ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

ލިބުނު ސިހުމާއެކު އަރްޔަންގެ ދެލޯ ބޮޑުވީ ކުއްލިއަކަށެވެ. ގެންނާނޭ ހަރަކާތެއް ނޭނގި ހުރެވުނީ އިރުކޮޅަކަށެވެ. އެނބުރި ގެއަށް ވަނުމަށް ދުއްވައިގަތް އިރު އެ ހިތް ނެގި ނެގިފައި ޖެހެމުންދިޔައެވެ.

Ads by STELCO

***********************

ކުއްލިއަކަށް ދޮރު ހުޅުވާލުމަށްފަހު ގެއަށް  ވަތް އަރްޔަން ފެނި ސޯފާގައި ތިބި ކުލްސޫމްއާއި ދާވޫދްއަށް ވެސް ކޮޅަށް ތެދުވެވުނެވެ. އެ ހާސްވެފައިވާ މޫނު ފެނި އެދެމަފިރިންނަށް ވެސް އެކަކު އަނެކަކަށް ބަލާލެވުނީ ކަންބޮޑުވެފައެވެ.

" ނަވ.. ނަވަލް..".. އަރްޔަންއަށް ބުނެވުނީ އުނދަގުލުންނެވެ. ސިޑިން މައްޗަށް އަރަން ފެށުމާއެކު ކުލްސޫމްއާ އެކު ދާވޫދް ވެސް އަރްޔަންގެ ފަހަތުން ދިޔައެވެ. އޭރު ތިރިން އަޑު ގަދަވެ އުމައިރް ވެސް ނުކުމެއްޖެއެވެ.

ނަވަލްގެ ކޮޓަރީގެ ތަޅުގައި ހިފާލެވުމާއެކު އަރްޔަންއަށް ގޮށް މުށުން ޖަހާލެވުނެވެ. ހީކުރި ގޮތަށް ކޮޓަރި ތަޅުލާފައި ހުރުމުން ބާރަކަށް ދޮރުގައި ފައިން ޖަހާލެވުނު އިރު އެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ހިތް ބިރުގެންފައި ހުރިވަރުން އެ ހާސްކަންވީ އިތުރެވެ.

***********

ކޮޓަރިން ބެލްކަންޏަށް ނުކުމެވެން ހުރި ދޮރުވީ ހުޅުވިފައެވެ. ބެލްކަނީގެ ތިރި ފާރު ބުރި މައްޗަށް ކޮޅަށް އަރާ ހުރި ނަވަލްގެ ދެލޯ ވީ މަރާލެވިފައެވެ. އެ ތެމިފައިވާ އެސްފިޔަތަަށް ފޫ އަޅުވައި ކަރުނަތައް ފައިބަމުން ދިޔައީ އެ ދޮން ކޯތާފަތް ތެންމަމުންނެވެ. އިރުއިރުކޮޅާ ނޭފަތް ދަމާލާއިރު ކަމަކަށް ނަފްސު ތައްޔާރުކުރަމުންދާ ފަދައެވެ. ލަސްލަހުން ނެގި ފިޔަވަޅު ނަވަލް އަޅާލީ ކުރިއަށެވެ. ބަނޑުގައި ލުއި ގޮތަކަށް އަތް އަޅައިގެން ހުރި އިރު އެ މޫނުގައި ދިރުމެއް ނެތެވެ.

ދިރިއުޅުމާ އިތުރަށް ކުރިމަތިލާނޭ ހިތްވަރެއް ނަވަލްގެ ނެތްފަދައެވެ. ކުލްސޫމްގެ ނުރުހުންވުން ތަހައްމަލް ކުރާނޭ ގޮތެއް އެ ސިކުނޑީގައި ނެތީއެވެ. އެއަށްވުރެ ބޮޑަށް ކުރެވެން އުޅޭ ފާފައިގެ ބޮޑުކަން އެ ހިތަށް ތަސައްވަރު ނުކުރެވެނީއެވެ. ހެޔޮ ގޮތާއި ނުބައި ބުނެދޭނެ ފަރާތެއް ނެތުމުން އިތުރު ގޮތެއް ވިސްނުމުގައި އެ ސިކުނޑި ނުކުޅެދުނީއެވެ. ފުން ނޭވާއެއް ދޫކޮށްލުމާއެކު ނަވަލް ތުންފަތަށް ވެރިކުރުވީ ފަނޑު ހިނިތުންވުމެކެވެ. ލޯ ހުޅުވާލުމާއެކު ވަށައިގެންވީ މަންޒަރަށް ބަލާލީ ހިތްދަތިވެފައިވި ނަޒަރަކުންނެވެ. ހެދުމުގެ މަތިން ބަނޑުގައި ފިރުމާލިއިރު އެ ހިތުގައި ކެކި އުތުރި އަރައިގަތީ އެތަށް ހާސް ޝުއޫރުތަކެކެވެ.

