ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ ތަރުޖަމާނުގެ މަޤާމުގައި ހުންނެވި، މަބްރޫކް އަޒީޒް، އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި، މަބްރޫކް ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅާފައެވެ.
އުމުރުން 33 އަހަރުގެ މަބްރޫކް ގިނަ ބައެއްގެ ތެރޭގައި މަޤްބޫލުވެގެން ގޮސްފައި ވަނީ ކޮވިޑް-19އާ އެކު އުފެއްދި، އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނަކަށް ހަމަޖެއްސި ހިސާބުންނެވެ. އެގޮތުން 2020ވަނަ އަހަރު ކޮވިޑް-19 ރާއްޖެއަށް އައުމާބއެކު، ކޮންމެ ދުވަހަކު ނޫސްވެރިންގެ ބައްދަލުވުން ބާއްވައި މަބްރޫކް ވަނީ ނޫސްވެރިންނާއި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި ވަރަށް ގާތުން މަސައްކަތް ކުރައްވައިފައެވެ.