އެންމެ ފަހުން އަޛުހާން ފެނުނީ ކާރަކަށް އަރަނިކޮށް

ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުންދާ ހ.ބޮނޑިކަނދޮޅުގެ މުޙައްމަދު އަޛުހާން (27އ) އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެއިން ކާރަކަށް އަރަނިކޮށްކަމަށް ފުލުހުން ބުނެފިއެވެ.
އަޛުހާން ގެއްލިގެން ހޯދަން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ.
ފުލުހުން މިއަދު ބުނީ އަޛުހާން އެންމެ ފަހުން ފެނިފައިވަނީމަހުގެ 18 ވަނަ ދުވަހު ފަތިހުގެ ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ކަމަށެވެ.
އެ ގޮތުން ފުލުހުން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލި ބެލުމުން އެ ދުވަހުގެ 04:53 ހާއިރު ހުދުކުލައިގެ ކާރަކަށް އަރާކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށާއި, އިތުރު ފުޓޭޖުތައް ބަލައި ކާރު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.