" ސޮރީ ދޫނި.. މިއީ މަންމަގެ ބަދު ނަސީބުކަމެއް، ނޫނީ ދަރިފުޅުގެ ނަސީބުކަމެއް ނޭނގެ. އެކަމަކު މި ނޫން ގޮތެއް މި މަންމައަށް ނެތް. ކިހިނެތް މަންމަ ދަރިފުޅު ބަލާނީ؟.. ނުއުފުއްލޭނެ ބުރައަކަށްވުރެ މި ލަދުން އުމުރަށް ސަލާމަތްވުން ނޫން ގޮތެއް ނުވިސްނުނު.. ޕްލީޒް ފޮގިވް މީ..".. ކުރެހިފައިވާ އަޑަކުން ނަވަލް ބުނެލީ ސިއްރުންނެވެ.

" ނަވަލް!!!".. ކުއްލިއަކަށް ފަހަތުން އިވުނު ކުލްސޫމްގެ ހަޅޭކުގެ އަޑާއެކު ނަވަލްއަށް ސިހުން ގެނުވިއެވެ. ފައިތިލައިން ބައެއް ފާރުން ބޭރުގައި އޮތް އިރު ލިބުނު ސިހުމާއެކު އެ ހަށިގަނޑު ބެލެންސް ކުރުމުގައި ނަވަލް ވީ ނާކާމިޔާބީއެވެ. ކަރު ބުޑުން ނުކުތް ބާރު ހަޅޭކާއެކު އޭނާއަށް މަދަދަކަށް އެދި އަތް ދިއްކޮށްލެވުނެވެ. އެފަދަ ކަމަކަށް ސަމާލުވެ ހުރި އުމައިރް ނުހަނު ހުށިޔާރެވެ. ކުޅަދާނަކަމާއެކު ނަވަލްގެ އަތުގައި ހިފައި ދަމައިގަތުމާއެކު އެ ހަށިގަނޑު އައިސް އުމައިރްގެ މޭގައި ޖެހި ހުއްޓުނެވެ. އޭރު ހުރިތަނަށް ތިރިވި ގޮތަށް ކުލްސޫމް ރޯން ފަށައިފިއެވެ. ލޯ ކުރިމަތީ ހިނގައިދިޔަ މަންޒަރު ފެނި ދާވޫދް ވެސް ހުއްޓުން އަރާފައި ހުރީ ވިސްނައިގަންނަންވީ ކީކޭކަމެއް ނޭނގިފައެވެ.

" ދޫކޮށްލާ!! ކީއްވެ އަހަރެން ހުއްޓުވީ؟؟". އުމައިރްގެ އަތް ފޮޅުވާލުމަށްފަހު ނަވަލް ބުނެލިއެވެ. އޭރު ކައިރީގައި ތިބި ދާވޫދްއާއި ކުލްސޫމް އޭނާއަށް ނުފެންނަ ފަދައެވެ. ރޮއެ ރޮއެ ދުޅަވެފައިވާ ދެލޯ އެކަނި ވެސް އެ ހިތުގައިވި ކެކެޅުން ދައްކުވައިދެއެވެ.

" ނަވަލް މޮޔަވީތަ؟؟ ކަމަނަ ޕްލީޒް ކާމް ޑައުން!! ބުނެބަލަ؟؟ ކިހިނެތްތަ ވެގެން މި އުޅެނީ؟؟" ނަވަލްގެ މުލައްދަނޑީ ދެ ފަރާތުން ހިފަހައްޓަމުން އުމައިރް ބުނެލީ ބާރަށެވެ. ނަވަލްގެ ހާލަތު ފެނި އެ ދެލޯ ވެސް ފެންކަޅި ވެފައިވިއެވެ.

އޭރު ނަވަލްގެ ހަރަކާތްތަކަށް ނަޒަރު ހުއްޓައިގެން ހުރި އަރްޔަން ހުރީ ހުއްޓުން އަރާފައެވެ. އެހެން މީހެއްގެ ލޮލުގައި އަޅައި ނުގަތަސް ލައިގެން ހުރި ދޫ ހެދުމުގެ މަތިން އަރާފައިވާ ނަވަލްގެ ކުޑަ ބަނޑުކޮޅު އޭނާގެ ލޮލުގައި އަޅައިގަތްތާ ކިތަންމެ އިރެކެވެ. ވިސްނާލުމުން ނަވަލް އެފަދަ ކަމެއް ކުރަން ނިންމީ ކީއްވެ ކަން އުމައިރްއަށް ވިސްނައިގަނެވިއްޖެއެވެ.

