއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ތަނުން އެ ކުއްޖާ ހިނގައިގެންފިއެވެ.

" އެކްސްކިޔުޒް މީ".. ލައިބްރަރީ އިން ނުކުތް އިރު އެ އަންހެންކުއްޖާ ހިނގާފައި ދާތަން ފެނުމުން ކުޑަކޮށް ދުވެފައި ގޮސް އަރްޔަން އޭނާއާ އަރާ ހަމަކުރިއެވެ. އޭރު ދުރުގައި ތިބި އަރްހަމްއާ އުމައިރް ލާނެތް ފާޑަކަށް ހެވިފައި ތިބީ އަރްޔަން އުޅޭ ގޮތުންނެވެ.

" ޔާން އަށް އެ ކުއްޖާ ކަމުގޮއްސިހެން ހާދަ ހީވެޔޭ". އުމައިރް މަޑުމަޑުން ބުނެލުމުން އެކަމާ އެއްބަސް ވުމުގެ ގޮތުން އަރްހަމް ވެސް ބޯ ޖަހާލިއެވެ. އޭރު ދުރުގައި އަރްޔަން އެ ކުއްޖާއާ ވާހަކަ ދައްކަން ހުއްޓެވެ. ގިނަ އިރުތަކެއް ނުވެ އަތުގައި އޮތް ފޮތް އެ އަންހެން ކުއްޖާ އަތަށް ދިނުމަށްފަހު އަރްޔަން އެނބުރި އަރްހަމްމެން ކައިރިއަށް ދިޔައެވެ.

" ފާޑަކަށް ހޭނެ ކަމެއް ނެތް. ތި ހީކުރާ ކަހަލަ އިންޓެންޝަންއެއް ނެތް އަހަރެންގެ. އެހެން ނޫނަސް އެއީ ކުރިން ވެސް ކިޔާފަ އޮތް ފޮތެއް. ޝީ ސީމްޑް ލައިކް ޝީ ރިއަލީ ވޯންޓެޑް އިޓް. އެހެންވެ މި ދިނީ". އުމައިރްއާއި އަރްހަމްއަށް އެއްޗެކޭ ބުނެވުމުގެ ކުރިން އަރްޔަން އަވަސް އަވަހަށް ބުނެލިއެވެ.

" ތިހެން ބުނާނީ. ކޮން ނަމެއް އެ މަންޖެއަށް ކިޔަނީ؟". އެ އަންހެންކުއްޖާ ގޮސް ދުރުގައި އޮތް ގޯޅިއަކަށް އަޅާލުމުން އުމައިރް އަހާލިއެވެ. އެއާއެކު ކައިރީގައި ހުރި އަރްހަމް ބޯ އަރިކޮށްލަމުން އުމައިރްއަށް ބަލާލިއިރު އެ ބެލުމުގައިވީ ކީކޭކަން އުމައިރް ދެނެގަތެވެ.

" ޖީނާ. މަރިޔަމް ޖީނާ ސާއިފް". އުމައިރްގެ ކޮނޑަށް އަތް ވައްޓާލަމުން އަރްޔަން ބުނެލީ ސިއްރުންނެވެ. އެވަގުތު އުމައިރް މަޑުމަޑުން އެއްޗެކޭ ބުނެލަމުން އަރްޔަން ދުރަށް ކޮށްޕާލިއެވެ. ދެން އިވިގެންދިޔައީ ތިން ޒުވާނުންގެ ހުނުމުގެ އަޑެވެ.

****************************

ސިކުނޑީގައި ކުރެހެމުންދިޔަ މަންޒަރުތަކާއި އިވެމުންދިޔަ އަޑުތަކުގެ ސަބަބުން އަރްޔަންއަށް އިނދެވުނީ މާޔޫސްވެފައެވެ. ބުރަ މަސައްކަތެއް ނުކުރި ކަމުގައި ވިޔަސް ވަރުބަލިވެފައެވެ. ސިކުނޑިއަށް ލިބިފައިވީ ބުނެދޭން ނޭނގޭ ބުރަކަމެކެވެ. ކޮންމެވެސް ވަރަކަށް ކަންކަން ފަހުމްވާން ފެށި ކަމުގައި ވިޔަސް އެފަދަ ކަމެއް ޖީނާ ކުރާނެއޭ އަރްޔަންގެ ހިތް ނުބުނަނީއެވެ.

