ޚަބަރު ޝަރުޢީ ދާއިރާ

ދީނަށް ފުރައްސާރަކުރި ރުސްތުމަށް 04 މަހުގެ ޖަލު ހުކުމެއް, ނަމަވެސް މިނިވަންވެއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރިކަމަށް މުޙައްމަދު ރުސްތުމް މުޖުތަބާ އިޢުތިރާފުވެފައިވާތީ ހަަތަރު މަސްދުވަހަށް އޭނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމް އިއްވައިފިއެވެ.

Ads by Hajj Corporation

ސޯޝަލް މީޑިއާގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ރުސްތުމްގެ މައްޗަށް ދެ ދަޢުވާއެއް ވަނީ ކޮށްފައެވެ. އެއީ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް މަސައްކަތްކުރުމުގެ ދަޢުވާއާއި, އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ. އޭނާ ވަނީ ކުރިން ވެސް އެ ދެ ދަޢުވާއަށް އިޢުތިރާފުވެފައެވެ. އަދި ކްރިމިނަލް ކޯޓުގައި މި މަހުގެ 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ރުސްތުމް ވަނީ އިޢުތިރާފު ދަމަހައްޓާފައެވެ.

ރުސްތުމްގެ މައްޗަށް ކޮށްފައިވާ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް މަސައްކަތްކުރުމުގެ ދަޢުވާއަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށްވިޔަސް, ކުށަށް އިޢުތިރާފުވުމުން އަދަބުގެ މިންވަރު ތިން މަހާއި 18 ދުވަހުގެ ޙުކުމަކަށް ދަށްވާނެކަމަށް އަދަބު ކަނޑައެޅުމަށް ބޭއްވި މަޖިލީހުގައި ދައުލަތުން ވަނީ ބުނެފައެވެ. އަދި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއަށް އަންނާނީ އެއް މަހާއި ހަ ދުވަހުގެ މުއްދަތުގެ ޖަލު ޙުކުމެއް ނަމަވެސް, ކުށަށް އިޢުތިރާފުވުމުން ޖަލު ޙުކުމްގެ މުއްދަތަކީ 27 ދުވަސް ކަމަށެވެ.

ހަމައެހެންމެ އެއް ކުށަށްވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުން އަދަބުގެ މިންވަރު ދަށްކުރުމުން އެ ކުށުގައި އޭނާއަށް ދެވޭނީ 13 ދުވަހުގެ ޖަލު ޙުކުމެއް ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ މުޙައްމަދު މިޞްބާޙް މިއަދު ވިދާޅުވީ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް މަސައްކަތްކުރުމުގެ ކުށުގައި ތިން މަހާއި 18 ދުވަހަށް އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި 13 ދުވަހަށް ރުސްތުމް ޖަލަށްލުމަށް ޙުކުމް ކުރާ ކަމަށެވެ.

ތަޙްޤީޤުގައި ރުސްތުމް ވަނީ ހަމަސް ދުވަހުގެ މުއްދަތެއް ބަންދުގައި ހޭދަކޮށްފައެވެ. ގާޒީ ވިދާޅުވީ އެ މުއްދަތު ޙުކުމުން އުނިކުރަންޖެހޭނެ ކަމަށެވެ. އެ އެ މުއްދަތު ޙުކުމުން އުނިކުރުމުން ރުސްތުމް މިނިވަންވީއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!