ޚަބަރު ޝަރުޢީ ދާއިރާ

އުދައްޔުގެ މަރު: ކުޑަކުއްޖާގެ މައްޗަށް ދަޢުވާ ސާބިތުވެއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އަޙްމަދު އުދައްޔު

ގއ.މާމެންދޫގައި ހިންގި މާރާމާރީއެެއްގައި ލިބުނު އަނިޔާތަކަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި އަޙްމަދު އުދައްޔުގެ މަރުގެ މައްސަލައިގައި ދަޢުވާ އުފުލައިފައިވާ 18 އަހަރުން ދަށުގެ ކުއްޖާގެ މައްޗަށް އުފުލި ދެ ދަޢުވާ ސާބިތުވެއްޖެއެވެ.

Ads by STELCO

2021 ވަނަ އަހަރުގެ ފެބްރުއަރީ 08 ވަނަ ދުވަހުގެރޭ މާމެންދޫގައި ހިންގި މާރާމާރީއެެއްގައި ލިބުނު އަނިޔާތަކަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި އުދައްޔުގެ (17 އ) މަރުގެ މައްސަލައިގައި ދަޢުވާ އުފުލައިފައިވާ 18 އަހަރުން ދަށުގެ ކުއްޖާގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި, މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާއެވެ.

ޕީޖީ އޮފީހުން ރޭ ބުނީ ޖުވެނައިލް ކޯޓަށް ހުށަހެޅުނު އެ ދެ ދަޢުވާ ސާބިތުވާކަމަށް އެ ކޯޓުން އިއްޔެ ނިންމާފައިވާ ކަމަށެވެ. އަދި ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތަަށް ކުރިއަށް ގެންދާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަޙްމަދު ޝަމީމާއި, ޝަރަފު ރަޝީދާއި, މުޙައްމަދު މާޒިންގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި, މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.

އެ ދަޢުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު, އެ ތިން މީހުންގެ ބައި މިހާރު އޮތީ ހެކިބަސް ނެގުމުގެ މަރުހަލާގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!