ނުހަނު ވިސްނުމަށްފަހު އަރްޔަން ނިންމީ އެވާހަކަތައް އަރްހަމްއާ ހިއްސާ ކުރުމަށެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ ހިޔާލު ބަދަލުވިއެވެ. އަރްހަމްއަށް މި ދުވަސްކޮޅު އިތުރު ބުރައެއް ޖައްސަން ހިތް ނޭދުނެވެ.

***************************

ހުކުރު ދުވަސް ކައިރިވަމުންދިޔަ ވަރަކަށް އަރްހަމްގެ ނުތަނަވަސްކަން ވީ އިތުރެވެ. ގިނަ ދުވަސްތަކެއް ނުވެ އަންބެއްގެ ގޮތުގައި ގެނެވޭނީ ޔެލިޒްކަން އެނގުނީއްސުރެ އެ ހިތުގެ ހަމަޖެހުންވީ ގެއްލިފައެވެ. ބައެއްފަހަރު އިޔާޒްއާ ވާހަކަ ދައްކައިގެން ކައިވެނި ހުއްޓުވުމަށް ހިތަށް އެރި ނަމަވެސް އެއިން ކޮންމެ ފަހަރެއްގައި ވެސް އަރްހަމް ހިތްވަރު ހޯދަނީ މާތްﷲގެ ހަޟްރަތުންނެވެ. އަބަދާ އަބަދު ދުޢާ ކުރެވެމުން ދިޔައީ ޔެލިޒްއަށް ޓަކައި އޭނާއަކީ ރަނގަޅު ފިރިއެއް ކަމުގައި ލައްވަވާ، ދެ ދުނިޔެއިން ވެސް ދިރިއުޅުން ބާއްޖަވެރިކޮށްދޭނޭ ފަދަ އަންބަކަށް ޔެލިޒް ވޭތޯއެވެ.

ކިތަންމެ މާޔޫސްވިކަމުގައި ވިޔަސް އަރްހަމްއަށް ޔަގީންވަނީ އެންމެ ކަމެކެވެ. މާތްﷲ އެއްވެސް އަޅެއްގެ ދުޢާ ރައްދު ނުކުރައްވާނެ ކަމެވެ. އެކަލާނގެ ދުޢާ އިޖާބަ ކުރައްވާނޭ ތިން ގޮތެއް ވާއިރު އެއިން ކޮންމެވެސް އެއްގޮތަކަށް އަރްހަމްގެ ދުޢާ ވެސް މާތްﷲ އިޖާބަ ކުރައްވާނޭކަމުގައި އަރްހަމް ގަބޫލު ކުރިއެވެ. އެއް ގޮތަކީ ވަގުތުން ދުޢާ އިޖާބަ ކުރެއްވުމެވެ. އަނެއްގޮތަކީ އެންމެ ރަނގަޅު ވަގުތަށް އިޖާބަކުރެއްވުމަށް ލަސްކޮށްލެއްވުމެވެ. ތިން ވަނައަށް އޮތް ގޮތަކީ އެކަލާނގެ ހަޟްރަތުގައި ދުޢާ ކުރެވުނު ކަމަށްވުރެ މޮޅު ކަމެއް އެމީހަކަށް ޓަކައި އެކަލާނގެ މިންވަރު ކޮށްދެއްވުމެވެ.

