މޮސްޓާ, ފުލުހުންނަށް: ކޮންމެ ކަމެއްގައި ޒިންމާއިން ރެކެން އުޅުމަކީ ރައްޔިތުންނަށް އޮޅުވައިލުން
ކޮންމެ ކަމެއްގައި ޒިންމާއިން ރެކެން އުޅުމަކީ ރައްޔިތުންނަށް އޮޅުވާލުންކަމަށް ވިދާޅުވެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ފުލުހުންނަށް ފާޑުވިދާޅުވެއްޖެއެވެ.
ދާދިފަހުން އަނިޔާވެރި ގޮތަކަށް މަރައިލި މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދުގެ ހަށިގަނޑުގެ ފޮޓޯތަކެއް މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާތީ ފުލުހުން މިއަދު ބުނީ, އެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް އެފަދަ އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާކަމަށް ނުބެލެވޭ ކަމަށެވެ.
ފުލުހުން ބުނީ އެ ފޮޓޯތަކަކީ ފުލުހުންގެ ތަޙްޤީޤަށް ނަގައި, ތަޙްޤީޤުގައި ބޭނުންކުރަމުން ގެންދާ ފޮޓޯތަކެއް ނޫން ކަމަށެވެ. ނަމަވެސް ކުށުގެ ވެށްޓަށް ވަދެފައިވާ އެއްވެސް ފަރާތަކުން އެފަދަ ފޮޓޯއެއް ނަގައި ލީކު ކޮށްފައިވޭތޯ އިތުރަށް ބަލަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ ވާހަކައާ ގުޅިގެން މޮސްޓާ ވިދާޅުވީ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ކަމަށް ނުބެލެވޭކަމަށް ބުނާނަމަ ފުލުހުން އެ ދިނީ ވަރަށް ނުރައްކާތެރި އިންޒާރެއް ކަމަށެވެ.
''އެހެންވީމާ ޕޮލިސް ވަނުމުގެ ކުރިން އެހެން ބަޔަކު އެ ގެއަށް ވަނީބާ. ނޫނީ އެ މަރުގެ މައްސަލާގައި އެހެން ބަޔަކު ބައިވެރިވާކަމަށް ބުނަނީބާ'' މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާ އިތުރަށް ވިދާޅުވީ ކޮންމެ ކަމެއްގައި ޒިންމާއިން ރެކެން އުޅުމަކީ ރައްޔިތުންނަށް އޮޅުވައިލުން ކަމަށެވެ.