ޚަބަރު ޝަރުޢީ ދާއިރާ

ދީނަށް ފުރައްސާރަކުރި ރުސްތުމަށް ތިން މަސްތެރޭ ޙުކުމް ކުރަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރުސްތުމް. ފޮޓޯ: އަދަދު

އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރިކަމަށް މުޙައްމަދު ރުސްތުމް މުޖުތަބާ އިޢުތިރާފުވެފައިވާތީ ތިން މަސް ދުވަސްތެރޭ ޙުކުމް އިއްވަން ނިންމައިފިއެވެ.

Ads by MWSC

ސޯޝަލް މީޑިއާގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ރުސްތުމްގެ މައްޗަށް ދެ ދަޢުވާއެއް ވަނީ ކޮށްފައެވެ. އެއީ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް މަސައްކަތްކުރުމުގެ ދަޢުވާއާއި, އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ. އޭނާ ވަނީ ކުރިން ވެސް އެ ދެ ދަޢުވާއަށް އިޢުތިރާފުވެފައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ރުސްތުމް ވަނީ އިޢުތިރާފު ދަމަހައްޓާކަމަށް ބުނެފައެވެ.

އެ ގޮތުން އަވަސް ނިޔާގެ ޝަރީޢަތެއްގެ ގޮތުން މައްސަލަ ކުރިއަށް ގެންދަން ނިންމާފައިވާކަމަށް ގާޒީ މުޙައްމަދު މިޞްބާޙު ވިދާޅުވިއެވެ. އަދި ކަނޑައެޅޭ އަދަބާބެހޭ ގޮތުން ވަކި އަޑުއެހުމެއް ބާއްވަން ނިންމަވާފައިވާ ކަމަށާއި ތިން ދުވަހުގެތެރޭ އެ އަޑުއެހުން ތާވަލްކުރެވޭނެކަމަށް ގާޒީ ވިދާޅުވިއެވެ.

ރުސްތުމް އެންމެ ފުރަތަމަ ހައްޔަރުކުރީ 2019 ގައެެވެ. 185 ދުވަހަށްފަހު ދޫކޮށްލާފައި ހުއްޓާ އަނެއްކަާ ވެސް ދީނަށް ފުރައްސާރަކުރުމުން ދެން ހައްޔަރުކުރީ 2020 ގައެވެ.

ރުސްތުމްގެ މައްޗަށް ކޮށްފައިވާ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް މަސައްކަތްކުރުމުގެ ދަޢުވާއަށް 108 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ. އަދި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއަށް އަންނާނީ 18 ދުވަހުގެ ޖަލު ޙުކުމެއްކަން ދައުލަތުން ފާހަގަކުރިއެވެ. ޖުމްލަ 126 ދުވަހުގެ ޙުކުމެއް އައި ނަމަވެސް ތަޙްޤީޤުގައި ހުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަންޖެހޭ ޙުކުމެއް ނޯންނާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!