އެންމެ ފަހުން އަރްހަމްގެ ހިތަށް ލުއި ކަމެއް ލިބުނީ ދެ ރަކްޢަތުގެ ނަމާދެއް ކޮށްލުމުންނެވެ. އެއަށްފަހު ތަރުޖަމާ ނަގައިގެން އޭނާ ގުރުއާން ކިޔަވަން ފެށިއެވެ. އެކި އެކި އާޔަތްތަކުގައި މާތްﷲ އެކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާ އަޅުތަކުން އިމްތިޙާނު ކުރައްވަވާނޭ ކަމުގައި އަންގަވާފައިވާ ބަސްފުޅުތަކާއި ހުރިހާ އަޅުތަކުންނަށް ވެސް އެކަލާނގެ އޯގާތެރިވެވޮޑިގަންނަވާނޭ ކަމުގައި ތަކުރާރުކޮށް އަންގަވާފައިވާ ބަސްފުޅުތަކުން އަރްހަމްގެ އުންމީދު އާވިއެވެ. ކުރިން ނަފްސަށް ނެތް އިތުބާރެއް ލިބުނެވެ.

**************************

މެންދުރު ފަހުގެ ކްލާސްތަކަށް ދާން ތައްޔާރުވެގެން އޮފީހުން ނުކުތް އުމައިރްގެ މިސްރާބު ހުރީ ސިޑިއާ ދިމާލަށެވެ. ކަނާތުގައި ދެތިން ފޮތް އޮތްއިރު ވާއަތް ވަނީ ޖީބަތް ޖަހާލެވިފައެވެ. ގަމީހުގެ އަތުކުރި ކުޑަހުޅާ ހަމައަށް ހުރިއިރު ފަޓުލޫނު ހުރީ ތަނބިކައްޓަށް ވުރެ އެއް އިންޗި މައްޗަށެވެ. ރީތި ވަރަކަށް ހުރި ތުނބުޅިންނާއި އިސްތަށިގަނޑުން އެ ރީތިކަން ފާހަގަވާހާވެއެވެ. ހަރު ހިނގުމެއްގައި ސިޑިން އަރައިގެން ގޮސް ދެވަނަ ބުރިއަށް އެރިއިރު ކްލާސް ރޫމާ ޖެހިގެން ހުރި ކެބިންގެ ދޮރު ހުޅުވާލުމަށްފަހު ނުކުތް ޔާޒް ފެނުމުން އުމައިރް ކުޑަކޮށް ފިޔަވަޅުތައް މަޑު ޖައްސާލިއެވެ.

މޫނަށް ވެރިވި ހައިރާންކަމާ އެކުވެސް އުމައިރްއަށް ކުޑަކޮށް ހިނިތުންވެވުނެވެ. ޔާޒްއަށް އައިސްފައިވާ ބަދަލުގެ ފަހަތުގައި ފޮރުވިފައިވީ ސަބަބު ނޭނގުނު ކަމުގައި ވިޔަސް އެ ބަދަލު އުމައިރްއަށް ނުހަނު ކަމުގޮއްސިއެވެ. ޔާޒް ލައިގެން ހުރި ކަޅުކުލައިގެ ދޫ އަބާޔާއާއި ބޮޑުކޮށް ނިވާ ވާނެހެން އަޅާފައިވާ ބްރައުން ކުލައިގެ ޝޯލްގެ ތެރެއިން އެ މައުސޫމު މޫނު  ފެންނަމުން ދިޔަ ގޮތުން އުމައިރްއަށް ނޭވޭ ހިފަހައްޓާލެވުނީ އިހްތިޔާރަކާ ނުލައެވެ. ހިތާހިތުން އެ ރީތިކަމަށް އެ މަދު ވަގުތުކޮޅުގައި ވެސް ތަޢުރީފު ކުރެވުނު އަދަދެއް ހުދު އުމައިރްއަށް ވެސް ނޭނގެއެވެ. ހުރި ފިޔަވަޅު މަތީ އުމައިރް ހުއްޓާ ޔާޒް އޭނާ ފަސްދީ ގޮއްސިއެވެ. ކުރެވުނު ކަންތައް އުމައިރްއަށް ވެސް ރެކާލީ ދެނެވެ. އަނގަޔަށް ގޮތެއް ހަދާލަމުން އޭނާ އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ.