" ނަވަލްލ".. ރޮވިފައިވާ ކުލްސޫމްގެ އަޑު ޖެހުމާއެކު ނަވަލްގެ ހަށިގަނޑަށް ވެރިވީ ހިމޭންކަމެވެ. އެ ހިމޭންކަން ނެތިދިޔައީ އިވެން ފެށި މަޑު ގިސްލުމުގެ އަޑާއެކުއެވެ. އުމައިރްގެ ހަށިގަނޑުގައި ލައްވުމާއެކު މޫނު ފޮރުވާލީ އެ ތަނަވަސް މޭގައެވެ. އުމައިރްގެ އަތުގެ ހިމާޔަތް ލިބުމާއެކު އެ ރުއިން ވީ ބާރެވެ. އެގޮތުގައި ހޭދަވި ފަސްވަރަކަށް މިނިޓަށް ފަހު ނަވަލް ދުރުވެލިއެވެ. އިސްޖެހިފައި ހުރީ އެކަކާ ވެސް ހަތަރުކަޅި ހަމަކޮށްލާނޭ ހިތްވަރެއް ނެތް ފަދައިންނެވެ.

އިސްނެގީ ކުލްސޫމްއެވެ. ކުރިއަށް ޖެހިލާ ނަވަލްގެ ކޯތާފަތުގައި ހިފައި ތެދުކުރުވީ ޖަވާބެއްގެ އިންތިޒާރުގައި ހުރީމޭ ބުނާ ފަދައިންނެވެ.

" މަންމަ އަޅުގަނޑަށް މާފް ކުރާނަންތަ؟". ނަވަލް އަހާލިއެވެ. އެއްޗެކޭ ނުބުނެ ކުލްސޫމް ބަލަން ހުރީއެވެ. އެ ލޮލުގައިވީ ހާސް ޝަކުވާއެވެ.

" ކީއްވެ؟". ކުލްސޫމްގެ ސުވާލު ކުރެވެ. ނަވަލްގެ ކިބައިން ޖަވާބެެއް ބޭނުންވެފައި ހުރެ ދެވަނަ ފަހަރަށް ވެސް ކުލްސޫމް އޭނާގެ ސުވާލު ތަކުރާރު ކޮށްލިއެވެ. ނަވަލް ބަލާލީ ދުރުގައި ހުރި ދާވޫދްއަށެވެ. އެހެނަސް ނަވަލްގެ ނަޒަރު ސީދާވުމާއެކު ދާވޫދް މޫނު އަނބުރާލިއެވެ. ރުޅިއަށް ވުރެ އެ މޫނުން ފެންނަން ހުރީ ހިތާމައެވެ. ކަރުނައަޅާ ނުރުއި ކަމުގައި ވިޔަސް އެ ރަތްވެފައިވި ލޯ އެކަމަށް ހެކިދެއެވެ. އިތުރު ގޮތެއް ނެތްކަން ނަވަލްއަށް ވިސްނުނެވެ. ވާނެ އެއްޗެއް ވެނިމިއްޖެކަމުގައި ގަބޫލު ކުރެވުނެވެ. ހިންދިރުވާލުމާއެކު ތުންފަތް ހަރަކާތްކޮށްލިއެވެ. ޖެހިލުންވި ނަމަވެސް ކަށީގައި ނެތް ހިތްވަރު ނެރެން މަޖުބޫރު ވީއެވެ.

" އަޅުގަނޑު ބަނޑުބޮޑު". ލޮލުން ވެއްޓުނު ކަރުނަތިއްކާއެކު ނަވަލް ބުނެލިއެވެ. ސިއްރެއް ފަދައިންނެވެ. ކުލްސޫމްއާ ހަތަރުކަޅި ހަމަކޮށްލާނޭ ހިތްވަރެއް ނެތި އޭނާ އިސްޖެހީއެވެ. ލޯ މަރާލެވުނީ ކޯތާފަތްމައްޗަށް އަރައިގެން ދިޔަ ކުލްސޫމްގެ އަތުގެ ހޫނު ހަމަލާއިންނެވެ. އެހެނަސް ހުރި ފިޔަވަޅު ނަވަލް ހުރީ ގަނބުވެފައިވާ މީހެއް ފަދައިންނެވެ.

