ވެންޓިލޭޓަރު މައްސަލައިގައި އެދުނު ކަންކަން އޭސީސީން ތަޙްޤީޤުކޮށްފައެއް ނުވޭ: ޕީޖީ
ކޮވިޑާ ގުޅިގެން ވެންޓިލޭޓަރު ގަތުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކޮށް, ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވި މައްސަލަ އެންމެ ފަހުން ލިބުނުއިރު ވެސް ތަޙްޤީޤުގައި ފުރިހަމަކުރަން އެންގި ކަންކަން އިސްލާހުކޮށްފައިނުވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ސަރުކާރުން ފައިސާ ދޫކުރި މައްސަލަ ތަޙްޤީޤުކުރުމަށްފަހު, ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ހިމެނޭހެން ހެލްތު މިނިސްޓްރީގެ 11 މުވައްޒަފުންގެ މައްޗަށް ދަޢުވާކުރުމަށް އެދި އޭސީސީން ޕީޖީއަށް ތިން ފަހަރެއްގެ މަތިން ފޮނުވިއެވެ. އަދި ހަތަރުވަނަ ފަހަރަށް މިދިޔަ ޖޫންމަހުގައި ފޮނުވީ ޑިއުޓީ ޕްރޮސެކިއުޝަނަށެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަޙްމަދު ޝަފީޢު ވިދާޅުވީ ދަޢުވާކުރަން އެދި ފޮނުވުމުން ތަޙްޤީޤު ފުރިހަމަކުރަން އެދިފައިވާނެ ކަމަށާއި, އެ ގޮތުން ވެންޓިލޭޓަރުގެ އެއްބަސްވުން އެކުލަވާލައިފައިވާ ގޮތާއި, އެ މައްސަލައިގައި ފައިސާ ދައުރުވި ގޮތް ބަލަން އެދުނު ކަމަށެވެ. ނަމަވެސް އޭސީސީން އެންމެ ފަހުން މައްސަލަ ފޮނުވިއިރު ވެސް އެ ބައިތައް ފުރިހަމަވެފައިނުވާ ކަމަށެވެ.
އޭސީސީގެ އޮފިޝަލަކު މި މަހުގެ 20 ވަނަ ދުވަހު ވިދާޅުވީ މައްސަލަ ތިން ފަހަރު ފޮނުވި ކަމަށާއި, ކޮންމެ ފަހަރަކު ވެސް ޕީޖީން މައްސަލަ އަނބުރާ ފޮނުވާލައިފައިވާތީ ކުރީގެ މިނިސްޓަރު އަމީނާއި އިތުރު 07 މީހެއްގެ މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށެވެ. އަދި 03 މީހެއްގެ މައްސަލައިގައި މަޝްވަރާކޮށްގެން ދަޢުވާކުރުމާމެދު ގޮތްތަކެއް ހޯދަމުންދާ ކަމަށެވެ.
ޝަފީޢު ވިދާޅުވީ މައްސަލަ ފައިލް ކުރުމަކީ ޕީޖީގެ ނިންމުމެއް ނޫން ކަމަށާއި އެއީ އޭސީސީގެ ނިންމުމެއް ކަމަށެވެ.