ހިސްޓޯގެ ރައްދު އިމްރާނަށް: ހުރިހާ މުއައްސަސާތަކެއް ''ގިރިއަށް'' އަރައި ފަށަން ފޫގޮސް ދިޔަވަނީ

ރާއްޖޭގައި އިސްލާހުކުރަން ހުރި ކަންކަން ވަރަށް ގިނަ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ މިއަދު ކުރެއްވި ޓުވީޓާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ޝިފާޤް މުފީދު (ހިސްޓޯ) ފާޑުވިދާޅުވެއްޖެއެވެ.
ޢަދާލަތު ޕާޓީގެ ރައީސް އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤައުމެއްގެ ހާލަތު ރަނގަޅުވަނީ ވެސް ނުވަތަ ނުބައި ނުބައިވަނީ ވެސް އެ ބަޔަކު އަމިއްލައަށް ހާލަތު ބަދަލުކުރުމުން ކަމަށާއި, ރާއްޖޭގައި ރަނގަޅު ނުވަތަ އިސްލާހުކުރަން ހުރި ކަންކަން ވަރަށް ގިނަ ކަމަށެވެ. ނަމަވެސް އެ ކަންކަން އިސްލާހުކުރަން އުޅެނީ ކިތައް މީހުންތޯ އިމްރާން ސުވާލު ކުރެއްވިއެވެ.
އިމްރާން މިފަދަ ވާހަކަތަކެއް ދައްކަވާފައިވަނީ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރު ނުވަތަ އަލަމްގިރި ކިޔާ މީހަކު ރާއްޖޭގެ ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ފުލުހުންނަށާއި އިމްރާނަށް ފާޑު އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ. އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ މުވައްޒަފުން ވެސް ހިމެނެއެވެ.
ހިސްޓޯ ވިދާޅުވީ ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ގިރިއަށް އަރައި ފަށަން ފޫގޮސް ދިޔަވަމުންދާ ކަމަށެވެ. ނަމަވެސް ޢަދާލަތު ޕާޓީގެ މުރަނގަ ގަސްދޮށު މާލިމީންތައް އުޅެނީ ބަސްނުވިކޭ އޮޑީގެ ދިރުނބާކޮޅުގައި ފޫނެތްފަޔަށް ފެންފުރުމުގައި ހޭބޯނާރާ ކަމަށެވެ. އަދި މާމުޑުދާރުންގެ ދިފާޢުގައި ދަހަނާ އަޅައިގެން ކަމަށެވެ.