ޚަބަރު އިޖުތިމާޢީ ވިޔަފާރި

ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މާދަމާ ރޭ ސޮއިކުރަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ހަނިމާދޫ އެއާޕޯޓު ތަރައްޤީކުރަން ނިންމާފައިވާ ގޮތުގެ ކުރެހުމެއް.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގައި މާދަމާ ރޭ ސޮއިކުރާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގަން ހަމަޖެހިފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 21:00 ގައި މީރުމާ އިވެންޓު ހޯލުގައި ބާއްވާ ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ. އެއީ 136.6 މިލިއަން ޑޮލަރަށެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.46 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި, އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރުގެ ޒަމާނީ އާ ޓާމިނަލެއް ވެސް ހަދާނެއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށަން ކުރިން ރާވައިފައި އޮތީ މި އަހަރުގެ މެދުތެރޭގައެވެ. އެކަމަކު ޕްރޮޖެކްޓްގެ އަގުބޮޑުވެ, ކްރެޑިޓް ލައިން އިތުރުކުރަން ޖެހުމުން ބަޔަކާ މަޝްރޫޢު ހަވާލު ނުކުރެވި ލަސްވީއެވެ. ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ މަޝްރޫޢު ހިމެނޭ ކްރެޑިޓް ލައިނަށް 100 މިލިއަން ޑޮލަރު އިތުރުކޮށްދިނުމަށް އިންޑިއާއިން ވަނީ އެއްބަސްވެފައެވެ. އެގޮތުން އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!