''އައީ ވެސް, ދެމި އޮންނާނީ ވެސް, އިތުރަށް ހޮވޭނީީ ވެސް ގޭންގުތަކުގެ އެހީއާ ނުލާ''

މި ސަރުކާރު އައީ ވެސް, މި ސަރުކާރު ދެމި އޮންނާނީ ވެސް, އިތުރަށް ހޮވޭނީ ވެސް ގޭންގުތަކުގެ އެހީއާ ނުލާކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.
ދާދިފަހުން ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވަނީ, ގޭންގުތަކާއި، ޑްރަގް ލޯޑުން ބޭނުންކޮށް ކެމްޕޭން ކޮށްގެން އަންނަ ސަރުކާރަކަށް ގޭންގުތައް ކުރިމަތީ ހެދޭނެ ގަދައެއް ނޯންނާނެކަމަށް ވިދާޅުވެފައެވެ.
ރާއްޖެ ޓީވީން ރޭ ގެނެސްދިން ''ފަލަސުރުޚީ'' ޕްރޮގްރާމުގައި އިމްރާން ވިދާޅުވީ މި ސަރުކާރު އައީ ވެސް, މި ސަރުކާރު ދެމިއޮންނާނީ ވެސް ގޭންގުތަކުގެ އެހީއާ ނުލައިކަމަށް ރައީސް އިބްރާހިމް މުޙައްމަދު ވިދާޅުވެފައިވާ ކަމަށެވެ. އެ ކެރުމާއި, އެ ގަޓް މި ސަރުކާރުގަ އެބަހުރި ކަމަށާއި, އިތުރަށް ހޮވޭނީ ވެސް ގޭންގުތަކުގެ އެހީއާ ނުލާކަމަށް އިމްރާން ވިދާޅުވިއެވެ.
''އަޅުގަނޑުމެން މި ސަރުކާރު އައީވެސް, މި ސަރުކާރު ދެމިއޮންނާނީ ވެސް, އިތުރަށް ހޮވޭނީ ވެސް, ގޭންގުތަކުގެ އެހީއާ ނުލައި އިރާދަކުރެއްވިއްޔާ. އެއީ އަޅުގަނޑުމެން މި ސަރުކާރަށް ގެނައި އެންމެ ބޮޑު ބަދަލު. އެ ކެރުން އެ ގަޓު އިރާދަކުރެއްވިއްޔާ މި ސަރުކާރުގައި އެބަހުރި.'' އެމްޑީޕީގެ މި ސަރުކާރުގެ ކޯލިޝަނުގެ އެއް ބައިވެރިޔާ ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ މި ސަރުކާރުން ގޭންގުތަކުގެ ކުރިމަތީ ''ކުޑަކަކޫ ނުޖަހާނެ'' ކަމަށެވެ.
''ވަރަށް ސާފުކޮށް ދަންނަވަން އޮތީ މި ސަރުކާރެއް އިރާދަކުރެއްވިއްޔާ ގޭންގުތަކުގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ.''
ނަމަވެސް ގޭންގުތަކުގެ މައްސަލައަކީ އެތައް އަހަރަކުއްސުރެން ފެށިގެން ''މޫލައި'' ހަރުލާފައި އޮތް ސީރިއަސް ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި, އެ ކަންތައްތައް ހުއްޓުވަން ނުވަތަ އެދެވޭ ބަދަލެއް ގެނައުމަށްޓަކައި ވަރަށް ބައިވަރު މަސައްކަތް ކުރަންޖެހިފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އިމްރާން އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު (މެދުގައި). ޒިންމާ އަދާކުރެއްވުމުގެ ގާބިލިއްޔަތުކަމެއް ނެތްކަމަށް ގިނަ ބަޔަކު ބުނޭ.
ގޭންގުތަކުގެ މައްސަލަ ހައްލުކުރުމުގެ ވާހަކަ ދައްކާއިރު, މީގެތެރެއިން ޑްރަގް އެންފޯސްޑް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ތިން ފުލުހަކަށް ގޭންގަކުން ވަނީ ހަމަލާދީފައެވެ. އެއީ މި މަހުގެ 09 ވަނަ ދުވަހު މަޖީދީ މަގު ޓެޕްކޮން ހާޑްވެއާ ކައިރިންނެވެ. މީގެ އިތުރުން ގުރޫޕެއްގެ ބަޔަކު މާފަންނު ޕޮލިސް ސްޓޭޝަން ކައިިރިއަށް އެއްވެ, އޭގެތެރެއިން މީހަކު ސްޓޭޝަނަށް ވަދެ ފުލުހަކަށް މަރުގެ އިންޒާރު ދިންކަމަށް ބުނާ މައްސަލައެއް ވެސް ދާދިފަހުން ފެންމަތިވިއެވެ.
Lއަމްރާނަކީ ދޮގޫވެރިއެއް. ގައުމަށް ހިޔާނާތްތެރިއެއް
ރައީސް ކަމުގެ ހުވާ ކޮށް ޖެހިގެން އައި ދުވަހު މާލޭ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފާހުރި ގޭންގެއްގެ ބޮޑެއް ނެރުނީ ކިހިނެތް