" ސުބުޙާނަﷲ.. ޔާﷲ.. ހެޔޮ ނުވާނެ ދަރިފުޅާ!! ތީ ދޮގެކޭ ބުނޭ!!".. އެ ހުރިހާ އިރު ކަރުނަ ހިފަހައްޓައިގެން ހުރި ދާވޫދްއަށް ބުނެލެވުނެވެ. ހިތަށް ލިބުނު ކެކުޅުމުގައި އެ ލޮލުން ކަރުނަ ފޫދެން ފެށީ އިހްތިޔާރަކާ ނުލައެވެ. ކަންފަތަށް އިވުނު އެއްޗެއް ގަބޫލު ކުރަން ދަތިވި ފަދައަކުން އޭނާ އައިސް ނަވަލްގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ.

" ހުރި ލަދުހަޔާތް ކުޑަކަން ނިކަން ދެކިބަލަ!! ތިއީތަ އަހަރެމެން ނަވަލްއަށް ދިން ތަރުބިއްޔަތު؟؟ ތިއީތަ ނަވަލްއަށް އުޅެން ދަސްވި ގޮތް؟؟ ތި ފާޑަށް ތެޅެން ހިތަށް އެރި އިރު މި މައިމީހާގެ މަތިން އެއް ފަހަރު ވެސް ހަނދާންވިތަ؟؟ މި ހިތަށް ކުރާނޭ އަސަރާ މެދު އެއްފަހަރު ވެސް ވިސްނާލިންތަ؟؟ ތި ހިތަށް ތަސައްވަރު ކުރެވުނުތަ މި މައިލަނގޮޑިއަށް ކުރާނޭ އަސަރު؟؟ އޭނ؟؟ ބުނެބަލަ؟؟ ކީއްވެ ނަވަލް؟؟ " ކުލްސޫމްގެ އަޑު ހިމޭންވެގެން ދިޔައީ ގިސްލުމާއެކުގައެވެ. އެއަށް ދޭނޭ ޖަވާބެއް ނޭނގި ނަވަލް ހުއްޓާ ކުއްލިއަކަށް ކުލްސޫމް އަރިއަޅާލައިފިއެވެ. ގާތުގައި ހުރި ދާވޫދް ހިފެހެއްޓުމާއެކު ނަވަލް އަށް ވެސް އެ ދިމާލަށް ދެވުނެވެ. އެހެނަސް އޭނާ ހިފެހެއްޓީ އުމައިރް އެވެ.

" މަންމަ ގައިގަ ނަވަލް އަތް ނުލާތި!! ތި ދެއަތުން މަންމަ ބޭނުމެއް ނުވާނެ އިނގިލި ކުރި ޖައްސާލަން ވެސް". އުމައިރްގެ އަޑުގައިވި ނުރުހުންވުން އިހްސާސް ވުމާއެކު ނަވަލްގެ ހިތަށް ކުރުވީ ފުން އަސަރެކެވެ. ރޮއެ ރޮއެ އެ ލޮލުން ކަރުނަ ހުސްވެފައިވީ ފަދައެވެ. އުމައިރްއާއި ދާވޫދް އަތުލައިފިކޮށްގެން ކުލްސޫމް ގެންދިޔުމާއެކު އޭނާއަށް ބަލާލެވުނީ ކުރިމަތީ ހުރި އަރްޔަންއަށެވެ. ނަމަވެސް ފަސް އެނބުރުނީ ހިތަށް ކޮށްފައިވި އަސަރުންނެވެ.

************************

އޮފީސް ނިންމާލުމަށްފަަހު ގެއަށް އައި ޔެލިޒް ދޮރު ހުޅުވާލީ ސިއްރުންނެވެ. އެތެރެއަށް ބޯ ދިއްކޮށްލުމަށްފަހު އަރްހަމް ނެތްކަން ޔަގީންވުމާއެކު ގެއަށް ވަނެވެ. އޭނާއަށް ޔާޒްގެ ފޯނު ކޯލު ލިބުނީ ކޮޓަރިއަށް ވަތް ފަހުންނެވެ. ލިބުނު ހަބަރާއެކު ޔެލިޒް އަށް ވެސް ލިބުނީ ސިހުމެވެ. އެފަދަ ކަމެއް ނަވަލް ކޮށްފާނެ ކަމާމެދު ޝައްކު ވެސް ވިއެވެ.

ޔާޒް އަށް ވެސް މާ ރަނގަޅަށް ކަންތައް ހިނގައިދިޔަ ގޮތެއް ނޭނގުނެވެ. ހަބަރު ލިބުނީ އުމައިރްގެ ފަރާތުންނެވެ. ޔާޒްގެ ކިބައިން އެދުނީ ނަވަލްއާ ވާހަކަދައްކައި ދިނުމަށެވެ.

އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ޔާޒް އާއެކު ޔެލިޒް ވެސް އެގެއަށް ދިޔައެވެ. ނަވަލްގެ ކޮޓަރިއަށް ވަތް އިރު އެނދުގައި ދޮރަށް ފަސްދީގެން ނަވަލް އޮތެވެ. ކޮޓަރިއަށް ވަނީ ކާކުތޯ ބަލަން ވެސް އޭނާ ބޭނުން ނުވި ފަދައެވެ. ކައިރީ އޮތް ބާލީސް އިހުނަށްވުރެ ހަށިގަނޑާ ކައިރިކޮށްލަމުން ދެލޯ މަރައިގެން އޮތް ގޮތަށް އޮތީއެވެ.

" ނަވަލް". ޔާޒް ގޮވާލީ އެނދުގައި އިށީންނަމުންނެވެ. މަޑުމަޑުން ނަވަލްގެ ކޮނޑުގައި ހިފައި މަގަތަށް އަނބުރާލި އިރު އެ މޫނު ފެނި ޔާޒްއަށް ބަލާލެވުނީ ޔެލިޒްއަށެވެ.

" އާރ ޔޫ އޯކޭ؟" ބުނާނެ އެއްޗެއް ސިކުނޑިއަށް ނައުމާއެކު ޔެލިޒް އަހާލިއެވެ. ވަކި އެއްޗެކޭ ނަވަލް ނުބުންޏެވެ. އިސްޖެހިފައި އިން އިރު އަދިވެސް އެ ލޮލުގައި ވީ ތާޒާ ކަރުނައެވެ.

" ނަވަލް. މިއީ ހިތްވަރު ކުރަންވީ ވަގުތެއް. ތި ހިތުގަ ހިނގާނޭ ޝުއޫރުތަކެއް ނޭނގެ. އެކަމަކު ނަވަލްއަށް ވެސް އުނދަގޫ ވާނެކަން އެނގޭ. ވިސްނޭނެ ކަން ވެސް އެނގޭ. އެކަމަކު އެއްވެސް ނަފްސަކަށް ނުއުފުއްލޭނޭ ވަރުގެ ބުރައެއް މާތްﷲ އެ ނަފްސަކަށް ނުޖައްސަވާނެ. ފަހަރެއްގަ މިއީ ނަވަލްއަށް ތައުބާ ވުމަށްޓަކައި ލިބުނު ފުރަސަތަކަށް ވެސް ވެދާނެ. އެކަލާނގެ ލޯބިވެވޮޑިންނަވާ އަޅުންނާއި އެކަލާނގެ އޯގާވެވޮޑިގަންނަވާ އަޅުން އެކަލާނގެ އިމްތިހާނު ކުރަންވާނީ އެކި ގޮތްގޮތަށް. ކެތްތެރިވުމީ އަހަރެމެންނަށް އޮތް ގޮތް. އޭގެ އަޖުރު ވެސް ލިބޭނެ ކޮންމެ ވެސް ދުވަހަކުން. އެކަލާނގެއީ ތި ތުއްތު ފުރާނަ މި ދުނިޔެއަށް ގެނައުމަށް އިރާދަ ކުރެއްވި ރަސްކަލާނގެ. ނަވަލްއަށް ހީވޭތަ ނަވަލް އެކަންޏޭ ވަނީ؟ ނޫން! ތި ތުއްތު ކުއްޖާއަށް އެ ކުއްޖާގެ މަންމައެއް ކަމުގައި ނަވަލް ވެދީ. ކުރެވުނީ ފާފައެއްކަން ގަބޫލުކޮށް އެ ފާފައިން ތައުބާ ވުމީ އެންމެ އަވަސް ކުރަންވީ ކަންތައް. ގިނަގިނައިން ޢިސްތިޤްފާރު ކުރުމުގައި ޝާމިލުވެއްޖެނަމަ ހީ ވެސް ނުކުރާ ގޮތަކަށް ނަވަލްގެ ދިރުއުޅުން ބާއްޖަވެރި ވެދާނެ. ވަރަށް ދެރަވެއްޖެ ނަވަލް އެއްވެސް ކަމެއް ހިއްސާ ނުކުރީތީ. ހީ ކުރިން މިއީ ނަވަލްގެ އެންމެ ގާތް އެކުވެރިންނޭ. މޭބީ ދެޓް އިޒް ނޮޓް ޓްރޫ." ޔާޒްގެ ވާހަކަ މެދުކެނޑުނީ ނަވަލްގެ ހިމޭން ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އޭރު ކުރިމަތީ އިން ޔެލިޒް ވެސް އިނީ ފެންކަޅި ވެފައެވެ. ޔާޒްގެ ވާހަކަތަކުން އެ ހިތަށް ވެސް އަސަރު ކުރީ ކަންނޭނގެއެވެ.

