ޢަލީ ޞާލިޙަށް ދިން ހަމަލާ ކުށްވެރިކޮށް, ޙައްޤު އަދަބު ދިނުމަށް ޖޭޕީން ގޮވާލައިފި
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޞާލިޙަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލަ ކުށްވެރިކޮށް, އެފަދަ ނޭދެވޭ ޢަމަލު ހިންގާ ފަރާތްތަކަށް ޤާނޫނުގައިވާ އަދަބު ދިނުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފިއެވެ.
ޖޭޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޢަލީ ޞާލިޙަށް ދިން ނުރައްކާތެރި ހަމަލާ އެ ޕާޓީން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެފަދަ ޢަމަލުތަކަކީ މުޖުތަމަޢުގެ ވަކިވަކި ފަރުދުންގެ މެދުގައި ބިރުވެރިކަން އުފެދޭނެ ޢަމަލުތަކެއް ކަމަށްވީ ހިނދު, މުޖުތަމަޢުގެ ހަމަހަމަކަމާއި އިންސާފު ޤާއިމުކުރުމަށްޓަކައި އަދި ކޮންމެ ފަރުދެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެފަދަ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަކީ މުހިންމުކަމެއް ކަން ވެސް ޖޭޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޖޭޕީން ބަޔާނުގައި ވަނީ ޢަލީ ޞާލިޙަށް ދިން ފަދަ ނޭދެވޭ ޢަމަލު ހިންގާ ފަރާތްތަކަށް ޤާނޫނުގައިވާ އަދަބު ދީ, މުޖުތަމަޢުގައި އަމާންކަން ޤާއިމުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ވެސް ފާހަގަކޮށްފައެވެ.
ޢަލީ ޞާލިޙަށް ހަމަލާދިނީ އިއްޔެ މެންދުރުފަހު ހުޅުމާލޭގައި ހުންނަވަނިކޮށެވެ. ހަމަލާދިނީ ސައިކަލުގައި ދަނިކޮށް އައި މީހެކެވެ. އެ މީހާ އުޅުނީ ޢަލީ ޞާލިޙްގެ ކަރަށް ހަމަލާ ދޭންކަމަށް ވިޔަސް ދިފާޢުކުރައްވަން އަތް ނެންގެވުމުން ހަމަލާ އަމާޒުވީ ޢަލީ ޞާލިޙްގެ އަތަށެވެ. އެ ގޮތުން ލިބުނު ޒަޚަމްތަކަށް ޢަލީ ޞާލިޙް ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވައިފައެވެ.
ކުއްކުރަން ހިތްވަރުދޭ ބަޔަކު ޤައުމުގެ މަތިފަޑިޔަށްއެރީމަ ވާނެ ހައެތި މިފެންނަނީ