ޚަބަރު ސިޔާސީ

އެހެނިހެން ޕާޓީތަކުން ޕީޕީއެމްގެ އެތައް ހާސް މެންބަރުން ''ވަގަށް ނަގާފައިވާ'' ކަމުގެ ތުހުމަތު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: ޕީޕީއެމް

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ ޕީޕީއެމްގެ އެތައް ހާސް މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާކަމަށް ތުހުމަތުކޮށް, އެކަން ހައްލުކޮށްދިނުމަށް އެދި ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން މިއަދު އިލެކްޝަން ކޮމިޝަން (އީސީ) ގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

Ads by Sosun Fihaara

އީސީގައި މިއަދު އޮތް ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒާއި, ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އާއި, ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މުންދު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ފިތްކަނޑައިގެން ދާހައި މިންވަަރަށް ޕީޕީއެމްގެ މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ހުރިހާ ޕާޓީތަކުން ވެސް ޕީޕީއެމްގެ މެންބަރުން ވަގަށް ނަގާފައި އެބަހުރި ކަމަށާއި, އޭގެތެރޭގައި ވަރަށް ބޮޑެތި ޢަދަދުތަކުން މެންބަރުން ވަގަށް ނަގާފައިވާ ތިން ޕާޓީއެއް ފާހަގަކޮށްލެވޭކަމަށް މުންދު ވިދާޅުވިއެވެ. އެ ޕާޓީތަކުން 3000 މެންބަރުން ހަމަކޮށްފައިވަނީ ޕީޕީއެމްއިން މެންބަރުން ވަގަށް ނަގައިގެންކަމަށް މުންދު ވިދާޅުވިއެވެ.

ނަމަވެސް އެ ޕާޓީތަކުގެ ނަންތަކެއް ހާމައެއް ނުކުރައްވައެވެ. އެ ޕާޓީތައް އީސީއަށް އެނގޭނެކަމަށް މުންދު ވިދާޅުވިއެވެ.

އެހެންކަމުން އެ ބޭފުޅުން ވަނީ ޕީޕީއެމްގެ ދަފްތަރުގައި އަލުން އެ މެންބަރުން ހިމަނައިިދިނުމަށާއި, ހިމަނާއިރު އެންމެ ފުރަތަމަ އެ މެންބަރުން ގުޅުނު ތާރީޚް ޕީޕީއެމްގެ ދަފުތަރުގައި ހިމަނައިދޭން ވެސް އެދިފައެވެ.

  1. ބައިގަނޑު

    ވަގައްނަގައިގެންވެސް ތިބައިގަނޑުގެ އަދަދު މަދުުވިއްޔާ ކިހާ ރަނގަޅު!