އިސްލާމީ މަރުކަޒަށް ބޮޑުކަމުދިޔަ މީހާ ދޫކޮށްލީ ޤާނޫނީ އިންޒާރު ދީފައިނުވާތީ
އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދިޔަ މައްސަލައިގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލީ ހައްޔަރުކުރުމަށްފަހު ފުލުހުން އޭނާއަށް ޤާނޫނީ އިންޒާރު ދީފައިނުވާތީކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ އިންޑިއާގެ ޢުމުރުން 52 އަހަރުގެ ލިޖޯ ޖޯން ކިޔާ ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ.
އޭނާ ހައްޔަރު ކުރުމަށްފަހު ކޯޓަށް ހާޒިރުކުރުމުން އޭނާއަށް ދިވެހި ބަސް ނޭނގޭތީ ތަރުޖަމާނަކާއެކު ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށް ބަންދަށް ދިނީ އެއް ދުވަހެެވެ.
އޭނާ ބަންދުގެ މުއްދަތު ހަމަވުމާއެކު އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދުން ދޫކޮށްލައިފައެވެ.
ކޯޓުން ބުނީ އޭނާއަށް ޤާނޫނީ އިންޒާރު ދީފައިވާކަން ފުލުހުންނަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ޤާނޫނީ އިންޒާރު ދޭ ފޯމަކީ ދިވެހި ބަހުން އޮންނަ ފޯމެއް ކަމަށާއި, ތުހުމަތުކުރެވޭ ފަރާތަކީ އިނގިރޭސި ބަސް އެނގޭ ފަރާތަކަށް ނުވާތީ, އެ ފޯމުގައިވާ ކަންކަން ތުހުމަތުކުރެވޭ ފަރާތަށް ތަރުޖަމާކޮށްދިންކަމަށް އެންގުމަށްޓަކައި, އެ ފޯމުގެެ ތިރީގައި މީހާގެ ނަމާއި ސޮއި އޮންނާނެ ކަމަށެވެ.
އެހެންނަމަވެސް އޭނާއަށް ޤާނޫނީ އިންޒާރު ދިންކަން އަންގައިދިނުމުގެ ގޮތުން އެކަން ފުރިހަމަކޮށްފައިނުވާކަން ފާހަގަކުރެވޭތީ ޤާނޫނީ އިންޒާރު ދީފައިވާކަމަށް ޝަރީޢަތަށް ބުރަނެވެވޭތީ އޭނާ ދޫކޮށްލަން ނިންމާ ކަމަށެވެ.