" ކިހިނެތް އަހަންނަށް މާފު ހައްގު ވާނީ؟ ކިހާ ބޮޑު ފާފައެއް މި ކުރީ. އަހަންނަށް މާފެއް ހައްގެއް ނޫން". ނަވަލްގެ އަޑު އިވުނެވެ. އުނގުމަތީ އޮތް ނަވަލްގެ އަތުގައި ޔާޒް ހިފެހެއްޓިއެވެ. އޭނާއާ އެކު ވަމޭ ބުނާ ފަދައިންނެވެ. ހަމަ އެފަދައިން ޔެލިޒްވެސް ކަންތައް ކުރިއެވެ. ކުރިއަށް ޖެހިލާ އޭނާ ނަވަލްގެ ހަށިގަނޑުގައި ބައްދާލިއެވެ.

" ނޫން. ތިހެން ބުނަން ހެޔޮ ވެސް ނުވާނެ. އުމުރު ދުވަހު ފާފަ ކުރެވިފައި ވިޔަސް އެ ފާފަތަކަށް ފާފަ ފުއްސަވައިދެއްވާ އިރު ކީއްވެ ނަވަލްއަށް މާފު ހައްގު ނުވާންވީ؟ ކަނޑުގެ ލޮނުގަނޑާއި އެއްވަރަށް ފާފަ ކުރިޔަސް، ފަހުން އެކަމާ ދެރަވެ ހިތާމަ ކޮށް ތައުބާވާން ބޭނުން ވެއްޖެނަމަ މާތް ﷲ، އެ މަގު ކޮންމެ މީހަކަށް ވެސް ފަހި ކޮށްދެއްވާފައިވޭ. ތައުބާވުން އޮތް ގޮތަކީ. އަހަރެން ނަވަލްއަށް މާފް ކޮށްފިން." ޔާޒް ބުންޏެވެ. ކަރުނައިގެ ތެރެއިން ވެސް ނަވަލްގެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުން ފެނި ޔެލިޒްގެ ހިތަށް ލިބުނީ ފިނިކަމެކެވެ.

" ދެން މަންމައޯ؟ ދޮންބެއާ ބައްޕައޯ؟ ދޭ ވިލް ނެވަ ފޮގިވް މީ. ކިހާ ލަދުގަންނާނެ މަންމަ. ކީކޭ މީހުން ބުނާނީ". ނަވަލްގެ ސިކުނޑީގައި ދައުރުވަމުންދިޔަ ހިޔާލުތަށް އެނގުމުން ޔެލިޒް ދޫކޮށްލީ ފުން ނޭވާއެކެވެ.

" މަންމައޭ ތި ބުނީ. އެ މަންމަ ވެސް ނަވަލްއަށް މާފު ކުރާނެ. ޑޯންޓް ވޮރީ ޓޫ މަޗް. ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ". ޔެލިޒް ބުނެލިއެވެ.

އިތުރަށް އެކަކު ވެސް ވާހަކަ ނުދެއްކިއެވެ. އެނދުގެ ހެޑް ބޯޑުގައި ލެނގިލައިގެން ތިބިއިރު ތިން ޒުވާނުންގެ ނަޒަރު ވެސް ތިރި ކޮށްލެވިފަވިއެވެ. އެ ސިކުނޑިތަކުގައި ހިނގަމުންދާ ކަންކަން ދެނެވޮޑިގެންވާނީ ހަމަ އެންމެ ފަރާތަކުންނެވެ.

**********************

ކޮޓަރީގެ ބޭރުގައި ހުރި އުމައިރް މަޑުމަޑުން ދޮރާ ދުރަށް ޖެހިލިއެވެ. މޫނުގައިވީ އަސަރުތައް އޭނާ ފޮރުވަން އުޅޭ ކަހަލައެވެ. ކަނާތް ހިއްލާ މޫނާއެކު އިސްތަށިގަނޑުގައި ހިންގާލިއެވެ. ދެން ލަސް ފިޔަވަޅު ތަކެއްގައި ގޮސް ކުލްސޫމްގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. އެތެރެއިން ދާވޫދް ދޮރު ހުޅުވި އިރު އެނދުގައި ނިދިފައި އޮތް ކުލްސޫމް ފެނި އެވަގުތު އެ ކޮޓަރިއަށް ވަނުމުގެ ހިޔާލު އުމައިރް ދޫކޮށްލިއެވެ. އެހެނަސް ދާވޫދް ކައިރިން ކުލްސޫމްގެ ހާލު އޮޅުންފިލުވިއެވެ. ނަސީބަކުން ކުލްސޫމްއަށް މާ ބޮޑު ކަމެއް ނުވެއެވެ. އެވަގުތު ސިކުނޑިއަށް ލިބުނު ޝޮކުގައި އެފަދަ ކަމެއް ވެދާނޭ ކަމުގައި ޑޮކްޓަރުން ބުންޏެވެ.

