ޚަބަރު ޝަރުޢީ ދާއިރާ

ހުނޫ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަކަށް ނޫން: ހައިކޯޓު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ހުނައިސާ އާދަމް ނަޞީރު (ހުނޫ)

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިހުރި ފިލްމީ ތަރި ހުނައިސާ އާދަމް ނަޞީރު (ހުނޫ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަކަށް ނޫންކަމަށް ހައިކޯޓުން އިއްޔެ ކަނޑައަޅައިފިއެވެ.

Ads by Hajj Corporation

ހުނޫއާއި އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއަކުން ގާތްގަނޑަކަށް ބައިކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި މިހާރު ވަނީ ހުނޫގެ މައްޗަށް ދަޢުވާ އުފުލައިފައެވެ. މިދިޔަ މާޗުމަހުގެ 28 ގައި ހުނޫގެ މައްޗަށް އުފުލީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދަޢުވާއާއި މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދަޢުވާއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ހުރުމަށްފަހު ހުނޫ ބަންދުން ދޫކޮށްލީ ކްރިމިނަލް ކޯޓުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވި ބަންދު މުރާޖަޢާކުރުމުގެ އަޑުއެހުމުގައެވެ. ކްރިމިނަލް ކޯޓުން ހުނޫ ދޫކޮށްލަން ނިންމި ސަބަބެއްކަމަށް ބުނެފައިވަނީ ފެނުނު މަސްތުވާތަކެއްޗާ އޭނާއާއި ގުޅުވައިލެވޭނެ ހެއްކެއް ނެތުމާއި, އެތަކެތި ފެނުނު ތަނަކީ އޭނާ ދިރިއުޅޭ ތަނެއް ނޫން ކަމަށް ފާހަގަކޮށްފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން އިއްޔެ ކުރި ޙުކުމުގައިވަނީ ހުނޫގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމަށެވެ.

އަދި އެ ކުށް ކުރީ ގިނަ ބަޔަކު ބައިވެރިވެގެން ކަމުގައި ބެލެވޭތީއާއި, އެ ތަނުން ފެނުނު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތީގެ ބަރުދަނަށާއި, ތަނުގައި ހުރި ތަކެއްޗަށް ބަލާއިރު ފުޅާ ދާއިރާއެއްގައި ކުރާ ކަމެއް ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް ޙުކުމުގައިވެއެވެ.

އެހެންކަމުން މި ހާލަތުގައި އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ވެދާނެކަމަށް ބުރަވެވޭ ކަމަށް ވެސް ޙުކުމުގައިވެއެވެ.

ހައިކޯޓުގެ ޙުކުމުގައި ވަނީ ކްރިމިނަލް ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމުގައި ނޫންކަމަށްވާތީ ކްރިމިނަލް ކޯޓުގެ އަމުރަކީ ބާތިލު އަމުރެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!