ޚަބަރު ސިޔާސީ

'ލާމަރުކަޒީ ނިޒާމު ފައްކާކުރުން'' އެއީ ރައީސްގެ ވަޢުދެއް ނޫން, އެއީ ރައީސް އީމާންވާ ގޮތް: އިމްރާން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ވިއަވަތި ކޮންފަރެންސްގައި އިމްރާން ވާހަކަދައްކަވަނީ.

''ލާމަރުކަޒީ ނިޒާމު ފައްކާކުރުން'' އެއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭނުގައި ވަޢުދެއްގެ ގޮތުގައި ވިދާޅުވެފައިވާ ބަސްފުޅެއް ނޫން ކަމަށާއި އެއީ މި ޖަޒީރާ ރާއްޖޭގެ ވެރިކަން ހިންގަންޖެހޭނެ އެ މަނިކުފާނު އީމާންވެވަޑައިގަންނަވާ ގޮތްކަމަށް ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

ލ.ގަމުގައި މިއަދު ފެށި ވިއަވަތި ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުގައި އިމްރާން ވިދާޅުވީ ލާމަރުކަޒީ ނިޒާމު ފައްކާކުރުމަކީ ރައީސް ޞާލިޙްގެ ވެރިކަން ކުރުމުގެ ވައްޓަފާޅި ކަމަށާއި, ކޮންމެ ދުވަހަކު އަމަލީ ގޮތުން ދައްކަވަމުން ތަޖުރިބާކުރައްވަމުންދާ ގޮތް ކަމަށެވެ.

''ލާމަރުކަޒީ ނިޒާމު ފައްކާކުރުން އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭނުގައި ވަޢުދެއްގެ ގޮތުގައި ވިދާޅުވެފައިވާ ބަސްފުޅެއް ނޫން. އަދި ކިއެއްތަ, އެއީ މި ޖަޒީރާ ރާއްޖޭގެ ވެރިކަން ހިންގަންޖެހޭނެ އެ މަނިކުފާނު އީމާންވެވަޑައިގަންނަވާ ގޮތް.''

''އެ މަނިކުފާނުގެ ޕެޝަން, އެ މަނިކުފާނުގެ ވެރިކަން ކުރުމުގެ ވައްޓަފާޅިއާއި ސްޓައިލް. ކޮންމެ ދުވަހަކު އަމަލީ ގޮތުން ދައްކަވަމުން ތަޖުރިބާކުރައްވަމުންދާ ގޮތް.'' އިމްރާން ވިދާޅުވިއެވެ.

މިއަދުގެ ކޮންފަރެންސްގައި ރައީސް ދެއްކެވި ވާހަކަފުޅުތައް މިކަމުގެ އަސްލެއްކަމަށް ފުދޭކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ފަދައިން މި ދައުރު ނިމުމަށްފަހު މިއަދު ރައީސް އަތޮޅުތަކަށް ފަތުރާލައްވާފައިވާ މި ނިޒާމު އަނބުރާ އިންޗިއަކަށް ވެސް ފަހަތަށް ޖައްސައިލަން އެއްވެސް ބޭފުޅަކަށް ދެން ފުރުސަތު ދެވިގެންނުވާނެ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ޤައުމެއް ތަނަވަސްވިކަމަށްވާނީ އެ ޤައުމެއްގެ ހުރިހާ ރައްޔިތުން ތަނަވަސްވުމުން ކަމަށާއި, ޤައުމަކަށް އުފާވެރިކަން ލިބިގެންދާނީ އެ ޤައުމެއްގައި ހިމެނޭ އެންމެ ނިކަމެތި އެންމެ ފަޤީރު މީހާ ވެސް އުފާވުމުން ކަމަށެވެ. އަދި ދިވެހިރާއްޖެ ތަރައްޤީވާނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތައް އެއްވަރަކަށް ތަރައްޤީވީމަ ކަމަށާއި, ހުރިހާ ރަށްތައް ތަރައްޤީކުރެވޭނީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ރާއްޖޭގައި ގާއިމުކުރެވުނީމަކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

''މި ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ދެން ކުރަން އޮތް އެންމެ މުހިންމުކަމަކީ ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވި ފަދައިން ފުރިހަމަ ގޮތެއްގައި މި ހުރިހާ ފަރާތްތަކެއް ހިމެނޭ ފުޅާ ދާއިރާގެ މަޝްވަރާ އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުން.''

އިމްރާން ވިދާޅުވީ ހެޔޮ ވެރިކަމެއްގަ ހުންނަންޖެހޭ އެންމެ މާތް, އެންމެ މަތިވެރި, އެންމެ މޮޅު, އެންމެ ވިދާ ބަބުޅާ ސިފައަކީ ފުރިހަމަ ސިފައިގަ އެންމެން އެކުގައި މަޝްވަރާކުރުން ކަމަށެވެ.

  1. އަބްދޫ

    މިހާރު މިދާ ގޮތުން ލާމަރުކަޒީ ނިޒާމް ފައްކަލެއް ނުވާނެ. ލާމަރުކަޒީ ނިޒާމް ފައްކާވާނީ މާލޭގަ ދިރިއުލޅޭ މީހުން ދިރިއުޅޭ ހާލަތަށް އަތޮޅުތައްވެސް ރުޖޫއު ކުރެވިގެން. އަތޮޅުތަކުގެ ހިދުމަތް މލެއާ ހަމަކުރެވޭނީ އަތޮޅުއެއްފަސް ކުރެވިގެން. އެއްރަށުގަ ނޫނަސް ތިމާބެނުންވާ ވަގުތަކު ތިމާގެ އަމިއްލަ ކާރު ސައކަލް ގަ ދެވޭ ފެނވަރަށް އަތޮޅުތައް އެއފަސްވެގެން .ހޮނިހިރު ދުވަހު ދާން ބޭނުންވީތަނަކަށް އަންގާރަ ދުވަހު ދެވޭގޮތް ވުމަކީ ތަރައްގިއެއްނޫން އެއީ އަޅުވެތިވުން. ދެވެނީ ބަޔަކު ގެންގޮސްދިނީމަ އަމިއްލަ އިހްތިޔާރު ނެތް . އެއަކަށް ތަރައްގީއެކޭ ނުކިޔޭނެ. އެއީ ރާއްޖޭގެ 3 ވަނަ ދަރަޖަ.