އޮލިމްޕަހުގެ މަސައްކަތްތައް ނިމޭނެކަމަށް ލަފާކުރެވެނީ އަންނަ މަހު: ޔުމްނާ
އޮލިމްޕަސް މަރާމާތު ކުރުމުގެ މަސައްކަތް އަންނަ މަހުގައި ނިމޭނެކަމަށް މިނިސްޓްރީ އޮފް އާޓްސް, ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އޮލިމްޕަސް ބަންދުކުރީ 2020 ގައެވެ. އޭގެފަހުން އެ ތަން އަދި ނުހުޅުވައެވެ.
ނެޝަނަލް ސެންޓަރ ފޮރ ދަ އާޓްސް (އެންސީއޭ) އިން މިދިޔަ ޖުލައިމަހު ބުނެފައިވަނީ އޮލިމްޕަހުގެ މަސައްކަތްތައް ނިމި, މި މަހުގެ ފަހުކޮޅު ޚިދުމަތް ދޭން ފެށޭނެ ކަމަށެވެ. އަދި އޮލިމްޕަހުގެ މަސައްކަތަށް އެކި ފަރާތްތަކާ ހަވާލުކޮށްގެން ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ތަކެތި ގެނައުން ލަސްވެ, ބައެއް ފަރާތްތަކަށް މަސައްކަތް ނުކުރެވިފައިވަނީ، ކޮވިޑާއި, ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރުގެ ދަތުރުފަތުރަށާއި, ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުންނާއި ތަކެތީގެ އަގު އުފުލި, މަޝްރޫޢުގެ ބަޖެޓުގެ ތެރެއިން ގެނެވޭވަރަށްވުރެ ތަކެތީގެ އަގު ބޮޑުވުމާއި ގުޅިގެންކަމަށް ވެސް ބުނެފައިވެއެވެ.
އެ ތަނުގެ މަސައްކަތް ނިމޭނެ ތާރީޚާއި, އެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު ލިޔުމުން ހޯދުމަށް މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން މިނިސްޓަރު ޔުމްނާ މައުމޫން ލިޔުމުން ފޮނުއްވި ޖަވާބު, މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވަވައިފައެވެ.
ޔުމްނާ ވިދާޅުވެފައިވަނީ އޮލިމްޕަހުގެ މަސައްކަތްތައް ނިމޭނެކަމަށް ލަފާކުރެއްވެނީ އޮކްޓޫބަރުމަހުގެ ނިޔަލަށް ކަމަށެވެ.
އޮލިމްޕަހުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު, އޮލިމްޕަހުގައި ހިންގާނެ އެކިއެކި ހަރަކާތްތައް އިސްތިހާރު ކުރުމަށް އޮލިމްޕަހުގެ މައި ގޭޓް މަތީގައި ލެޑް ޕެނަލް އެއް ބަހައްޓައި, އެ ތަނުގެ ވަށައިގެން ޖަހާ ކްލެޑިންގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ޑާންސް ޕްރެކްޓިސް ރޫމްގެ ފާރުތަކުގައި ރިހި ބިއްލޫރި ޖެހުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.