**********************

އަށެއް ޖަހަން ކައިރިވެފައި ވަނިކޮށް ގެއަށް އައި އަރްހަމް ފުރަތަމަ ވެސް ހޯދާލީ ޔެލިޒްއެވެ. ފެންނަން ނެތުމުން ނުގޮވަން ހުރެފައި ވެސް ގޮވާލިއެވެ. ގޭގައި ޔެލިޒް ނޫޅޭކަން ޔަގީންވީ ޖަވާބެއް ނުލިބުމުންނެވެ. ނަމަވެސް ބޭރަށް ދާ ވާހަކަ ޔެލިޒް ބުނެފައި ނެތުމުން އަރްހަމްގެ ނިތަށް ކުދި ރޫތަކެއް ޖަމާވިއެވެ. ފިރިމީހާއަށް ކިޔަމަންވުމުގެ ޔެލިޒްގެ އެއްވެސް ފަރުވާތެރިކަމެއް ނެތޭ ހިތް ބުނެލިއެވެ. އެ ވިސްނުމުގައި ހުރެ ފޯނު ނަގައި އަރްހަމް ޔެލިޒްއަށް ގުޅާލިއެވެ. ދެތިން ފަހަރު ރިންގު ވެފައި ފޯނު ކެނޑުނީއެވެ. އަސްރާ އަށް ގުޅޭނެ ގޮތެއް ވެސް ނެތުމާއެކު އަރްހަމް ސޯފާގައި އިށީނެވެ. ބަނޑުހައި ވެފައި ހުރި ނަމަވެސް ގޭގައި ކާނެ އެއްޗެއް ނުހުންނާނެކަން އޭނާއަށް އެނގެއެވެ. ބޭރުން އޯޑަރު ކުރީ އެހެންވެއެވެ.

އޯޑަރު ކުރި ކާ އެއްޗެހި ލިބުނު އިރު ވެސް ޔެލިޒްގެ ހަބަރެއް ނުވިއެވެ. ޔެލިޒްއަށް ގުޅުމަށްޓަކައި އަރްހަމް ކުރި ހުރިހާ މަސައްކަތެއް ވެސް ވީ ބޭކާރެވެ. ލިބިފައިވާ ނުތަވަސްކަމާ އެއްވަރަށް އޭނާއަށް ނުރުހުން ވެސް ވެވުނެވެ. ފާއިތުވެދާ ކޮންމެ ދުވަހަކކީ އެފަދައިން ހޭދަވާނޭ ދުވަހެއްތޯ އަމިއްލަ ޒަމީރާ ސުވާލުކުރެވުނެވެ.

ގޭގެ ބެލް ޖަހާލި އަޑު އިވުމާއެކު އަރްހަމް ފުރަތަމަ ވެސް ބަލާލީ ކައިރީގައި އޮތް ފޯނަށެވެ. ގަޑިން އެގާރަ ޖަހާފައިވާތަން ފެނުމުން ބުމަ ކައިރިކޮށްލެވުނެވެ. އެހެނަސް ލަސްކުރުމެއްނެތި ދޮރު ހުޅުވާލިއެވެ. ދޮރުމަތީ ހުރި ޔެލިޒް ފެނި އެއްޗެކޭ ނުބުނެ އަރްހަމް އެތެރެއަށް ވަނީ ހިތްހަމަނުޖެހިފައި ހުރި ވަރުންނެވެ. އަނގައިން ބުނަން ބޭނުން ވިޔަސް ބުނެވޭ ގޮތުން ކަންކަން ގޯސްވެދާނޭހެން އޭނާއަށް ހީވަނީއެވެ.

" ކައިފިންތަ؟". ސޯފާގައި އިށީންނަމުން ޔެލިޒް އަހާލިއެވެ. އަރްހަމް ބަލާލީ ގަބޫލު ނުކުރެވިފައެވެ. އުޅޭނެ ތަނެއްގައި އުޅުމަށްފަހު ގެއަށް އައިއްސަ ފުރަތަމަ ވެސް ކުރަން ޖެހޭ ސުވާލަކީ އެއީ ތޯ އަހާލާ ހިތްވިއެވެ.

" ނުފެނޭތަ ކުރިމަތީ ހުރި ބަތް ޕާރްސަލް؟؟". އަރްހަމްގެ ޖަވާބު ލިބުމާއެކު ޔެލިޒް ބަލާލީ ފާޑަކަށެވެ.