އުމައިރް ފަސްދީ ދެވުމާއެކު ޔާޒްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ސިއްރު ސިއްރުން އުމައިރްއަށް ބަލާލަމުން ޔާޒް ހެދުމުގެ ފަސްބައިގައި ހިފެހެއްޓީ އަވަސްވެފައިވާ ހިތް ހަމައަކަށް އެޅުވުމަށްޓަކައެވެ. އެ ހިމަ ދިގު ކޯރިޑޯގެ ކަނާތަށް ހުރި ފާހާނައަށް ވަދެވުމާއެކު ޔާޒްއަށް މޫނުގައި އަތް އެޅުނީ އުމައިރް ބަލަން ހުރި ގޮތް ސިފަ ކުރެވުމުންނެވެ. ލަދުރަކި ހިނިތުންވުމެއް ތުންފަތަށް ވެރިވެގެން ދިޔުމާއެކު ނިކަން އަވަހަށް އޭނާ ބޯ ހޫރުވާލިއެވެ. ލޯގަނޑު ކައިރިއަށް ޖެހިލަމުން ޝޯލް ހުރީ ރީތިކޮށްތޯ ޔާޒް ބަލައިލިއެވެ.

ހަމަގައިމުވެސް މިއަދު އުމައިރް ބަލަން ހުރި ގޮތުން އޭނާއަށް ޔާޒް ފާހަގަވެގެން ވެއްޖެކަން ޔަގީނެވެ. އުމައިރްގެ ހިތުގައި އޮތީ ކޯއްޗެއްކަމެއް ނޭނގެއެވެ. ނަމަވެސް އެ ބެލުމުން ޔާޒްގެ ހިތަށް ފިނިކަމެއް ގެނުވަދީފިއެވެ. ހީނަރުވެފައިވާ އެ ގުޅުން އާރާސްތުވެދާނޭ ކަމުގެ ނިޝާނެއްގެ ގޮތުގައި ޔާޒް އެކަން ދުށްޓެވެ.

ނަމަވެސް ދެވަނަ ސިކުންތުގައި ނަފްސު ހިސޯރު ކުރަމުން ދިޔަ ވަސްވާސްތަކާ ދުރުވާން ޖެހޭ ކަމުގައި ޒަމީރު ވިސްނުވައިދިނެވެ. ކުރިން ދުވަހު ފޭސްބުކަށްވަދެ އުޅެނިކޮށް ފެނުނު ޕޯސްޓެއްގެ މަތިން ޔާޒް ހަނދާން އާ ކޮށްލިއެވެ. ހެޔޮ މީހަކަށް ވާން އެދޭނަމަ ބުނާ ކޮންމެ ބަހެއް ބުނަންޖެހޭނީ ﷲ، އަށްޓަކައި ކަމެވެ. އަދި ކުރާ ކަމެއް ވެސް ކުރަންޖެހޭނީ އެކަލާނގެއަށްޓަކައި ކަމެވެ. މީސްތަކުން ރުއްސުމުގެ ބަދަލުގައި އެކަލާނގެ ހަޟްރަތުން މެނުވީ ރުހިވޮޑިގަތުން ހާސިލްކުރަން ނުޖެހޭ ކަމެވެ. އެހެނީ ދުނިޔޭގައި އުޅޭ އިރު ހުރިހާ މީހުން ހިތް އެދޭ ގޮތަށް ނޫޅެވޭނެކަން ވެސް ޔާޒް ދަނެއެވެ. އަދި އެންމެންގެ ލޯބި ނުލިބޭނެކަން ވެސް އޭނާއަށް އެނގެއެވެ. ރަސޫލު ބޭކަލުންނަށް ލިބިފައިނުވާ ނިޢުމަތެއް ހުދު ޔާޒްއަށް ވެސް ނުލިބޭނެކަން އޭނާ ގަބޫލު ކުރެއެވެ.

