ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ނުލިބެނީ ބަރުލަމާނީ ނިޒާމު ނެތިގެނެއްް ނޫންކަމަށް އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަބަދުވެސް ތާއިދުކުރަނީ ރިޔާސީ ނިޒާމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ނުލިބެނީ ބާރުތައް މަސްހުނިވެފައިވާ ބަރުލަމާނީ ނިޒާމު ނެތިގެނެއްް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރިޔާސީ ނިޒާމަކީ ބާރުތައް ޖަވާބުދާރީކޮށް ސަރުކާރުގެ އެންމެ އިސްވެރިޔާ ހޮވަން ރައްޔިތުންގެ އަތަށް ވޯޓު ކަރުދާސްކޮޅު ލިބޭ ނިޒާމް ކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި, ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ ޤާނޫނުއަސާސީއަށް އިސްލާހު ގެންނަން އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ޤަރާރެއް ވެސް ހުށަހަޅުއްވާފައެވެ.
ބަރުލަމާނީ ގެނައުމަށް ކުރާ މަސައްކަތުގައި ހުރިހާ ސިޔާސީ ލީޑަރުންގެ އެއްބާރުލުން ލިބޭނެކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.