" ތި ނޫން ގޮތަކަށް އަހަންނާ ވާހަކަ ނުދެއްކޭނެ ނަމަ ވާހަކަ ނުދައްކާ!! އަރްހަމ ތިހާ ރުޅި އަންނަން ކޮން ކަމެއް ކުރެވުނީ؟؟" ޔެލިޒް އަހާލިއިރު އެ އަޑު މަޑެވެ. ކޮންމެވެސް ކަމަކާ ދެރަވެފައި ހުރިހެން އަރްހަމްއަށް ހީވީ ކީއްވެ ކަމެއް ނޭނގެއެވެ. އެ މޫނުން އެހެންޏާ ފެންނަން ހުންނަ ކުލަވަރެއް ނެތެވެ.

" ޔެލިޒްއަށް ކޮން އުނދަގުލެއް ވާނީ؟ ކޮން ތާކުން ތިއައީ؟ އެހާ އަވަހަށް ހަނދާން ނެތުނީތަ ތިއީ މީހެއްގެ އަންބެއްކަން؟ ނޫނީ ހަމަ އެހާ ވެސް ލަދެއް ނެތީތަ ތި ހެން ބޭރުގަ އުޅެ އުޅެފަ އަންނަން؟ ގެންގުޅޭ ސޮރު ކައިރިއަށް ދޯ ދިޔައީ؟". އަރްހަމްގެ އަޑުގައި އެކުލެވިގެންވީ މަލާމާތެވެ. ރުޅި އައި ނަމަވެސް ޔެލިޒް އިސްކުރީ ބުއްދިއެވެ. ތުންފަތަށް ވެރިކުރުވި ހިނިތުންވުމާއެކު އޭނާ އަރްހަމްއަށް ބަލާލިއެވެ.

" އެކަމުގަ މައްސަލައެއް އެބަ އޮތްތަ؟ އަހަރެން މީ ނަމެއްގަ އަރްހަމްގެ އަންހެނުން. ސޯ ވަޓްސް ދި ބިގް ޑީލް؟ އަރްހަމްއަށް ފިރިހެނަކަށް ވެސް ނުވެވުނު. އަހަރެން ބޭނުންވާ ކަންކަން ކޮށްދޭނެ މީހެއް ހުރީމަ އެމީހާ ކައިރިއަށް ދިޔުމަކީ އަރްހަމް ތިހާ ރުޅި އަންނަންޖެހޭ ކަމެއް ނޫނެންނު". ޔެލިޒް ބުނެލީ ހަމަޖެހިފައެވެ. އޭނާ ކޮށްލީ ނުބައި ސަމާސާއެކެވެ. އެކަމުން އަރްހަމްގެ ރުޅިގަނޑު އިތުރަށް ރޯވީ ކަން ޔެލިޒް އަށް އެނގުނެވެ.

އެހެނަސް އޭނާ ހުރީ އަރްހަމްގެ ހަރަކާތްތަކަށް ސަމާލުވެގެންނެއް ނޫނެވެ. ކުއްލިއަކަށް ސޯފާއިން ތެދުވުމަށްފަހު އަރްހަމް ހިފެހެއްޓީ ޔެލިޒްގެ މޫނުގައެވެ. އެ ބިޔަ ހަށިގަނޑާއެކު ޔެލިޒް ސޯފާގައި ފިތުނު އިރު ގުޑިލާނޭ ފުރުސަތެއް އަރްހަމް ނުދިނެވެ. ދެއަތާއެކު ހަށިގަނޑު ގައިދުވެފައި ވުމުން ހަރަކާތެއް ގެނައުމުގައި ޔެލިޒް ނުކުޅެދުނީއެވެ.

= ނުނިމޭ =

Ads by Allied Insurance
  1. ސަރު

    ކޮބާތޯ 23 ވަނަ ބައި؟

    • ލައި

      ވާހަކައަށް ވަނީމަ ފެންނާނެ “މި ވާހަކައިގެ އަދަދުތައް”. އެތަނުން ހުރިހާ އެޕިސޯޑެއް ލިބޭ. 23 ވެސް އެބައިން

  2. ވ ރީތި.. ކޮބާތަ ފޯވިތީ މިހިތް ކަރުނުން..ހާދަލަހޭ އަޕްލޯޑް ކުރަން…

    • އަސްލުވެސް ވަރަށް ލަސްކޮށް ވާހަކަތައް މި ނޫހުގަ ގެނެސްދެނީ..އިންތިޒާރު ކޮށް ކޮށް ބަލިވާ ފަހުން!