ކްލާހަށް ވަނުމުގެ ކުރިން އުމައިރް ޖީބުގައި އޮތް ފޯނު ނެގީ ސައިލެންޓަށް ލެވިފައި އޮތްތޯ ބެލުމަށެވެ. ނަމަވެސް އޭނާގެ ސަމާލުކަން ހުއްޓުނީ ނަވަލްގެ ފަރާތުން ލިބިފައިވާ މެސެޖަށެވެ. އުމައިރްއާ ބައްދަލުވެ އޮޅުންފިލުވަން ބޭނުންވާ ވާހަކަތަކެއް ހުރި ކަމުގައި ބުނެފައި އޮތުމުން އުމައިރްގެ ބުމަ ކައިރި ކޮށްލެވުނެވެ. ނަވަލް ދައްކަން އުޅޭ ވާހަކަ އެނގުނު ނަމަވެސް އެވާހަކަތައް ދައްކަން އުމައިރް ތައްޔާރެއް ނޫނެވެ.

************************

ތަނަވަސް ބޮޑުކޮޓަރިއެކެވެ. އެއް ފާރު އެއްކޮށް ހުރި ބޮޑު ކުޑަދޮރު ބަރީގެ ސަބަބުން އެ ކޮޓަރި ތެރެއަށް ވެރިވެފައިވަނީ ދުވާލުގެ އަލިކަމެވެ. ކަހާލެވިފައިވާ ތުނި ފަރުދާތައް ދެފަރާތަށް މަޑު މަޑުން ވިހުރެމުން ދިޔައީ ކުޑަދޮރުން އެތެރެއަށް ވަންނަމުން ދިޔަ ލުއި ރޯޅި ތަކުގެ ސަބަބުންނެވެ. އެ ކޮޓަރީގައި ހުރި ބޮޑު ބެލްކަނީގައި ހައްދާފައިވާ އެކި ޒާތް ޒާތުގެ މާ މެލީގެ ސަބަބުން މުޅި ކޮޓަރި ވެސް އެއްވަސް ކޮށްފައިވާ ކަހަލައެވެ.

" އިޒް މައި ލަގެޖް ރެޑީ؟". ކޮޓަރީގެ ދޮރު ހުޅުވުމަށްފަހު އެތެރެއަށް ވަން ޒުވާން އަންހެންކުއްޖާ އަހާލީ ކޮޓަރީގެ ކޮޅަށް ހުރި އަންހެން މީހާ ކައިރިންނެވެ. އެ އަންހެންމީހާ ލައިގެން ހުރި ހުދާއި ކަޅުގެ ޔުނީފޯމުގެ ސަބަބުން އެއީ ހާދިމާއެއްކަން އެނގެއެވެ. އެ އަންހެންކުއްޖާއަށް ޖަވާބު ދާރީ ވަމުން އެ އަންހެން މީހާ ދައްކާލީ އެނދު ކައިރީ ބަހައްޓާފުރި ލަގެޖެވެ.

" އޯކޭ ތެންކިޔު. ކޯލް ސޯފިޔާ". ޖީނާގެ އެދުމުގެ މަތިން އެ ހާދިމާ ކޮޓަރިން ނުކުތެވެ. ގިނަ އިރުތަކެއް ނުވެ ކޮޓަރީގެ ދޮރު އަނެއްކާވެސް ހުޅުވިއްޖެއެވެ. އެތެރެއަށް ވަދެގެން އެއީ ޔޫރަޕް އަންހެނެކެވެ. ލައިގެން ހުރި ހުދު ކުލައިގެ ޕެންސިލް ސްކަރޓް ހުރީ ކަކުލާ ހަމައަށެވެ. އެއާ ގުޅުވައިގެން ލާފައި ހުރި ކަޅު ކުލައިގެ ބްލައުޒް ބެގީ ކޮށްފަައި ހުރި ބްލައުޒްގެ ޖީބުގައި ޓެގް ކޮޅެއް ހަރުކޮށްފައި ހުއްޓެވެ. އޭނާގެ އިސްތަށިގަނޑު ވެސް ހުރީ އޮމާންކޮށް ފަހަތަށް ހުޅިއެއް ޖަހާފައެވެ. އަރައިގެން ހުރި ކަޅު ކުލައިގެ އުސް ފައިވާނާއެކު ސޯފިޔާ އައިސް މަޑުކޮށްލީ ޖީނާ ކައިރީގައެވެ.

" އެނގިއްޖެތަ ކާކުގެ ނަންބަރެއްކަން އެއީ؟" ހަށަން ބަދެލަމުން ޖީނާ އަހާލިއެވެ. ސޯފިޔާ ބޯ ޖަހާލުމާއެކު ޖީނާގެ ހިމަ ތުންފަތް ދެފަރާތަށް ދެމިލިއެވެ.

" އަރްޔަން ޝަމީމް". ސޯފިޔާގެ ދުލުން ބުނެލި ނަމާއެކު ޖީނާގެ ހިނިތުންވުން އިހުނަށްވުރެ ފުންވެއްޖެއެވެ.

" ގްރޭޓް! އެހެންވީމަ ސޯފިޔާ މި ކޮޅުގަ މަޑުކުރޭ. އަހަރެން މެލޭގަ ވާނީ ވީކްއެއް. އަންނަންވާއިރަށް އަރްޔަންއާ ބެހޭ ހުރިހާ މައުލޫމާތެއް ހޯދަދީ. އެއްވެސް ކަމަކަށް އުނދަގޫ ވަންޏާ ވެސް ބުނެދީ. އަހަރެން ހުރިހާ ކަމެއް ހަމަޖައްސަދޭނަން. އެންޑް ލެޓް މައި ބްރަދަރ ނޯ ދެޓް އައި ވެންޓް ބެކް. ފްލައިޓް މިކޮޅުން ނައްޓާލީމަ ބުނާނީ." ޖީނާ ދައްކަމުން ދިޔަ ވާހަކަތައް ސޯފިޔާ ދިޔައީ ކަނުލާ އަޑު އަހަމުންނެވެ. އޭރު އޭނާ ލައިގެން ހުރި ބްލައުޒްގައި ހަރުކުރެވިފައިވާ ރިކޯޑަރުން އެ ހުރިހާ ވާހަކަތެއް ރިކޯޑު ކުރެވެމުން ދިޔައެވެ. ބޭނުމަކީ ޖީނާގެ އަމުރަށް އޭގެ އެންމެ ފުރިހަމައަށް ތަބާ ވުމެވެ. ފަހަރެއްގައި ވެސް ޖީނާ ހިތްހަމަނުޖެހޭ ގޮތަށް ކަމެއް ވާން ސޯފިޔާ ނޭދެއެވެ.

" އޯކޭ ސޯފިޔާ. އަހަރެން ދަނީ. ޓޭކް ކެއަރ. އައި ވިލް މިސް ޔޫ". ކުޑަކޮށް ސޯފިޔާގެ ގައިގާ ބައްދާލުމަށްފަހު ޖީނާ ލަގެޖްގައި ހިފިއެވެ. ކޮޓަރީގެ ދޮރާ ހަމައަށް ގޮސްފައި އޭނާ ފިޔަވަޅުތައް މަޑުކޮށްލިއެވެ. ދެން އެނބުރި ކޮޓަރިއަށް ވަދެ އޭނާ ނިދާ އެނދު ކައިރީ ހުއްޓިލިއެވެ. އެއަށްފަހު އެނދުމަތީ އެންމެ ކައިރިއަށް އޮތް ބާލީސް ދަށުގައި އޮތް ފޮތް ނަގައި އެ ފޮތަށް ބަލާލީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. އެއަށްފަހު މަޑުމަޑުން ތުންފަތް ހަރަކާތްކޮށްލިއެވެ.

" ތި ހަނދާނާ ތި އަސަރު.. ނުފިލާނޭ މި ހިތަކުން.."..

= ނުނިމޭ =

  1. ޔޫޔޫ

    އަސްލު އަރްޔަން ލޯބިވަނީ ނަވަލް ދެކެ ދޯ. އެންޑް ޖީނާ ލޯބިވަނީ އަރްޔަން ދެކެ